ސްރީލަންކާ

ހަމަނުޖެހުން އިތުރު، ކާފިއު ބުދަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި

ލަންކާއަށް އިގުތިސޯދީ ގޮތުން ދިމާވެފައި އޮތް ދަތި ހާލަތުން އަރައިގަތުމަށް ދެމެހެއްޓެނިވި ގޮތެއް ނުފެނިގެން އުޅެނިކޮށް ކުރިމަތިވި ސިޔާސީ ހަމަނުޖެހުންތައް ކޮންޓްރޯލުން ނައްޓާ އެ ގައުމު ބޮޑު ބިރުވެރި ކަމެއްގެ ތެރެއަށް ވެއްޓިފައިވާއިރު އެ ގައުމުގައި އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ބުދަ ދުވަހުގެ ނިޔަލަށް ދަމަހައްޓަން ރައީސް ގޯޓާބެ ރާޖަ ޕަކްސަ ނިންމަވައިފި އެވެ.

ލަންކާގެ ހާލަތު ގޯސްވުމުން މީގެ ކުރީންވެސް އެކި ފަހަރު މަތީން އެކި ސަރަހައްދުތަކަށް ކުއްލި ހާލަތު އިއުލާނުކުރިއެވެ. ނަމަވެސް ހަމަނުޖެހުންތައް ކޮންޓްރޯލުން ނައްޓާ އެ ގައުމު ބޮޑު ބިރުވެރި ކަމެއްގެ ތެރެއަށް ވެއްޓުމުން މުޅި ގައުމުގައި ކުއްލި ހާލަތު އިއުލާނު ކުރިއެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ހާލަތު ބުދަ ދުވަހުގެ ނިޔަލަށް ދަމަހައްޓަން ރައީސް ގޯޓާބެ ރާޖަ ޕަކްސަ މިހާރު ވަނީ ނިންމަވާފައެވެ.

ސަރުކާރުން ބުނަނީ ބުދަ ދުވަހުގެ ހެނދުނު 7:00 އާ ހަމައަށް ކާފިއު ދަންމާލާފައިވާ ކަަމަށާ މަގުތަކަށް ނިކުމެ އުޅުމަކީ މަނާ ކަމެއް ކަމަށެވެ. ނަމަވެސް އެ އަމުރު އެއްވެސް ސަރަހައްދެއްގައި ތަންފީޒު ނުކުރެވެއެވެ. ހާއްސަކޮށް ހަމަނުޖެހުން ބޮޑު ސަރަހައްދުތަކުގައި އަދިވެސް މި ދަންވަރު އެތައް ސަތޭކަ ބަޔަކު ދަނީ މަގުތަކުގައި އަޑުއުފުލަމުންނެވެ.

ރުޅިގަދަވެފައިވާ ލަންކާގެ ރައްޔިތުން ގެންދަނީ ސަރުކާރުގެ ވެރީންގެ ގެކޮޅުތަކާއި އޮފީސްތަކަށް ބޮޑެތި ގެއްލުންތައް ދެމުންނެވެ. ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވި މަހިންދަ ރާޖަޕަކްސަގެ ގެކޮޅެއްގައިވެސް ރޯކޮށް ވަނީ އަންދާލާފައެވެ. އެއީ ހަމްބަންޓޯޓާގެ މެޑަމުލަނައިގައި ހުންނަ އެމަނިކުފާނުގެ އަމިއްލަ ގެކޮޅެވެ. ރާޖަޕަކްސަ މިއުޒިއަމްގައިވެސް ހުޅުޖަހާ ދެއްޔަށް ވަނީ ހަދާލާފައެވެ.

ހަމަނުޖެހުންތައް ބޮޑުކަމުން އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރެވޭ ގޮތެއް ނުވެއެވެ. އެހެން ކަމުން ހުޅުގަނޑު ފަޅައިގެންގޮސް އަލިފާނުގެ ބޮޑު ހާދިސާއަކަށް ބަދަލުވެ މުޅި ގެއާއި އިމާރާތުގެ ތެރޭގައިވާ ވެހިކަލްތަކާއި ހުރިހާ އެއްޗެއް އަނދައިގެން ދަނީ އެވެ.

ހަމަނުޖެހުންތަކުގައި ވެރިކަންކުރާ ޕާޓީގެ މަޖިލިސް މެންބަރެއް ކަމަށްވާ އަމަރަކީރިތި އަތުކޮރަލާ ވަނީ އަވަހާރަވެފައެވެ.ރިޕޯޓްތައް ބުނާ ގޮތުގައި ވަރުގަދަ ހަމަނުޖެހުންތަކުގައި ލިބިވަޑައިގެން ޒަހަމުތަކާއެކު އަވާހަރަވީ އެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އަމަރަކީރިތި އަތުކޮރަލާ އަވަހާރަވީ އަމިއްލައަށެވެ.

ވަރަށް ގިނަ މެންބަރުންގެ ގެކޮޅުތައް ވަނީ މުޅީން އަންދާލާފައެވެ.

ލަންކާގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުން ލަންކާ މި ފަހުން ނުދެކޭ ފަދަ ނުރައްކާތެރި ހާލަތަށް ދިޔައީ މަގާމު ދެމެހެއްޓުމަށް މަހިންދަ ރާޖަޕަކްސަ މިއަދު ކުރެއްވެވި "ނުރައްކާތެރި" ކަމެއްގެ ސަބަބުން ކަމަށެވެ. އެއީ ސުލްހަވެރިކަމާއެކު މުޒާހަރާ ކުރަމުން ދިޔަ މީހުންގެ ތެރެއަށް މޮބުން ފޮނުވައިގެން ބޮޑު ހަމަނުޖެހުމަކަށް ބަދަލު ކުރުމެވެ.

އިތުބާރުހުރި މަސްދަރުތަކުން ބުނާ ގޮތުން ހަމަނުޖެހުން ހިންގި ގޭންގުތަކުން އެކަން ކުރީ މަހިންދަ ރާޖަޕަކްސަގެ އޯޑަރަށެވެ. އެ ގުރޫޕްތަކުން މަގުތަކަށް ނިކުމެ އާންމުންނާއި ކުރިމަތިލީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ޓެމްޕަލް ޓްރީގައި މަޝްވަރާތަކެއް ކުރުމަށް ފަހު އެވެ.

ލަންކާގެ ހާލަތު ގޯސްވެ މުޅި ދުނިޔޭގެ ސަމާލުކަން ވަނީ އެ ގައުމަށް ހުއްޓިފައެވެ. ދާހިލީ ބޮޑު ހަނގުރާމައަކުން ސަލާމަތްވެ ވަރަށް ސުލްހަވެރި ގައުމެއްގެ ގޮތުގައި ބެލެވުނު ސްރީލަންކާއިން މިއަދު ހެނދުނުން ފެށިގެން ފެންނަމުން ދަނީ ބިރުވެރި މަންޒަރުތަކެކެވެ. ހަމަނުޖެހުންތަކުގައި އެތައް ސަތޭކަ ބަޔަކު ވަނީ ޒަަހަމްވެފައެވެ. ބައެއް މީހުންގެ ހާލު ވަރަށް ދެރައެވެ. މިހާތަނަށް ދެ މީހަކު މަރުވެފައިވާއިރު ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން އެތައް ބައެއްގެ ފުރާނަ ވަނީ ނުރައްކަލަށް ހުށައެޅިފައެވެ.