ސްރީލަންކާ

ޝޯގައި ބޭއަދަބީ އަމަލު ހިންގަން ފުރުސަތު ދިން މީހުންގެ ބުރިން ހަން ނަގާނެ: ސިރިސޭނާ

މިމަހުގެ 20 ވަނަ ދުވަހު ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި މަޝްހޫރު ލަވަކިޔުންތެރިޔާ އެންރިކް އިގްލޭސިއަސް ދިން ޝޯގެ ތެރޭގައި ބޭ އަދަބީ އަމަލު ހިންގި އަންހެނުންނަށް އެ ފުރުސަތު ދިން މީހުންނަށް ހައްގު އަދަބު ދޭނެ ކަމަށް ރައީސް މައިތުރިޕާލަ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ސިރިސޭނާ ވިދާޅުވީ ޝޯވ ކުރިއަށްދިޔަ ވަގުތު ސްޓޭޖް މައްޗަށް އަރައި އެންރިކް އަށް ބޮސްދީ އެތެރޭން ލާފައި ހުރި އެއްޗެހި އޭނާ އާ ދިމާލަށް އުކާފައި ވުމަކީ "ވަރަށް ނާތަހުޒީބު" އަމަލެއް ކަމަށެވެ.

މި އިވެންޓް އޯގަނައިޒް ކުރި ފަރާތްތަކުގެ ގައިގައާއި ފޫކޮޅުގައި "މޫދު މަޑީގެ ނިގުލުން ތަޅާނެ" ކަމަށް ސިރިސޭނާ ވަނީ ވިދާޅުވެފައެވެ. -- މިއީ ލަންކާގައި އިހުޒަމާނުގައި ދީ އުޅޭ އަދަބެކެވެ. މަޑީގެ ކަށިން ފޫކޮޅާއި ގައިގައި ތެޅުމަކީ އެގައުމުގައި އެންމެ ބޮޑެތި މުޖުރިމުންނަށް ދޭ އަދަބެކެވެ. --

ލަންކާ އަންހެނުން ހިންގި އަމަލަކީ ޝޮކެއް ލިބިވަޑައިގެންނެވި އަމަލެއް ކަމަށާއި އެއީ އެ ގައުމުގެ ސަގާފަތާއި ހިލާފު ނާތަހުޒީބު އަމަލެއް ކަމަށް ވެސް ސިރިސޭނާ ވަނީ ވިދާޅުވެފައެވެ،

"މި ނާތަހުޒީބު އަމަލު ހިންގި އަންހެނުންނަށް އަދަބު ދޭކަށްނޫން އަހަރެން މިގޮވާލަނީ. އެކަމަކު މި އިވެންޓް އޯގަނައިޒް ކުރި މީހުންނަށް ހައްގު އަދަބު ދޭނަން" ސިރިސޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ސިރިސޭނާ ވަނީ ޝޯގެ ޓިކެޓް ބޮޑު އަގުގައި ވިއްކާފައިވާތީ އެކަމާއިވެސް ނުރުހުން ފާޅުކުރައްވާފަ އެވެ. އެޝޯގެ ޓިކެޓެއް ވިއްކާފައިވަނީ 5،000 ރުޕީސް އާއި 50،000 ރުޕީސް އާއި ދެމެދުގެ އަގަކަށެވެ.

މި އިވެންޓް އޯގަނައިޒް ކުރި މީހުންގެ ކޮމެންޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. މި ޝޯ ކުރިއަށް ގެންގޮސްފައިވަނީ ކޮލަމްބޯގެ ރުގްބީ ސްޓޭޑިއަމްގައެވެ. މިއީ ޕޮޕް ލަވަކިޔުންތެރިޔާ އެންރިކް "ލަވް އެންޑް ސެކްސް" ނަމުގައި ދުނިޔޭގެ ގިނަ ގައުމުތަކުގައި ދެމުން އަންނަ ޝޯ އެކެވެ.

މި ޝޯގެ ޓިކެޓްތައް ރާއްޖޭގައިވެސް ވިއްކަން މަސައްކަތްކޮށްފައިވެ އެވެ.