ސިވިލްސާވިސް ބައެއް މުވައްޒަފުން ކަރަޕްޝަން މައްސަލަތަކެއް ބަލަމުންދާތީ އޭސީސީ އާއި ސިވިލް ސާވިސް ކޮމިޝަން މަޝްވަރާކޮށްފި އެވެ.
އޭސީސީ ބުންީ ދެ މުއައްސަސާއިން މަޝްވަރާ ކުރީ ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މައްޗަށް ތުހުމަތު ކުރާ ސީރިއަސް ކޮރަޕްޝަންގެ މައްސަލަތައް އޭސީސީއިން ތަހުގީގު ކުރަމުންދާތީ އާއި ސިވިލް ސާވިސްގެ މުވައްޒަފުންގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ކޯޓުތަކުގައި ކުރިއަށްދާތީ ކަމަށެވެ. އަދި އެފަދަ ފަރާތްތައް މަސްއޫލިއްޔަތުތަކުން އެއްފަރާކޮށް ތަހުގީގަށް ހުރަސް ނޭޅޭނެ ގޮތަށް މުވައްޒަފުންނަށް ފިޔަވަޅު އެޅުމުގައި ހަމަހަމަ އުސޫލަކުން ހުރިހާ މުވައްޒަފުންގެ މެދުގައި ޢަމަލު ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ކަމަށެވެ.
މީގެ އިތުރުން ދެ މުއައްސަސާއިން ގުޅިގެން ނަޒާހަތްތެރި މުޖްތަމައެއް ބިނާކުރަން ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުންނާއި އޭސީސީގެ ނަޒާހަތްތެރިކަމުގެ ގައުމީ މަޝްރޫއުގައި ސިވިލްސާވިސް ކޮމިޝަންގެ ބައިވެރިވުން އިތުރު ކުރުމާބެހޭގޮތުން ވެސް މަޝްވަރާކޮށްފައި ވެއެވެ.
އިއްޔެ ބޭއްވި އެ ބައްދަލުވުމުގައި ސިވިލްސާވިސްއާ އަލަށް ގުޅޭ ހުރިހާ މުވައްޒަފުން ނަޒާހަތްތެރިކަމުގެ ގައުމީ ވައުދުގައި ސޮއިކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް ވެސް ވާހަކަ ދައްކާފައި ވެއެވެ.