ޓޫރިޒަމް

ފަތުރުވެރިކަން ތަރައްގީކުރަން ހުވަދު އަތޮޅަށް އިންޓަނޭޝަނަލް އެއާޕޯޓެއް ބޭނުންވޭ: މައުސޫމް

Apr 4, 2022
1

ހުވަދޫ އަތޮޅުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް މިވަގުތަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އިންޓަނޭޝަނަލް އެއާޕޯޓެއް ނެތުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ހުވަދު އަތޮޅުގައި ޓޫރިޒަމް އިތުރަށް ތަރައްގީކުރުމާ ގުޅޭ ގޮތުން މިނިސްޓަރު މައުސޫމް މަޖިލީހުގައި މިއަދު މައުލޫމާތުތަކެއް ހިއްސާ ކުރެއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ އާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ކުރެއްވި ސުވާލުތަކަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ ހުވަދު އަތޮޅަކީ ބޮޑު އަތޮޅަކަށްވީ ނަމަވެސް އެ އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހެދިއްޖެނަމަ މިހާރަށް ރަނގަޅަށް ހުވަދު އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވޭނެ ކަމަށެވެ.

ހުވަދު އަތޮޅުގައި މިވަގުތު އޮތީ ތިން ޑޮމެސްޓިކް އެއާޕޯޓެވެ. އެއީ ކޫއްޑޫ އެއާޕޯޓާއި ކާޑެއްދޫ އެއާޕޯޓްގެ އިތުރުން މާވަރުލު އެއާޕޯޓެވެ.

މައުސޫމް ވިދާޅުވީ ހުވަދޫގައި މިވަގުތު ހިންގަމުން ގެންދާ އެއާޕޯޓް ތަކަކީ އެ އަތޮޅުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ފަހިވާ ގޮތަށް ހަދާފައިވާ އެއާޕޯޓްތަކެއްގެ ބަދަލުގައި ސަރުކާރުގެ ސިޔާސަތެއް ތަންފީޒު ކުރަން ފަސޭހަވާ ގޮތަށް ހަދާފައިވާ އެއާޕޯޓްތަކެއް ކަމަށެވެ. މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފުރައިގެން 30 މިނެޓުން ދަތުރުކޮށްފައި ދެވޭ ހިސާބެއްގައި އެއާޕޯޓެއް އޮތުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.

ހުވަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހަދައިގެން ދަތުރުފަތުރު ފަސޭހަކުރުމަކީ ހުވަދު އަތޮޅުގައި ހުރި ރަށްތައް ތަރައްގީކުރުމަށް އިންވެސްޓަރުން ޝައުގުވެރިކުރުވޭނެ ގޮތެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ މަސައްކަތް އަވަހަށް ފެއްޓުމަށްވެސް އެދިވަޑައިގެންނެވި އެވެ.

"ހުރި އެއާޕޯޓްތައް އަވަހަށް ނިމި ފުރިހަމަ އެއާޕޯޓްތަކެއްގެ ގޮތުގައި ހިނގުން އެއީ ވަރަށް މުހިއްމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން. ދެން އަދި ހަމައެއާކޮށް އަޅުގަނޑު އުއްމީދު ކުރަނީ ހުވަދޫ އަތޮޅުގައިވެސް ފުރިހަމަ އިންޓަނޭޝަނަލް އެއާޕޯޓެއް ހެދިގެން އިންވެސްޓަރުން އެ އަތޮޅުގައި ހުރި ރީތި ރީތި ރަށްތަކަށް އާދަޔާ ހިލާފު ޝައުގުވެރިކަމެއް ޖެހި އެރަށްތައް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް،" މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހުވަދު އަތޮޅުގައި 8،000 އެނދު ގާއިމުކުރުން ކަމަށެވެ. އެކަމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތާ ގުޅޭގޮތުން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

ރިސޯޓް ހަދަން ސަރުކާރުން އެންމެ ފަހުން ހުޅުވާލި ރަށްތަކުގެ ތެރޭގައި ހުވަދު އަތޮޅުގެ ހަތަރު ރަށް ހިމެނެ އެވެ. އެއީ ގއ. މާރެހާ، ގއ. ފުނަދޫ ވިލިނގިއްލާ އާއި، ގދ. ކަނޑަހަލަގަލާ އަދި ގދ. ފެރޭތަ ވިލިގިއްލާ އެވެ. މި ރަށްތަކުގެ ތެރެއިން ބީލަން ހުށަހަޅާފައިވަނީ ގއ. އަތޮޅުގެ އެއް ރަށަށާއި އަދި ގދ. އަތޮޅުގެ ދެ ރަށަށެވެ. ހުވަދު އަތޮޅުގައި ރަށްތަކެއް ނުހެދި ލަސްތަކެއް ވެފައިވާ ކަމަށްވެސް އެއްބަސްވެވަޑައިގެންނެވި އެވެ.

"އެހެންވީމާ އަޅުގަނޑު ހިތުން އެއީ ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް،" ހުވަދޫގައި ފަތުުރުވެރިކަން ކުރިއެރުވުމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވި އެވެ.