ބޮލީވުޑް

ހިރާނީގެ ފިލްމުގެ މަސައްކަތް ޝާހް ރުކް މި މަހު ފަށަނީ

ޝާހް ރުކް ޚާންގެ އާ ފިލްމު "ޕަތާން"ގެ މަސައްކަތް ފެށިތާ އެތައް މަހެއް ފަހުން އާ ދެ ފިލްމެއްގެ މަސައްކަތް ފަށަން އޭނާ ތައްޔާރު ވެއްޖެ އެވެ. އޭގެ ތެރެއިން އެއް ފިލްމަކީ އަޓްލީ އުފައްދާ ފިލްމެކެވެ. ދެ ވަނަ ފިލްމަކީ މަޝްހޫރު ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީގެ ފިލްމެކެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ހިރާނީގެ ފިލްމުގެ މަސައްކަތް މިމަހުގެ 15 ވަނަ ދުވަހު ޝާހް ރުކް ފަށާނެ އެވެ. މިހާތަނަށް ހިރާނީ މުޅިން ވެސް އުފައްދާފައިވަނީ ސޯޝަލް ކޮމެޑީ ފިލްމުތަކެވެ. އެއީ "މުންނާބާއީ" ސީރީޒްގެ ފިލްމުތައް ކަމަށް ވިޔަސް އަދި "ތުރީ އިޑިއަޓްސް" އާއި "ޕީކޭ" ކަމަށް ވިޔަސް އޭނާގެ ކޮންމެ ފިލްމެއްގައި ވެސް ސޯޝަލް މެސެޖުތަކަކާއެކު ކޮމެޑީގެ ބައި ވަރަށް ބޮޑަށް އޮވެ އެވެ. ގިނަ ބަޔަކަށް އޭނާގެ ފިލްމުތައް އެހާ މަގްބޫލުވެފައިވަނީ މި ސަބަބު ތަކާ ހެދި އެވެ.

ހިރާނީގެ މިފަހަރުގެ ފިލްމު ގުޅުވާލާފައިވަނީ އިމިގްރޭޝަން އާ އެވެ. ޕަންޖާބުގެ ތަނެއް ސިފަވާ ގޮތަށް މުމްބައިގެ ފިލްމުސިޓީގައި ވަރަށް ބޮޑު ސެޓެއް މިހާރު މި ފިލްމުގެ ޝޫޓިންގަށް ވަނީ ތައްޔާރުކޮށްފަ އެވެ. އަދި ޝޫޓިންގް ފަށާ ގޮތަށް 40 ދުވަސް ވަންދެން ޝޫޓިންގް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

މި ފިލްމުގައި ބަތަލާގެ ރޯލު ކުޅެނީ ތާޕްސީ ޕަންނޫ ކަމަށާއި ބަމަން އިރާނީގެ މުހިއްމު ރޯލެއް ހިމެނޭ ކަމަށް ވެއެވެ، އަދި ހިރާނީގެ "ސަންޖޫ"ގައި މުހިއްމު ބައެއް އަދާކުރި ވިކީ ކޯޝަލް ވެސް މި ފިލްމުގައި ބައިވެރިވާ ކަމަށް ވެއެވެ.

ފުރަތަމަ 40 ދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު ޝޫޓް ކުރެވުނު ބައިތައް އެޑިޓްކުރުމަށް ހިރާނީ ކުޑަ ދުވަސްކޮޅެއްގެ ބްރޭކެއް ނަގަން ވަނީ ހަމަޖެހިފަ އެވެ. އަދި ދެ ވަނަ ޝެޑިއުލް ފަށާނީ ކުރިން ޝޫޓް ކުރި ބައިތަކުގެ މަސައްކަތް ނިންމާފަ އެވެ.