ދުނިޔެ

ލުބްނާންގައި ފުށް ދަތިވެ ޕާނަށް ޖެހިއްޖެ

ލުބުނާންގައި ގޮދަން ފުށް ލިބުން ދަތިވެ ޕާނަށް ޖެހިފައިވާ ކަމަށް ލުބްނާންގެ ބޭކަރީ ޔޫނިއަނުން ބުނެފި އެވެ. ބޭކަރީ ޔޫނިއަނުން ބުނީ ވީޓް މިލްތައް ހިންގަން ބޭނުންވާ ފައިސާ ނެތުމުގެ ސަބަބުން އެތައް ބަޔަކު މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ.

ޚަބަރުތައް ބުނާ ގޮތުން ބޭކަރީތައް ދޮށުގައި މީހުން ތޮއްޖެހި ބޮޑު މައްސަލައަކަށް ވަނީ ވެފަ އެވެ. ގިނަ ބޭކަރީތައް ހުރީ ބަންދުކޮށްފައި ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުން ޚިދުމަތް ދެނީ ވަރަށް މަދު ބޭކަރީއަކުންނެވެ. އެތަންތަނުން ވެސް ލިބެނީ މަދު އަދަދަކަށް އަދި ދުވަހުން ދުވަހަށް މީހަކަށް އެ ދުވަހަކު ކާލެވޭ ވަރަށެވެ.

ބޭކަރީ ޔޫނިއަނުން ބުނާ ގޮތުން ހުރިހާ ވެސް މައްސަލައަކީ މަރުކަޒީ ބޭންކެވެ. ގޮދަން ޝިޕްމަންޓްތަކަށް ފައިސާ ދޫކުރުމުގައި ބޭންކުން ދަތިކުރާ މައްސަލަ ބޮޑުވެފައިވާ ކަމަށް ވެސް ޔޫނިއަނުން ބުނެ އެވެ.

ތަފާސްހިސާބުތައް ބުނާ ގޮތުން ލުބްނާނަށް އެކަނި ވެސް 40،000 އާއި 50،000 ޓަނުގެ ގޮދަން ބޭނުންވެ އެވެ. ލުބްނާނަށް ބޭނުންވާ ގޮދަނުގެ 60 ޕަސެންޓް އެތެރެ ކުރަނީ ރަޝިއާ އާއި ޔުކްރޭނުން ކަމަށް ވެސް ހިސާބުތަކުން އެނގެ އެވެ.

ރަޝިއާ އާއި ޔުކްރޭނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ލުބްނާނަށް ގޮދަން ލިބުން ދަތިވުމަކީ ވެސް ޕާނަށް ޖެހެން މެދުވެރި ސަބަބެއް ކަމަށް އޮފިޝަލް ބުނެ އެވެ.

ލުބްނާންގެ އިގުތިސޯދީ ހާލަތު 2019 އިން ފެށިގެން ވަނީ އަޑިއަޅަން ފަށާފަ އެވެ. ގައުމަށް ބޭނުންވާ އަސާސީ ތަކެތި އެތެރެކުރެވޭ ވަރަށް ވެސް ބޭންކުތަކުގައި ފައިސާ ނެތް ކަމަށް ބުނެވެ އެވެ.

ބައެއް ބޭނުންކްތައް ހުއްޓާލާފައި ވާއިރު އިގުތިސޯދީ ހާލަތު ރަނގަޅު ކުރުމަށް އިންޓަނޭޝަނަލް މަނީޓަރީ ފަންޑާއެކު ސަރުކާރުން ވަނީ މަޝްވަރާތައް ފަށާފަ އެވެ.