ހައިކޯޓް

އަންމަޓީ ދޫކޮށްލި މައްސަލަގެ ހުކުމް މާދަމާާ

Apr 5, 2022

ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އަންމަޓީ) ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ މާދަމާ ނިންމަން ހައިކޯޓްގައި ތާވަލުކޮށްފި އެވެ.

ކޯޓުން، ތިން ވަނަ ފަހަރަށް އަންމަޓީ ދޫކޮށްލާފައި ވަނީ ޝަރުތުތަކަކާއެކީ އެވެ. އަންމަޓީ ދޫކޮށްލީ ދައުލަތުން އަދި ކޯޓުން ކުރި ކޮންމެ ޝަރުތެއް ވެސް ގަބޫލުކަމަށް ބުނެ އޭނާގެ ފަރާތުން އެދުމުންނެވެ.

އޭނާ ދިރިއުޅޭ ގޭ ދޮރުމަތީ ސެކިއުރިޓީ ބަހައްޓަން ވިޔަސް އޭނާ ދޫކޮށްދެއްވުމަށް އެދުނެވެ. އަދި އޭނާ މައިބަދައިގެ ސާޖަރީއެއް ހަދަން ޖެހޭ ކަމަށާއި، އަދި އޭނާގެ ބައްޕަ މިހާރު ފަހު ދުވަސްތައް ގުނަމުން ދާތީ ބައްޕައަށް ހިދުމަތް ކުރުމަށް ބޭނުންވާ ކަމަށް ވެސް އެދުވަހުގެ މަޖިލީހުގައި ބުނެފައިވެ އެވެ.

އެދުވަހުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ބުނެފައި ވަނީ އަންމަޓީ އަކީ މީގެ ކުރިން ވެސް ތަހުގީގަށް ފިލާފައިވާ މީހެއް ކަމުން، ދެންވެސް ފިލުމުގެ އިހުތިމާލް އެބަ އޮތް ކަމަށެވެ. އެހެންކަމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރު ދަމަހައްޓައިދިނުމަށް ދައުލަތުން އެދުނެވެ. އެކަމަކު އޭނާ ބަންދުގައި ބެހެއްޓުމާމެދު ގިނަ ސުވާލުތަކެއް ދައުލަތާ ކުރިމަތިކުރުވުމަށްފަހު ގާޒީ ހަސަން ސައީދު ނިންމެވީ އޭނާ ދޫކޮށްލުމަށެވެ.

ޕީޖީ އޮފީހުން ވަނީ އަންމަޓީ ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ކޯޓުން މިހާރު ވަނީ މާދަމާ ހެނދުނު އަޑުއެހުމެއް ޝެޑިއުލްކޮށް މައްސަލަގެ ހުކުމް އިއްވަން ހަމަޖައްސާފައެވެ.

މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ކޯޓުން ވަނީ އޭނާ ދޫކޮށްލާފަ އެވެ. ދެ ފަހަރު ވެސް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އޭނާ ބަންދުކުރުމަށް އެކޯޓުން އަމުރުކޮށްފައިވެ އެވެ.

ހުޅުމާލޭގައި ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބަޔަކަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުގައި އަންމަޓީގެ މައްޗަށް ދައުލަތުން ވަނީ 42 ދައުވާ އުފުލައިފަ އެވެ.