އޭސީސީ

ބަދަލުތަކަކާއެކު އޭސީސީގެ މަސައްކަތް ބައްޓަން ކުރާނެ ޕްލޭނެއް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މަސައްކަތްތައް ހަރުދަނާކޮށް އަވަސް ކުރުމަށް ކުރު ރާސްތާގެ އޮޕަރޭޝަނަލް ޕްލޭނެއް އެކުލަވާލައި އާންމުކޮށްފި އެވެ.

އޭސީސީއަށް އަލަށް އައްޔަނުކުރި މެމްބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެމްބަރުން ވަނީ މަސައްކަތްތައް ބައްޓަން ކުރާނެ ޕްލޭނާއި އަދި މަސައްކަތްތައް ތަހުގީގު ކުރުންފަދަ ކަންކަމުގައި ގެންނަންޖެހޭ ބަދަލުތައް ކިޔައިދެއްވާފަ އެވެ.

އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ އޭސީސީގައި މައްސަލަތައް ބަލާއިރު ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ދެނެގަނެވިފައިވާ ކަމަށެވެ. އެހެންކަމުން ކުރު ރާސްތާގެ އޮޕަރޭޝަނަލް ޕްލޭންގައި ހަ ކަމެއް ހާސިލްކުރުމަށް އަމާޒުހިފާފައިވާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން މައްސަލަތައް ތަހުގީގުކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ މަސައްކަތްތައް އަވަސް ކުރުމަށް ގޮތްތަކެއް ރާވާފައިވާކަމަށް ޝާމިލް ވިދާޅުވި އެވެ. މުވައްޒަފުންގެ ތެރޭ ހުރި ގޮންޖެހުންތަކާއި އެމީހުންގެ ތެރޭގައި ހުރި ފަންނުވެރިކަން ދެނެގަތުމުގެ އިތުރުން، ކޮމިޝަންގެ މަސައްކަތް ޑިޖިޓަލައިޒް ކުރުން ހިމެނެ އެވެ. އަދި އިދާރީ ގޮތުން ކޮމިޝަން ހިންގުން ފުރިހަމަކުރުމާއި، އެހެން އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރުމާއި އަދި ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތް ކުރަން ޕްލޭންގައި ހިމަނާފައިވާނެ ކަމަށް ޝާމިލް ވިދާޅުވި އެވެ.

މި ޕްލޭންގެ ދަށުން ތަހުގީގު މަރުހަލާގައި އިސްކަންދޭނެ މައްސަލަތައް ދެނެގަތުމަށް ޕްރިއޮރަޓައިޒް އުސޫލަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް ނައިބު ރައީސް އަބްދުއްސަލާމް ވިދާޅުވި އެވެ. އެގޮތުން އެ އުސޫލު އިސްލާހުކުރުމުން އަވަސްކުރަން ޖެހޭ މައްސަލަތަކާއި ރައްޔިތުންގެ މަސްލަހަތު އެންމެ ބޮޑު މައްސަލަތައް ދެނެގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެތެރޭގައި ދުވަސްވީ މައްސަލަތައް ވެސް ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.

ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދަން ހާއްސަ އިސްކަމެއް

އަބްދުއްސަލާމް ވިދާޅުވީ ދައުލަތަށް ގެއްލިފައި ހުރި ފައިސާ ހޯދުމަކީ ކޮމިޝަނުން އިސްކަން ދޭނެ ކަމެއް ކަމަށެވެ. އެސެޓް ރިކަވަރީ ކޮމިޝަން އުވައިލުމާއި ގުޅިގެން، އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލަތަކުގައި ޖޮއިންޓް އިންވެސްޓިގޭޝަންގައި ހިމެނޭ މެމްބަރުންނާ ވެސް މަޝްވްރާކުރައްވާފައިވާ ކަަމަށް އަބްދުއްސަލާމް ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން މިހާރު ބޮޑު ހިޔާނާތް ތަހުގީގުކުރުމަށް 12 އިންވެސްޓިގޭޓަރުން ހިމެނޭ ޓީމެއް އެކުލަވާލައިފައިވާނެ ކަމަށް ހާމަކުރެއްވި އެވެ. މި ޓީމުން މަސައްކަތް ކުރާނީ ފުލުހުންނާއި އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ވެސް ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެމްބަރު ޝިޔާމާ މުހައްމަދު ވިދާޅުވި ގޮތުގައި ގެއްލިފައިވާ ފައިސާ ހޯދުމަށް ގާނޫނު އިސްލާހުކުރަން ޖެހޭނަމަ ކޮމިޝަނުން އެކަން ވެސް ކުރާނެ އެވެ. މައްސަލަތައް ތަހުގީގު ކުރާއިރު، އެ ފައިސާ ލިބޭނީ ކޮން ނިޒާމަކުންތޯ ކޮމިޝަނުން ބަލާނެ ކަމަށް ވިދާޅުވި އެވެ.

"މި މައްސަލައިގައި އެސެޓް ރިކަވާ ކުރެވޭނެ މައްސަލައެއްތޯ ނޫންތޯ ބަލާފަ މިސާލަކަށް ޖިނާއީ އޭންގަލްއަކުން ނުބެލޭކަމަށް ވަނީނަމަ މަދަނީ އޭންގަލް އަކުން ވެސް ބަލައިގެން މި މައްސަލައަކީ އެސެޓް ރިކަވާ ކުރެވޭނެ މައްސަލައެއްތޯ ބަލާނަން. އަޅުގަނޑުމެންނަށް އެނގޭ އާންމުންނާ ދައުލަތުގެ މުއައްސަސާތަކުގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް އެއީ އެސެޓް ރިކަވާ ނުކުރެވުން. ދައުލަތަށް ލިބެންޖެހޭ ވަރަށް ބައިވަރު ފައިސާތަކެއް އެބަހުރި އެކި ފަރާތްތަކުން ދައުލަތަށް ނުލިބި. އެކަމުގެ ސަބަބުން ދައުލަތަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭ. އެހެންކަމުން އަޅުގަނޑުމެން މިހާރު މިދަނީ އޭސީސީގެ ފަރާތުން އެސެޓް ރިކަވާ ދިރާސާއެއް ކުރަމުން،"

ޝިޔާމާ އިތުރަށް ވިދާޅުވީ، ދައުލަތަށް ގެއްލިފައިވާ ފައިސާ ދެއްކުމަށް ކޮމިޝަނުން އެންގި ނަމަވެސް ގިނަ މީހުން އެ ފައިސާ ނުދައްކާ ކަމަށެވެ. އެހެންކަމުން އެފަދަ މީހުންނަށް ފިޔަވަޅު އަޅާނެ ގޮތްތަކާއި، އެ ފައިސާ ހޯދަން ކުރެވޭނެ ގޮތްތައް ދެނެގަތުމަށް އެސެޓް ރިކަވާ ދިރާސާއެއް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެކަމަށް ޕީޖީ، އޭޖީ އަދި ފިނޭންސް މިނިސްޓްރީއާ އެކީ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ކޮމިޝަނުން މިއަދު ހާމަކުރި މައުލޫމާތުތަކުގެ ތެރޭގައި ކޮމިޝަންގައި މައްސަލަތައް ރަޖިސްޓްރީކުރުމަށް ވެސް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރައްވާ ކަމަށް މެމްބަރު ތޯހާ މުހައްމަދު ވިދާޅުވި އެވެ. އެގޮތުން ހުށަހަޅާ މައްސަލަތައް ކޮމިޝަންގެ ރަޖިސްޓްރާއަށް ބަލައިގަނެވޭ ގޮތަށް ހުގީގު ކުރުމުގެ އިޖުރާއަތުގެ ގަވާއިދަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން އެ ކޮމިޝަނަށް ހުށަހަޅާ ހުރިހާ މައްސަލައެއް ވެސް ބަލައިގަތުމާ ގުޅޭ ގޮތުން ގޮތެއް ނިންމަނަނީ މެމްބަރުންގެ ބައްދަލުވުމަކުންނެވެ. ބަދަލުގެނައުމުން ރަޖިސްޓްރާ ނިންމާ ނިންމުމާމެދު ހިތްހަމަ ނުޖެހޭނަމަ އެ ކޮމިޝަނަށް އަލުން އިސްތިއުނާފް ކުރެވޭނެ އެވެ. އަލުން ހުށަހެޅުމުން މެމްބަރުންގެ ބައްދަލުވުމުން ގޮތެއް ނިންމާނެ ކަމަށް ތޯހާ ވިދާޅުވި އެވެ.

މީގެ އިތުރުން ކުށް ކުރުމުގެ ކުރިން ކުށްކުރުން ހުއްޓުވުމަށް ނުވަތަ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކޮމިޝަނުން ކުރަން ވަނީ ނިންމައިފަ އެވެ. އެގޮތުން ކުށް ކުރިޔަނުދޭން ވަށައިޖެހޭ މާހައުލެއް ގާއިމްކުރުމަށް، ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން ފަދަ ކަންކަން ރާވާފައިވެ އެވެ.

އާ މެމްބަރުން އައިއިރު އޭސީސީގައި ހުރި މައްސަލަތައް

  • މުޅި ޖުމްލަ 1673 މައްސަލަ
  • އޭގެތެރެއިން އިވެލުއޭޝަން މަރުހަލާގަ 549 މައްސަލަ
  • ތަހުގީގު މަރުހަލާގައި 1124 މައްސަލަ
  • ދައުރު ފެށުނު ފަހުން އަލަށް 25 މައްސަލަ