މިމަހުގެ ކުރީކޮޅު ވިލިމާލޭގައި ފުލުހަކަށް ވަޅިން ހަމަލާދިނީ ގަސްދުގައި ނޫން ކަމަށާއި ޕެޕާ ސްޕްރޭ ޖެހުމުން ވަޅި ހެރުނީ ކަމަށް އެ މައްސަލައިގެ ދައުވާލިބޭ މީހާ މިއަދު ކޯޓުގައި ބުނެފި އެވެ.
މިމަހުގެ ހަތް ވަނަ ދުވަހު ފުލުހުން ހައްޔަރުކުރަން އުޅުމުން އޭގެ ތެރެއިން ފުލުހަކަށް ވަޅިން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މ. ވެރާ، މުހައްމަދު ނަސްރުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ވަނީ ފަށައިފަ އެވެ. މިއަދުގެ ޝަރީއަތުގައި ދައުލަތުން ދައުވާ އިއްވުމުން ނަސްރު ބުނީ އެ ވަޅިން ގަސްދުގައި ހަމަލާ ދިނީ ނޫން ކަމަށާއި އެއްވެސް އިންޒާރެއް ނެތި އޭނާގެ މޫނަށް ޕެޕާ ސްޕްރޭ ޖެހުމުން ވަޅި ހެރުނީ ކަމަށެވެ.
ނަސްރު ބުނިގޮތުގައި އޭނާ ދިރިއުޅޭ ގޭގައި ގެންގުޅޭ ގުރައަކަށް ކާން ދިނުމަށް މައްޗަށް އެރުމަށް ފަހު ވަޅިއެއް ހިފައިގެން ތިރިއަށް ފޭބިއިރު ފުލުހުން ތިރީގައި މަޑުކޮށްގެން ތިއްބެވެ. އަދި ތިރިއަށް އޭނާ އައުމާ އެކު އެއްވެސް އިންޒާރެއް ދިނުމެއް ނެތި އޭނާގެ މޫނާ ވަރަށް ކައިރިން ޕެޕާ ސްޕްރޭ ޖެހި ކަމަށާއި އޭގެފަހުން "ދިމާވި ކަމެއް ދިމާވީ" ކަމަށެވެ. އަދި ގަސްދުގައި ހަމަލާ ނުދޭ ކަމަށް ބުނެ ޝަރީއަތުގައި މާތްﷲ ގަންދީ ހުވާ ވެސް އޭނާ ކުރިއެވެ.
އެކަމާ ގުޅިގެން ދައުލަތުގެ ވަކީލާ ވިދާޅުވީ ޕެޕާ ސްޕްރޭ ޖަހަން ޖެހުނީ ކީއްވެގެން ކަން އެތަނަށް ދިޔަ ފުލުހުންގެ ބަޔާންތަކުން އެނގޭ ކަމަށާއި އެކަން އިތުރަށް ސާފުވާނީ އެ ފުލުހުން ޝަރީއަތަށް ހާޒިރުކޮށްގެން ކަމަށެވެ. އެހެންވެ ނަސްރު ހައްޔަރުކުރަން ދިޔަ ފުލުހުން ހެކިންގެ ގޮތުގައި ދައުލަތުން ހުށަހެޅި އެވެ. އޭގެ ތެރޭގައި އަނިޔާވި ފުލުސް މީހާ ވެސް ހިމެނެ އެވެ.
މީގެ އިތުރުން އެ ހަމަލާ ދިނުމަށް ނަސްރު ބޭނުންކުރި ވަޅިން ފެނުނު ޑީއެންއޭގެ ތަހުލީލު ވެސް ކުރަމުންދާ ކަމަށާއި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ރިޕޯޓް ލިބޭނެ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.
ނަސްރު ހައްޔަރުކުރަން ފުލުހުން އުޅުނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ވައްކަމުގެ މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައިގެ ވާހަކަ ދައްކަން ނަސްރު ފެށުމުން ގާޒީ ވަނީ އެކަން ހުއްޓުވައި، ހުށަހެޅިފައިވާ މައްސަލައިގެ ވާހަކަ ދެއްކުމަށް އަންގައިފަ އެވެ.
ވަކީލަކު އައްޔަން ކުރަން ފުރުސަތަކަށް އެދުމަށް ފަހު ނަސްރު ބުނީ އާއިލާއާ މީހުންނާ ގުޅަންޖެހޭނެ ކަމަށެވެ. ނަމަވެސް ދިފާއުގައި ހުށަހަޅާނެ އެއްވެސް ހެއްކެއް ނެތް ކަމަށް އޭނާ ބުންޏެވެ.
ގާޒީ ވަނީ މިއަދުގެ ޝަރީއަތަށް ފަހު އާއިލާ މީހުންނާ ގުޅޭނެ ގޮތް ކޯޓުން ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވެފަ އެވެ.
ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނަށް މިދިޔަ ޑިސެމްބަރު މަހު ގެނައި ހަރުކަށި އިސްލާހުތަކުގެ ދަށުން ނަސްރުގެ މައްޗަށް ކުރި ދައުވާގައިވަނީ އޭނާ ދިރިއުޅޭ ވ. މިނިވަންހިޔާއަށް ގޮސް އޭނާ ހައްޔަރުކުރަން އުޅުމުން ގާތްގަނޑަކަށް ހަތް އިންޗި ހުންނަވަރުގެ ވަޅިއަކުން އޭގެ ތެރެއިން އެއް ފުލުހަކަށް ނަސްރު ހަމަލާދިން ކަމަށެވެ. އެ ހަމަލާގެ ސަބަބުން އެ ފުލުސް މީހާގެ ކަނާތު ކޮނޑާ ދިމާލުން ޒަހަމްވެފައިވާ ކަމަށް އޭނާގެ މެޑިކޯ ލީގަލް ރިޕޯޓުން އެނގޭ ކަމަށް ވެސް ދައުލަތުގެ ދައުވާގައިވެ އެވެ.
ބޮޑެތި އަދަބުތަކާއި ހަރުކަށި އުސޫލުތަކެއް ހިމަނާފައިވާ އެ އިސްލާހުގެ ދަށުން ނަސްރުގެ މައްޗަށް ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެ އެވެ. އެ މައްސަލައަކީ އެ އިސްލާހުގެ ދަށުން އުފުލި ދެވަނަ ދައުވާ އެވެ.
ގާނޫނަށް ގެނައި އިސްލާހުގެ ދަށުން 30 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ އެ މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލަމުން އެ މައްސަލަ ބައްލަވާ ގާޒީ އަބްދުލްބާރީ ޔޫސުފް ވިދާޅުވީ ދެން އެ މައްސަލައިގެ އަޑުއެހުމެއް އޮންނާނެ ދުވަހެއް ނިންމާނީ ނަސްރުގެ އާއިލާ މީހުންނާ ގުޅުމުން ލިބޭ ޖަވާބަކަށް ބެލުމަށް ފަހު ކަމަށެވެ.