ސްރީލަންކާ

ލަންކާގެ ހާލަތާމެދު ރާއްޖޭގައި އަޑުއުފުލައިފި

އަވައްޓެރި ސްރީލަންކާއަށް ދިމާވެފައި އޮތް ހާލަތަށް ނުރުން ފާޅުކޮށް ރާއްޖޭގައި އުޅޭ އެ ގައުމުގެ ބައެއް ރައްޔިތުން އަޑުއުފުލައި ސުލްހަވެރި އިހުތިޖާޖެއް ކޮށްފި އެވެ.

ލަންކާ މިނިވަންވީ ފަހުން އެ ގައުމު ނުދެކޭ ފަދަ އިގްތިސާދީ ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އެކިފަހަރު މަތިން ގައުމަށް ދިމާވި މާލީ ނުތަނަވަސް ކަމުން އަރައިގަތުމަށް ގައުމުތަކުން ބޮޑެތި ލޯނުތައް ނެގުން ވަނީ ވަރަށް ސީރިއަސް ކަމަކަށް ވެފަ އެވެ. ލަންކާ ސަރުކާރުން ބުނާ ގޮތުން ގައުމަށް ބޭނުންވާ ކާބޯތަކެތި ގަނެވޭ ވަރު ވެސް މާލިއްޔަތުގައި މިހާރަކު ނެތެވެ.

ލަންކާއިން ތެޔޮ ހުސްވުމުގެ ސަބަބުން އެކި ސަރަހައްދު ތަކުން ކަރަންޓް ކަނޑަން ވަނީ މަޖުބޫރުވެފަ އެވެ. ބައެއް ސަރަހައްދު ތަކުން އަށްގަޑިއިރަށް ބައެއް ސަރަހައްދު ތަކުން 13 ގަޑިއިރަށް މިހާރު ވަނީ ކަރަންޓް ކަނޑަށް ފަށާފަ އެވެ. އެ ނޫން އެތައް ގޮތަކުންވެސް ލަންކާގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ގައުމަށް ދިމާވެފައި އޮތް ހާލަތަށް ނުރުން ފާޅުކޮށް ސަރުކާރުގެ ނާގާބިލު ކަމަށް ގޮވައި އާންމު މަގުތަކަށް އެއްވެ ބޮޑެތި ގެއްލުން ވަނީ ދީފަ އެވެ. ސަރުކާރު ވައްޓާލުމުގެ ނިޔަތުގައި މުޒާހަރާކުރާ މީހުން، އަމަން ބަލަހައްޓާ އޮފިސަރުންނާ ކުރިމަތިލައި ގިނަ ބަޔަކަށް ބޮޑެތި އަނިޔާ ވަނީ ލިބިފަ އެވެ.

ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންވެސް މިއަދު ވަނީ ލަންކާގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖެއް ކޮށްފައެވެ. ހުޅުމާލެ އާއި މާލޭގައިވެސް އިހުތިޖާޖު ކުރިއަށް ގެންދިޔައެވެ. އެ މީހުން ވަނީ ލަންކާ މިހާރު އޮތް ހާލަތަށް ވެއްޓުމުގެ ޒިންމާ މިހާރުގެ ވެރީން ނަގަން ޖެހޭނެ ކަމަށް ބުނެ ލަންކާގެ ވެރީން އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ.

ލަންކާގެ ރައްޔިތުންތަކެއް ރާއްޖޭގައި ކުރި އިހުތިޖާޖު ލަންކާގެ ނޫސްތަކާ ހަމައަށް ވަނީ ފޯރާފައެވެ.