ރާއްޖެ ކުޅިވަރު

އިންޑިޔާގެ ސަޕޯޓަރުންނަށް ވެސް ދަނޑަށް ވަނުން ހިލޭ

ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގައި އިންޑިޔާއިން ވެސް އެ ގައުމުގެ ސަޕޯޓަރުންނަށް ހިލޭ ޓިކެޓް ބަހަމުންދާކަން ކަށަވަރުވެއްޖެ އެވެ.

ޑިސެމްބަރު 23 އިން ފެށިގެން އިންޑިޔާގައި ކުރިއަށްދާ މުބާރާތުގައި މިހާތަނަށް އިންޑިޔާ ކުޅުނު ދެ މެޗުގައި ވެސް ސަޕޯޓަރުން ދަނޑަށް ވަނީ ހިލެ އެވެ.

ސްރީލަންކާ އަތުން އިންޑިޔާ 2-0އިން މޮޅުވި މެޗާއި އިއްޔެ ނޭޕާލް އަތުން 4-1 އިން މޮޅުވި މެޗުގައި ސަޕޯޓަރުންނަށް ބަހާފައިވާ ޓިކެޓްގެ މަތީގައި އެކަން އެނގޭ ގޮތަށް "ކޮމްޕްލިމެންޓަރީ،" ޖަހާފައިވެ އެވެ. މިއީ ކްރިކެޓަށް މަރުދީފައިވާ އިންޑިޔާގެ 1.5 މިލިއަން މީހުންގެ އާބާދީގައި ފުޓްބޯޅަ ދިރުވުމުގެ ހަރަކާތުގެ ބައެކެވެ.

ލަންކާ މެޗުގައި ކުޅިބަލަންވަން އިންޑިޔާގެ ސަޕޯޓަރުންނަށްވުރެ ނޭޕާލް މެޗަށް ވަން ސަޕޯޓަރުން މާގިނަ އެވެ. މުބާރާތުގައި މިހާތަނަށް ސަޕޯޓަރުންނަށް ޓިކެޓް ބަހަމުންގޮސްފައިވަނީ ދެ ގައުމުންނެވެ. އެއީ ދިވެހިރާއްޖެ އާއި އިންޑިޔާ އެވެ.

ޓިކެޓް ލިބުމުގައި އުނދަގޫތަކެއް ހުރުމުން އެންމެ ފުރަތަމަ ޓިކެޓް ސަޕޯޓަރުންނަށް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރި ނަމަވެސް ޓްރިވެންޑްރަމުގެ ދިވެހި ކޮންސޫލުން ވަނީ ޓިކެޓް ބެހުމުގެ މަސައްކަތް ވަރަށް ފުރިހަމަކޮށްފަ އެވެ. ހާއްސަކޮށް އެފްއޭއެމް މެދުވެރިގެން ކޮންމެ މެޗަަކަށް ޓިކެޓް ހޯދުމާއި ސަޕޯޓަރުންގެ އިންތިޒާމްތައް ހަމަޖެއްސެވުމުގެ މަސައްކަތުގައި ޓްރިވެންޑްރަމުގައި ހުންނަވާ ދިވެހި ކޮންސޫލްގެ އެންމެ އިސްވެރިޔާ އަލީ އާދަމް ވަރަށް ބޮޑަށް އުޅުއްވާތަން ފެނެ އެވެ. ފުރަތަމަ ދެ މެޗުގައި ރާއްޖޭގެ ސަޕޯޓަރުން ދަނޑުގެ އެކި ހިސާބުތަކުގައި ތިބެންޖެހުމުން އެކަން ބަދަލުކޮށް އެންމެނަށް އެއްތަނެއްގައި ތިބެވޭނެގޮތް ހައްދަވައިދެއްވުމަށް ވެސް އަލީ އާދަމް ދަނީ މަސައްކަތް ކުރައްވަމުންނެވެ.

މުބާރާތް ކުޅޭ ޓްރިވެންޑްރަމުގެ ގްރީން ފީލްޑް އިންޓަނޭޝަނަލް ސްޓޭޑިއަމަަކީ 50000 މީހުންނަށް ކުޅިބަލަން ވަދެވޭ ބޮޑު ސްޓޭޑިއަމެކެވެ. ނަމަވެސް ރާއްޖެ އާއި އިންޑިޔާގެ ސަޕޯޓަރުން ފިޔަވައި އެހެން ބަަޔަކު ދަނޑަށްނުވަދެ އެވެ.