އާދަމް ޝަރީފު އުމަރު

ހިޔާ ފްލެޓަށް ކުލި ދެއްކުން ފަސްކުރަން މަޖިލީހަށް

Apr 7, 2022
1

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކުން ކުލި ނެގުން ފަސްކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މިމައްސަލަ މަޖިލީހަށް ހުށަހަޅާފައި މިވަނީ މިމަހުން ފެށިގެން ހިޔާ ފްލެޓްތަކުން ކުލި ނެގުމަށް ސަރުކާރާއި އެޗްޑީސީން ނިންމާފައި ވަނިކޮށެވެ.

އާދަމް ޝަރީފް އެދިވަޑައިގެންފައިވަނީ ކުލި ދެއްކުން އިތުރު ތިން މަހަށް ފަސްކޮށްދިނުމަށެވެ.

މައްސަލައިގައި ބުނެފައިވަނީ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނުނިންމާ ސަރުކާރުން ފްލެޓްތައް ހަވާލުކުރުމުން އެތައް ބަޔަކު އެ ތަންތަން ނިންމީ ދަރަންޏަށް ފައިސާ ނަގައިގެން ކަމަށެވެ. އެ ދަރަނި އަދިވެސް ދެއްކޭނެ ގޮތެއް ހަމަޖެހިފައި ނެތްއިރު އަދި ކޮވިޑުން ވެސް އަދި އަރައިގަނެވިފައި ނުވަނީސް ރޯދަ މަހާ ދިމާކޮށް ކުލި ދައްކަންޖެހުމަކީ މާލީ ގޮތުން ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.

މައްސަލައިގައި އިތުރަށް ބުނެފައިވަނީ ފްލެޓްތަކަށް ކުލި ނުދައްކައިފިނަމަ ފްލެޓް ލިބުނު މީހުން ޖޫރިމަނާކުރުމަށް އެޗްޑީސީން ނިންމާފައިވާ ނިންމުމަކީ ވެސް އިތުރު ތަކުލީފްތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ.

ހިޔާ ފްލެޓްތަކަށް ކުލި ދައްކަން ނުޖެހޭ ގޮތަށް ފިނިޝިންގެ މަަސައްކަތް ނިންމަން ސަރުކާރުން އެންމެ ފުރަތަމަ ދިނީ ހަތަރު މަސް ދުވަހެވެ. އެ މުއްދަތު މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހަމަވިއިރު ވެސް ބައެއް ފްލެޓްތަކުގެ މަސައްކަތް ނިންމާފައި ނުވާތީ މިދިޔަ މަހުގެ ނިޔަލަށް ފްލެޓަށް ކުލި ދެއްކުން ސަރުކާރުން ފަސްކޮށްދިނެވެ.

ހިޔާ ފްލެޓްތަކުގެ ކުލި ދެއްކުން ދެ ފަހަރަށް ފަސްކޮށްދިނުމުން ހިޔާ ފްލެޓްތައް ލިބުނު ބައެއް މީހުން މިހާރު ގެންދަނީ ފްލެޓްތަކުގެ ކުލި ކުޑަކޮށްދިނުމަށް ގޮވާލައި އެޗްޑީސީ އަށް ސިޓީ ހުށަހަޅަމުންނެވެ. އެކަމަކު ކުލި ކުޑަކޮށްދިނުމުގެ ވިސްނުމެއް ނެތް ކަމަށް އެޗްޑީސީން ދަނީ ބުނަމުންނެވެ.

ހިޔާ ފްލެޓަށް ކޮންމެ މަހަކު ކުލީގެ ގޮތުގައި ދައްކަންޖެހެނީ 7،500 ރުފިޔާ އާއި މެއިންޓަނަންސް ފީގެ ގޮތުގައި 1،000 ރުފިޔާ އެވެ.