ދުނިޔެ

ޕާކިސްތާންގެ ގާނޫނު ހަދާ މަޖިލިސް އުވާލައިފި

ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ހާން އެދިވަޑައިގަތުމުގެ މަތިން ރައީސް ޑރ. އާރިފް އަލްވީ ގާނޫނު ހަދާ މަޖިލިސް އުވާލައްވައިފި އެވެ.

ޕާކިސްތާން ރައީސްގެ ރަސްމީ ޓްވީޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް އަމަލުކުރެއްވީ ގާނޫނުއަސާސީއާ އެއްގޮތަށް ކަމަށެވެ.

ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށް އެ ވިދާޅުވީ ބޮޑުވަޒީރަކަށް ހުންނަވާ ބޭފުޅަކު އެދިވަޑައިގެންފިނަމަ ގާނޫނު ހަދާ މަޖިލިސް އުވާލެއްވުން ރައީސްއަށް ލާޒިމްވާތީ އެވެ.

މަޖިލީސް އުވާލާ ދުވަހުން ފެށިގެން 90 ދުވަހުގެ ތެރޭގައި އާ އިންތިހާބެއް ބާއްވަން ޖެހޭ ކަމަށް ވެސް ގާނުންގައި ބުނެފައި އޮވެ އެވެ.

އިމްރާން ހާން ބޮޑުވަޒީރު ކަމުން ދުރުކުރަން އިދިކޮޅުން މަސައްކަތް ކުރަމުން ގެންދަނިކޮށް ގާނޫނު ހަދާ މަޖިލިސް އުވާލުމުން ގިނަ ބަޔަކު ވަނީ ސިހިފަ އެވެ. ތަޖުރިބާކާރުން ބުނާ ގޮތުން އިމްރާން އަމަލުކުރެއްވީ އެފަދަ ހާލަތެއްގައި ވެރިޔަކު އަމަލު ކުރައްވަން އޮތް އެންމެ ޕްރޮފެޝަނަލްކޮށެވެ.

ބޮޑުވަޒީރު އިމްރާން ގައުމާ މުހާތަބު ކުރަައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެމަނިކުފާން މަގާމުން ދުރުކުރަން މަސައްކަތްކުރާ ބަޔަކު މަސައްކަތްކުރަނީ ބޭރު ގައުމެއްގެ ނުފޫޒުގައި ޖެހިގެން ކަމަށެވެ. އެއީ ގައުމަށް ވަފާތެރި ބައެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އިމްރާން ހާންގެ އިތުބާރު ނެތް ކަމަށް އިދިކޮޅުން ހުށަހެޅި މައްސަލަ ގާނުން ހަދާ މަޖިލީހުގެ ނައިބު ރައީސް, ގާސިމް ސޫރީ ވަނީ ބޭރުކޮށްލާފަ އެވެ. އޭނާ ވިދާޅުވި ގޮތުން އިދިކޮޅު ޕާޓީތައް ގުޅިގެން ބޮޑުވަޒީރު މަގާމުން ދުރުކުރަން ކުރަނީ ގާނޫނު އަސާސީއާ ޚިލާފު މަސައްކަތްތަކެއް ކަމަށެވެ.