ދުނިޔެ

"ލަންކާ ސައިފަތުގެ ކުރިމަގު ބަނަވެދާނެ"

ލަންކާގައި ސިނާއީ މަސައްލަތްތަކަށް ބޭނުންވާ ޑީސަލް ލިބުމުގައި ހުރި ދަތިތަކާ ހެދި ސައިފަތުގެ ކުރިމަގު ބަނަ ވެދާނެ ކަމަށް ބިރު ހީވެއްޖެ އެވެ.

ސިލޯން ޓީ ޓްރޭޑާސް އެސޯސިއޭޝަނުން ބަޔާނެއްގައި ބުނެފައިވާ ގޮތުން ސައިފަތް އުފައްދާ ކާރުހާނާތައް ހިންގަން ބޭނުންވާ ވަރަށް ވެސް ޑީސަލް މިހާރު ނުލިބެ އެވެ. ދަނޑުތަކުން ސައިފަތް އުފުލާ ޓްރަކްތައް ހުއްޓި މަސައްކަތްތައް ވަރަށް ބޮޑަށް ލަސްވެފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ފެކްޓަރީތައް ހިންގަން ޖެހެނީ އޮފިޝަލުން ވިދާޅުވާ ގޮތުން ލަންކާއަށް ކަރަންޓް ދޫކޮށްފައި އޮންނަ ވަގުތަކުގަ އެވެ. އެހެން ނަމަވެސް ޓްރަކްތަކަށް ޑީސަލް ލިބުން ދަތިމުގެ ސަބަބުން ކަރަންޓް ދޫކޮށްފައި އޮންނަ ވަގުތުތަކުގައި ޝިޕްމަންޓައް ފެކްޓަރީތަކަށް ސަޕްލައި ކުރަން ދަތިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

ލަންކާއަށް ތެޔޮ އެތެރެ ކުރަން ބޭނުންވާ ބޭރުފައިސާ މާލިއްޔަތުގައި ނެތުމުގެ ސަބަބުން އާންމުންނަށް ކަރަންޓް ދޫކުރަނީ ވަގުތު ބަހައިގެންނެވެ. ބައެއް އަވަށްތަކުން ކަރަންޓް ކަނޑައި ބައެއް އަވަށްތަކަށް ކަރަންޓް ދޫކުރާ އުސޫލުންނެވެ.

ސައިފަތް ދަނޑުތަކުގެ އިތުރުން އާންމުކޮށް ދަނޑުތަކަށް ފެންޖަހަން ބޭނުންކުރާ ޕަންޕުތައް ހިންގުމަށް ވަރަށް ބޮޑަށް ބުރޫއަރާފައިވާ ކަމަށް އެސޯޝިއޭޝަނުން ބުނެ އެވެ. އެސޯޝިއޭޝަނުން ބުނީ ދަނޑު ގޮވާންކުރާ މީހުންނަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށާއި ދަނޑުވެރި ކަމަކީ ސަރުކާރަށް ވެސް މުހިންމު ސިނާއަތެއް ކަމަށެވެ.

ލަންކާއަށް ތެޔޮ ލިބުން ދަތިވެ އާންމު ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ސަރުކާރު ބުނާ ގޮތުން ބޭރު ގައުމުތަކުން އެތެރެކުރާ ބާވަތްތަކަށް ދައްކާނެ ފައިސާއެއް މާލިއްޔަތުގައި ނެތެވެ.

ސިއްހީ ބޭނުންތަކަށް، ހޮސްޕިޓަލްތަކަށާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ސާމާނު ހޯދޭނެ ގޮތެއް ވެސް މިވަގުތު ނެތް ކަމަށް އިދާރާތަކުން ބުނެ އެވެ.

ލަންކާގެ ހާލަތަށް ހެޔޮ ބަދަލެއް ގެނައުމުގެ އުންމީދުގައި އަވަށްޓެރި އިންޑިއާއިން ގެންދަނީ ލަންކާއަށް ވަރަށް ބޮޑަށް އަޅާލަމުންނެވެ. އިންޓަނޭޝަނަލް މަނީޓަރީ ފަންޑް (އައިއެމްއެފް) އިން ވެސް ލަންކާއާ މަޝްވަރާ ކުރަމުން އެބަ ގެންދެ އެވެ.