އާއްމު ދިރިއުޅުމުގައި އުޅޭއިރު ކަރުހިއްކުން ފިލުވާލަން ނުވަތަ ވަރުބަލިކަން ފިލުވާލަން ސޮފްޓް ޑްރިންކް ބޯ މީހުން ވަރަށް ގިނަ އެވެ. ނަމަވެސް މިގޮތަށް ބޯން ތައްޔާރުކޮށްފައި ހުންނަ ބުއިންތަކުން ހަށިގަނޑަށް ލިބޭ ފައިދާ އަށް ވުރެ ގެއްލުން މާ ބޮޑެވެ.
ފަހުގެ ދިރާސާއެއް ބުނާ ގޮތުގައި ސޮޑާ އާއި އެނާޖީ ޑްރިންކްސްގެ ގިނަ ވައްތަރުތަކުގައި ފޮނި ކުރަން ބޭނުންކޮށްފައި ހުންނަނީ އާޓިފިޗަލް ސްވީޓްނާ އެވެ. މި ތަކެތި ބުއިމުން ކެންސަރަށް މަގުފަހިވާ އެންމެ ބޮޑު ސަބަބަކީ މިއެވެ.
ޖާނަލް ޕްލޯސް މެޑިސިންގެ މާޗް 2022 ގެ އަދަދުގައި ސައިންސްވެރިން ޝާއިއު ކޮށްފައިވާ ދިރާސާ ރިޕޯޓު ތައްޔާރު ކޮށްފައި ވަނީ ފްރާންސްގެ 100،000 އަށް ވުރެ ގިނަ މީހުން ލައްވާ ސުވާލު ކަރުދާޙެއް ފުރުވައިގެންނެވެ. މި ކަރުދާހުގައި ވަނީ އެމީހުންގެ ކެއިން ބުއިމުގެ އާދަތައް ގެންގުޅުނު ގޮތާއި ސިއްހަތާ ގުޅޭ ސުވާލު ތަކެވެ.
މި ސުވާލު ކަރުދާސްތައް ފުރުވިތާ އަށް އަހަރު ފަހުން އެމީހުންގެ ފޮލޯއަޕް އެއް ހެދި އެވެ. އަދި އެމީހުން އާޓިފިޝަލް ސްވީޓްނާ އެކުލެވޭ ބުއިންތައް މި މުއްދަތުގެ ތެރޭގައި ބޮއިފައި ހުރި މިންވަރާއި ކެންސަރާ ހުރި ގުޅުން ސައިންސްވެރިންނަށް ފާހަގަ ކުރެވުނެވެ.
ސައިންސްވެރިން ފާހަގަ ކޮށްފައިވާ ގޮތުގައި މި މީހުންނަށް ޖެހިފައިވަނީ ވަކި އެއް ވައްތަރެއްގެ ކެންސަރެއް ނޫނެވެ. ހުރިހާ ވައްތަރެއްގެ ކެންސަރެއް ވެސް މި މީހުންގެ ތެރެއިން ބައެއް މީހުންނަށް ޖެހިފައި ވެއެވެ.
ސައިންސްވެރިން ބުނާ ގޮތުގައި އާޓިފިޝަލް ސްވީޓްނާގައި އެކުލެވޭ އެސްޕާޓޭމް އާއި އޭސަލްފޭމް-ކޭ އަކީ ކެންސަރު ޖެހުމަށް މަގުފަހިވާ ޚާއްސަ މާއްދާތަކެއް ކަމަށެވެ.
އެސްޕާޓޭމް އެކުލެވޭ ތަކެތި ބޭނުންކުރުމުން ލޭގައި ހަކުރު އެކުލެވޭ މިންވަރު އިތުރުވާކަމަށާއި އިންފްލެމޭޝަން އަށް މަގުފަހިވާ ކަމަށް ސައިންސްވެރިން ގަބޫލު ކުރެ އެވެ. އަދި މިއީ އިންސިއުލިން އުފައްދާ ނުދިނުމުގެ ނުރައްކާ އިތުރުވާ ކަމެކެވެ. އޭސަލްފޭމް-ކޭ އަކީ ކެންސަރުގެ ނުރައްކާ އިތުރުކޮށްދޭ އަދި ގުލްކޯޒް އިންޓޮލެރެންސް އިތުރުވާ ކަމެކެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ބުނާ ގޮތުގައި ޗުއިންގަމް، ސީރިއަލްސް އަދި ބައެއް ވައްތަރުގެ ތައްޔާރީ ބުއިންތަކުގައި އެސްޕާޓޭމް އެކުލެވެ އެވެ. އޭސަލްފޭމް-ކޭ އެކުލެވޭ ކާއެއްޗެތީގެ ތެރޭގައި ހަރު މެޓާ، ފިހެފައި ހުންނަ ބައެއް ތަކެތި އަދި ތައްޔާރީ ބައެއް ބުއިންތައް ހިމެނޭ ކަމަށް އެ އޮތޯރިޓީން ބުނެފައި ވެއެވެ.