ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ސްކޮލާޝިޕް: ހުށަހެޅުން 21 އަށް

Apr 4, 2022

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "ބީއެމްއެލް ސްކޮލާޝިޕް ފަންޑް" އަށް ކުރިމަތިލުން މިމަހުގެ 21 ގެ ނިޔަލަށް އޮންނާނެ އެވެ.

ބީއެމްއެލްގެ މި ފަންޑަކީ ބޭންކިން އާއި މާލީ ދާއިރާ އިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާ ކުރުމުގެ އަމާޒުގައި ހުރިހާ ހަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ހުޅުވާލި ފަންޑެކެވެ. މި ފަންޑުގެ ދަށުން ތިން ދަރިވަރަކަށް ސްކޮލަޝިޕް ދިނުމަށް ބޭންކުން ވަނީ ނިންމާފަ އެވެ.

މިއީ މި އަހަރުގެ ނޮވެންބަރު މަހު ފާހަގަކުރާ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ހަމައަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ފުރަތަމަ ހަރަކާތެވެ. އެގޮތުން މުޖުތަމަ އަށް ފައިދާ ހުރި މުހިއްމު 12 ހަރަކާތެއް ހިންގުމަށް ހަމަޖެހިފައިވެ އެވެ.

މި ފަންޑުގެ ދަށުން ދަރިވަރުންނަށް ބޭންކިން އެންޑް ފައިނޭންސްގެ ރޮނގުން ފައިނޭންޝަލް ޓެކްނޮލޮޖީ ރިސްކް މެނޭޖްމަންޓް އަދި ފައިނޭންޝަލް ރިޕޯޓިން އެންޑް އެނަލިޓިކްސް ނުވަތަ ފައިނޭންޝަލް އިންޖިނިއަރިން ފަދަ އެކި ދާއިރާ ތަކުން އަންޑާ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެދި ހުށަހެޅޭނެ އެވެ.

މި ގޮތުން އުމުރުން 18 އަހާރާއި 25 އަހަރާ ދެމެދު ދިވެހިންގެ ތެރެއިން އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ ފަރާތްތަކަށް މި ފަންޑަށް އެދި ހުށަހެޅެމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައެވެ. މި ފަންޑުގެ ދަށުން ޓިއުޝަން ފީ، މަހުން މަހަށް ހިނގާނެ ހަރަދު، ވިސާ ފީ ފޮތް ގަތުމުގެ ހަރަދާއި އެސްޓަބްލިޝްމެންޓް އެލަވަންސްގެ އިތުރުން ޓިކެޓް ހަރަދު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ސްކޮލަރޝިޕަށް އެދި ހުށަހަޅާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ އިތުރު ލިޔުންތަކާއެކު މި މަހުގެ 21 ވަނަ ދުވަހުގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެއެވެ. ސްކޮލާޝިޕް ފަންޑުގެ ޝަރުތުތަކާއި ދަރިވަރުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާ ބެހޭ މައުލޫމާތު ލިބޭނެ އެެވެ.