ރާއްޖޭގެ މާކެޓްގައި ލުނބޯގެ އަގު ބޮޑުވުމާ ގުޅިގެން އެސްޓީއޯ އިން ރާއްޖެއަށް އެތެރެކޮށް މިއަދު ބާޒާރަށް ނެރުނު ލުނބޯ ވިކި ހުސްވެއްޖެ އެވެ.
ބާޒާރުގައި އެވްރެޖުކޮށް މިވަގުތު ލުނބޯ ކިލޯއެއް އުޅެނީ 120 ރުފިޔާގެ ރޭޓްގަ އެވެ.
އެސްޓީއޯ އިން ބާޒަރަށް ނެރުނު ލުނބޯ ވިއްކީ ކިލޯއެއް 45 ރުފިޔާ އަށެވެ. އެ ކުންފުނިން ކޮންމެ މީހަކަށް ވެސް ވިއްކީ ތިން ކިލޯ އެވެ.
އެސްޓީއޯ އިން އަގު ހެޔޮކޮށް ލުނބޯ ވިއްކަން ތައްޔާރުވުމާ އެކު އެ ކުންފުނީގެ އެގްރި ސެންޓަރު ކުރިމަތީގައި އެތައް ބަޔަކު ތިބީ ކިޔު ޖެހިގެންނެވެ.
މިއަދު ހެނދުނު 9:00 ޖެހިއިރު އެސްޓީއޯ އިން ލުނބޯ ވިއްކަން ފެށުމާ އެކު ލުނބޯތައް ވިކި ހުސްވި އެެވެ. އަދި އަލުން މެންދުރުފަހު 1:30 ގައި ލުނބޯ ވިއްކަން ފެށިތާ 15 މިނެޓެއްހާއިރު ތެރޭގައި ވެސް ލުނބޯތައް ވަނީ ވިކި ހުސްވެފަ އެވެ.
އެސްޓީއޯ އިން މިހާރު ގެންދަނީ އެ ކުންފުނީގެ ޕީޕަލްސް ޗޮއިސް ތެރޭގައި ވެސް މީހަކަށް ލުނބޯ ކިލޯއެއްގެ ރޭޓުން ލުނބޯ ވިއްކަމުންނެވެ.
ލުނބޯ އެ ކުންފުނިން ގެންގުޅޭ ކަމަށާއި ނަމަވެސް މިވަގުތު ލުނބޯ ވިއްކާނީ ވަކި އަދަދަކަށް އަދި ކޮންޓްރޯލް ކޮށްގެން ކަމަށް އެސްޓީއޯ އިން މައުލޫމާތު ދީފައިވެ އެވެ. އެގޮތަށް ލުނބޯ ވިއްކަން ނިންމީ ބާޒާރުގައި ލުނބޯގެ އަގު ދަށްވަންދެން ކަމަށްވެސް އެސްޓީއޯ އިން ބުނެ އެވެ.
ރޯދަ މަހާ ދިމާކޮށް ރާއްޖޭގެ މާކެޓްގައި އަގު ބޮޑުވާ މުދަލުގެ އަގު ކޮންޓްރޯލް ކުރުމަށް އެސްޓީއޯ އިން ކޮންމެ ރޯދަ މަހަކު ވެސް ހާއްސަ މަަސައްކަތްތަކެއް ކުރެ އެވެ.