އިސްލާމިކް މިނިސްޓްރީ

އަތޮޅުތަކުގައި ވެސް އިހްޔާ ފޯރަމް އޮންނާނެ

Apr 3, 2022
1

ރޯދަމަހު ބާއްވ އިހްޔާ ފޯރަމްތައް މާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުގައި މިއަހަރު އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މިއަހަރު މާލޭގެ އިތުރުން އިހްޔާ ފޯރަމްތައް އޮންނާނީ އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީ އާއި ފުވައްމުލަކު ސިޓީގެ އިތުރުން ރ. އުނގޫފާރުގަ އެވެ.

މާލޭގައި އިހްޔާ ފޯރަމް ފަށާނީ މިރޭ އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިރެއިން ފެށިގެން ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހެއްގެ ރޭ 9:30 އޮން 10:30 އަށް މާލޭގައި އިހްޔާ ފޯރަމްތައް ބާއްވާނެ ކަމަށެވެ. އިހްޔާ ފޯރަމް ބާއްވާނީ އިސްލާމީ މަރުކަޒުގަ އެވެ.

މިރޭ އިސްލާމީ މަރުކަޒުގައި އޮންނަ އިހްޔާ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ ޝައިޚް އިލްޔާސް ހުސައިން އަދި ޝައިޚް ނަސްރުﷲ އަލީ އެވެ. މައުލޫއަކީ "ހެޔޮކަމުގެ މޫސުމުގެ ފައިދާ ލިބިގަތުމުގައި އަވަސްވެގަންނާށެވެ" މިއެވެ.

އަތޮޅުތަކުގައި އިހްޔާ ފޯރަމް ބާއްވާ ދުވަސްތައް

  • ކުޅުދުއްފުށި ސިޓީ - އޭޕްރީލް އަށެއް
  • އައްޑޫ ސިޓީ - އޭޕްރީލް 15
  • ފުވައްމުލަކު ސިޓީ - އޭޕްރީލް 22
  • ރ. އުނގޫފާރު - އޭޕްރީލް 29

އިހްޔާ ފޯރަމަކީ އާންމުން ބައިވެރި ކޮށްގެން ދީނީ މައުލޫމާތު ދިނުމަށް ބާއްވާ ސެޝަންތަކެކެވެ. މި ޕްރޮގްރާމްގައި އެކި ދީނީ އިލްމުވެރިން އެކި މައުލޫތަކަށް ވާހަކަދައްކާނެ އެވެ. އަދި އެރެޔަކު ވާހަކަ ދައްކާ މައުލޫއަކާ ގުޅިގެން އާންމުން ސުވާލުތަކަށް ޖަވާބު ދިނުން ވެސް އޮވެ އެވެ.

ރާއްޖޭގައި އިހްޔާ ފޯރަމް ބާއްވާތާ 35 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.