އެމެރިކާ

އެމެރިކާގެ ސްޓޭޓް ޕާޓްނާޝިޕް ޕްރޮގްރާމްގައި ރާއްޖެ

Apr 4, 2022
1

މޮންޓޭނާ ނެޝަނަލް ގާޑް ސްޓޭޓް ޕާޓްނާޝިޕް ޕްރޮގްރާމްގައި ރާއްޖެއިން ބައިވެރިވުމާބެހޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އެމްއެންޑީއެފް އިންޓާގްރޭޓަޑް ހެޑްކުއާޓާޒްގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ. އެމެރިކާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މޮންޓޭނާ ނެޝަނަލް ގާޑުގެ މޭޖާ ޖެނެރަލް ޖޯން ރޮނިކް އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ދުނިޔޭގެ 90 އަށްވުރެ ގިނަ ގައުމުން ބައިވެރިވެފައިވާ މި ޕްރޮގްރާމްގައި ރާއްޖެއިން ބައިވެރިވި ވުމަކީ ރާއްޖެ އާއި އެމެރިކާ ސަރުކާރާ ދެމެދު ދިފާއީ އަދި ސަލާމަތީ ގޮތުން އެއްބާރުލުން އިތުރު ކުރަން އެކުލަވާލައި 2020 ވަނަ އަހަރު ސޮއިކުރި ފްރޭމްވާކް އެގްރީމެންޓަށް އަމަލީ ސިފަ އަންނަމުން ދާކަމުގެ ހެއްކެއް ކަމަށެވެ.

މިނިސްޓަރު ވަނީ މި ސަރުކާރުން އެމެރިކާ ސަރުކާރާ ގުޅިގެން ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ އާއި އެމެރިކާގެ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަ ވެފައިވާ ކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ މޮންޓޭނާ ނެޝަނަލް ގާޑު ސްޓޭޓް ޕާޓްނާޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ ދިފާއީ އަދި ސަލާމަތީ މާހައުލާ އެއްގޮތަށް ބައްޓަންކޮށްފައިވާ ޕްރޮގްރާމެއްކަން ފާހަގަކުރައްވާ މިނިސްޓަރު މާރިޔާ ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ސަލާމަތާ ގުޅޭ ތަފާތު ގިނަ ދާއިރާތަކުން އެއްބާރުލުން އިތުރު ކުރަން މަގު ފަހިވެގެން ދާނެ ކަމަށެވެ.

މި ދާއިރާތަކުގެ ތެރޭގައި އިންސާނީ އެހީ ފޯރުކޮށް ދިނުމާއި ކާރިސާތަކުގައި އެހީތެރިވުމާއި ލީޑާޝިޕްގެ ހުނަރު ތަރައްގީ ކުރުމުގެ އިތުރުން ސައިބާ ސެކިއުރިޓީ އާއި ކޮމިއުނިކޭޝަން ސެކިއުރިޓީ އާއި މެރިޓައިމް ޑޮމައިން އެވެއާނަސް އާއި އޭވިއޭޝަން ސެކިއުރިޓީ އާއި މިލިޓަރީ މެޑިކަލް އަދި އިންޖިނިއަރިން އޮޕަރޭޝަނަލް ލޮޖިސްޓިކްސް އަދި ކެމިކަލް އާއި ބަޔޮލޮޖިކަލް އާއި ރޭޑިއޮލޮޖިކަލް އާއި ނިއުކްލިއާ އަދި އެންވަޔަރަމެންޓަލް ޑިފެންސް އަދި ރެސްޕޮންސް ފަދަ ދާއިރާތައް ހިމެނެއެވެ.