ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ސްރީލަންކާގެ ހުރިހާ މިނިސްޓަރުން އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.
އެކަން ހާމަކުރެއްވީ އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ދިނޭޝް ގުނަވަރުދެނަ އެވެ. އޭނާ ވަނީ އިސްތިއުފާގެ ސިޓީ ހުށައަޅުއްވާފަ އެވެ. އޭގެ ފަހުން ވިދާޅުވީ ހުރިހާ މިނިސްޓަރުން ވެސް މަގާމުން ވަކިވާން އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓަރު ދިނޭޝް ގުނަވަރުދެނަގެ ކުރީން ސްޕޯޓްސް މިނިސްޓަރު ކަމާއި ޑިޖިޓަލް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވި ބޮޑުވަޒީރުގެ ދަރިކަލުން ނަމާލް ރާޖަޕަކްސާ ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ހަމްބަންޓޯޓާ އިން ރެކޯޑް އަދަދެއްގެ ވޯޓާއެކު އާންމު އިންތިހާބު ކާމިޔާބު ކުރެއްވި ނަމާލްއަކީ ލަންކާގެ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު ބޭފުޅެކެވެ.
ނަމަވެސް ސަރުކާރުގައި އާއިލީ ނުފޫޒު ގަދަވެ މުޅި ވެރިކަން އެއް އާއިލާއެއްގެ މުށުތެރޭގައި އޮތް ކަމަށް ސިފަކޮށް ނަމާލްއާ ސިޔާސީ ގޮތުން ދިމާކުރާ މީހުންވެސް ލަންކާގައި ވަރަށް ގިނަ އެވެ.
ސްރީލަންކާގެ ހުރިހާ މިނިސްޓަރުން އިސްތިއުފާ ދެއްވަން ނިންމެވިއިރު ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ، ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވަން އެއްބަސްވެވަޑައިގެންފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެމަނިކުފާނުގެ އޮފީހުން ވަނީ ދޮގުކޮށްފައެވެ. ލަންކާގެ މަޝްހޫރު ބައެއް ނޫސްތަކުން ވަނީ އެކުވެރި ޕާޓީތަކާއެކު ބޭއްވުނު މަޝްވަރާތަކަށް ފަހު ލަންކާއަށް އައު ބޮޑުވަޒީރަކަށް ފުރުސަތު ދެއްވަން މަހިންދަ ނިންމަވާފައިވާ ކަމަށް ބުނެ ރިޕޯޓްކޮށްފައެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން މިރޭ މާދަންވުމުގެ ކުރީން ބޮޑުވަޒީރުގެ މަގާމުން މަހިންދަ އިސްތިއުފާ ދެއްވާނެ އެވެ. އަދި އައު ކެބިނެޓެއް އެކުލަވާލާ ވަގުތީ ސަރުކާރަކާއެކު ގައުމު ހިންގޭތޯ މަސައްކަތް ފަށާނެ އެވެ. ރައީސް ގޮޓަބާޔާއަށް ޕާޓީތަކުން ހުށައެޅި އެންމެ މުހިންމު ޝަރުތަކީ ލަންކާއަށް އައު ބޮޑުވަޒީރެއް ހަމަޖެއްސުމެވެ.
އެއީ މިހާރު އެ ގައުމަށް ދިމާވެފައިވާ އިގްތިސާދީ މައްސަލަތަކާއެކު ރުޅިގަދަވެފައިވާ ރައްޔިތުން "މައިތިރި" ކުރެވޭނެ އެންމެ މުހިންމު ނިންމުން ކަަމަށްވެސް ޕާޓީތަކުން ރައީސަށް ދަންނަވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެ ރިޕޯޓް ދޮގުކޮށް ބޮޑުވަޒީރުގެ އޮފީހުން ބުނީ ބޮޑުވަޒީރުގެ މަގާމުން މަހިންދަ އިސްތިއުފާ ދެއްވަން ނިންމާފައިނުވާ ކަމަށާ ދެކެވެނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ބޮޑުވަޒީރު އަވަދި ނެތި އުޅުއްވަނީ ގައުމުގެ ހާލަތު ރަނގަޅު ކުރެއްވޭނެ އައު ޕްލޭނެއްގެ މަސައްކަތުގައި ކަަމަށް ވިދާޅުވިއެވެ. ލަންކާއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެވި ރައްޔިތުންނަށް ފަސޭހަ ދިރިއުޅުމެއް ހޯދާ ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ބުނެފައިވެއެވެ.
ލަންކާ މިނިވަންވީ ފަހުން އެ ގައުމު ނުދެކޭ ފަދަ އިގްތިސާދީ ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އެކިފަހަރު މަތިން ގައުމަށް ދިމާވި މާލީ ނުތަނަވަސް ކަމުން އަރައިގަތުމަށް ގައުމުތަކުން ބޮޑެތި ލޯނުތައް ނެގުން ވަނީ ވަރަށް ސީރިއަސް ކަމަކަށް ވެފަ އެވެ. ލަންކާ ސަރުކާރުން ބުނާ ގޮތުން ގައުމަށް ބޭނުންވާ ކާބޯތަކެތި ގަނެވޭ ވަރު ވެސް މާލިއްޔަތުގައި މިހާރަކު ނެތެވެ.
ލަންކާއިން ތެޔޮ ހުސްވުމުގެ ސަބަބުން އެކި ސަރަހައްދު ތަކުން ކަރަންޓް ކަނޑަން ވަނީ މަޖުބޫރުވެފަ އެވެ. ބައެއް ސަރަހައްދު ތަކުން އަށްގަޑިއިރަށް ބައެއް ސަރަހައްދު ތަކުން 13 ގަޑިއިރަށް މިހާރު ވަނީ ކަރަންޓް ކަނޑަށް ފަށާފަ އެވެ. އެ ނޫން އެތައް ގޮތަކުންވެސް ލަންކާގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
ލަންކާގެ އެތައް ހާސް ބަޔަކު ދަނީ މަގުތަކަށް ނިކުމެ އިހުތިޖާޖުކޮށް ވެރީންގެ އިސްތިއުފާއަށް ގޮވަމުންނެވެ. އެކަން ހުއްޓުވަން ކާފިއު އިއުލާނުކޮށް މަގުތަކަށް ނިކުތުން މުޅީން މަނާކުރިނަމަވެސް ކާފިއުގެ އަމުރު ތަންފީޒު ކުރެވޭ ގޮތެއް ނުވިއެވެ.