އައްޑޫ ފްލައިން ސްކޫލް

ބޯޓުތައް ނުގެނެވި ދަރިވަރުންގެ އުދުހުން ފަސްވެއްޖެ

Apr 5, 2022

އައްޑޫގައި ހިންގާ ފްލައިން ސްކޫލް، މޯލްޑިވްސް އޭވިއޭޝަން އެކެޑަމީގެ ބައެއް ބޯޓުތައް ރާއްޖެ ގެނައުން ލަސްވުމާ ގުޅިގެން ދަރިވަރުންގެ ފްލައިން ސެޝަންތައް ފަސްކޮށްފި އެވެ.

އެކަޑަމީން ކުރިން ނިންމާފައި އޮތީ މިމަހުގެ 15 ވަނަ ދުވަހު ފްލައިން ސެޝަންތައް ކުރިއަށް ގެންދާށެވެ. ނަމަވެސް ބޯޓުތައް ގެނައުން ލަސްވުމާ ގުޅިގެން ފްލައިން ސެޝަންތައް ފަށަން މިހާރު ނިންމާފައި ވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.

ޕައިލެޓުން ތަމްރީނު ކުރުމަށް އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ހަދާފައިވާ މޯލްޑިވްސް އޭވިއޭޝަން އެކަޑެމީގެ ކިޔެވުން ފެށީ މިދިޔަ ޖެނުއަރީ 10 ވަނަ ދުވަހު އެވެ.

ފްލައިން ސްކޫލުގެ ރިފްރެޝާ ޕްރޮގްރާމުގެ ފުރަތަމަ ބެޗްގެ ކިޔެވުން 35 ދަރިވަރުންނާއެކު ކުރިއަށް ގެންދަނީ އޮންލައިން ކޮށެވެ. ފްލައިން ސްކޫލުގެ ކިޔެވުން ފެށިއިރު އެ ސްކޫލަށް ކުދިން ވެއްދުމުގައި އެކި ސަބަބުތަކާ ހެދި ޕައިލެޓް ޓްރޭނިން މެދުކެނޑުނު ދަރިވަރުންނަށް އިސްކަންދީފައި ވެއެވެ. އަދި ޕައިލެޓުން ތަމްރީނު ކުރުމުގެ އިތުރުން އޭވިއޭޝަން ދާއިރާގެ އެހެނިހެން ތަމްރީންތައް ވެސް ސްކޫލުގައި ހިންގުމަށް ނިންމާފައިވެ އެވެ.

ރިފްރެޝާ ޕްރޮގްރާމުގައި 150 ގަޑިއިރުގެ ތިއަރީ ކްލާހާއި 10 ގަޑިއިރުގެ ފްލައިން ކުރިއަށް ގެންދާނެ އެވެ. ތިއަރީ ކްލާސްތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް މެންފުރު ފަހު 1:00 އިން އިރުއޮއްސި 6:00 އަށެވެ. ތިއަރީ ބައިތައް ކުރިއަށް ގެންދާނީ އައްޑޫގައި ހުންނަ އެމްއެންޔޫގެ ކެމްޕަހުގަ އެވެ. ފްލައިން ކުރިއަށް ގެންދާނީ ގަން އިންޓަނޭޝަނަލް އެއާޕޯޓްގަ އެވެ.

އައިއޭއެސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ މޯލްޑިވްސް އޭވިއޭޝަން އެކެޑަމީއަށް ގެންނަން މަސައްކަތް ކުރަމުންދާ ތިން ބޯޓު ރާއްޖެ އައުމުގެ މަގުމަތީގައި މިވަގުތު އޮތީ ސްރީލަންކާގެ ބަނދަރެއްގައި ކަމަށެވެ.

މިދިޔަ މަހުގެ 29 ގައި އެ ބޯޓުތައް ގެންނާނެ ކަމަށް އައިއޭއެސް އިން ކުރިން ބުނި ނަމަވެސް އެ ތާރީހަށް އެކަން ކުރެވިފައެއް ނުވެ އެވެ. ޖެނިފާ މިއަދު ވިދާޅުވީ ބޯޓުތައް ގެނެވޭނެ ކަމަށް ކަމަށް މިހާރު ލަފާ ކުރައްވާ ތާރީހަކީ މިމަހުގެ 11 ވަނަ ދުވަސް ކަމަށެވެ. އެ ތާރީހަށް ބޯޓުތައް ރާއްޖެ ގެނެވިއްޖެނަމަ މިމަހުގެ 15 ވަނަ ދުވަހު ބޯޓުތައް އައްޑޫ އަށް ފޮނުވާލެވޭނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު ކަނޑައަޅާފައި މިވާ ތާރީހަށް ކަންކަން ކުރިއަށްދާނަމަ މިމަހުގެ 28 ވަނަ ދުވަހު ފްލައިން ފެށޭނެ،" ޖެނިފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިމަހުގެ ތެރޭގައި ދެވަނަ ބެޗަކަށް ވެސް ހުޅުވާލާނެ ކަމަށާއި އެ ބެޗްގައި ވެސް 35 ދަރިވަރަކަށް ޖާގަ ދޭނެ ކަމަށެވެ. ޕައިލެޓްކަން ކިޔަވަން ބޭނުންވާ ދިވެހިންނަށް ރާއްޖޭގައި ތިބެގެން ޕައިލެޓްކަން ކިޔެވޭނެ ގޮތަށް އެކަޑަމީގެ ހިދުމަތްތައް އިތުރަށް ފުޅާކުރެއްވުމަކީ އަމާޒެއް ކަމަށްވެސް ޖެނިފާ ވިދާޅުވި އެވެ.

މޯލްޑިވްސް އޭވިއޭޝަން އެކެޑަމީގެ ފުރަތަމަ ބޯޓު މިދިޔަ މަހުގެ އަށްވަނަ ދުވަހު ވަނީ އައްޑޫ އަށް ގެންގޮސްފަ އެވެ. މީގެއިތުރުން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ކުރިން ފްލައިން ސްކޫލު ހިންގި އެކެޑަމީ އޮފް އެއިރޯނޯޓިކްސް (އޭއޭއޭ) އިން ބޭނުންކުރި ދެ ބޯޓެއްވެސް މޯލްޑިވްސް އޭވިއޭޝަން އެކެޑަމީ އަށް ވަނީ ގަނެފަ އެވެ. އެހެންކަމުން މޯލްޑިވްސް އޭވިއޭޝަން އެކެޑަމީގެ ފްލައިން ސެޝަންތައް ފަށާނީ ޖުމްލަ ހަ ބޯޓާ އެކު އެވެ.

ފްލައިން ސްކޫލު ހިންގަނީ ފްލައިން ސްކްލޫތައް ހިންގުމުގައި މުޅި ޔޫރަޕްގައި ވެސް އެންމެ ފާހަގަކޮށްލެވޭ ޗެކް ރިޕަބްލިކްގެ "ފްލައިން އެކަޑަމީއާ" އެވެ.