ހަބަރު

އެއާޕޯޓަށް ބިޒީ ދުވަހެއް! ރިކޯޑް އަދަދަކަށް ފްލައިޓް ޖައްސައިފި

  • 22 ޗާޓަރު ފްލައިޓް ޖެއްސި
  • އަށް ޖެޓް ޖެއްސި
  • ހުރިހާ ބޯޓަކަށް ހިދުމަތް ދެނީ ސީދާ އެއާޕޯޓްސް އިން

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އަށް ރެކޯޑު އަދަދަކަށް ފްލައިޓު ޖައްސައިފި އެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވި މިދުވަސްކޮޅަކީ ޝެޑިއުލް ފްލައިޓުތަކުގެ އިތުރުން ގިނަ އަދަދަކަށް ޗާޓާ ފްލައިޓުތައް ރާއްޖެ އަންނަ ދުވަސްކޮޅެއް ކަމަށެވެ. އަދި އާ އަހަރާއި ދިމާކޮށް ގިނަ ޓޫރިސްޓުން ތަކެއް ރާއްޖޭ އަންނައިރު މިއަދަކީ މި އަހަރު ތެރޭ އެންމެ ގިނަ އަދަދަކަށް ފްލައިޓު ޖައްސާފައިވާ ދުވަސް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއަދު އައިއެންއައިއޭގައި 22 ޗާޓަރު ފްލައިޓާއި އަށް ޖެޓް ޖައްސާފައިވާ ކަމަށާއި އަދި ހުރިހާ ފްލައިޓެއް ވެސް މިހާރު ވަނީ އެއާޕޯޓްގައި ޕާކުކޮށްފައި ކަމަށެވެ.

"އާ އަހަރާއި ދިމާކޮށް މިދުވަސްކޮޅު ގިނަ ޓޫރިސްޓުން ތަކެއް ދަތުރު ކުރާއިރު މިދުވަސްކޮޅު ގިނަ ފްލައިޓުތަކެއް ރާއްޖެއަށް ދަތުރު ކުރޭ. މިއަދަކީ އެއާޕޯޓުގެ މުވައްޒިފުންނަށް އަހަރުގެ ތެރޭގައި އަންނަ އެންމެ ބިޒީ ދުވަސް. އެއީ މިއަދު ވަނީ މިއަހަރު ތެރޭގައި މިހާތަނަށް ނުޖައްސާ ވަރަށް ފްލައިޓު ޖައްސާފަ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން މިހާ ގިނަ އަދަދަކަށް ފްލައިޓް ރާއްޖެ އައިސްފި ނަމަ ޕާކް ކުރުމަށް އަދި އެ ފްލައިޓުތައް ކޮލޮމްބޯއަށް ނުވަތަ ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓުތަކަށް ފޮނުވާލައިފާ ވާނެ ކަމަށެވެ. ނަމަވެސް ދާދިފަހުން އާ އެޕްރޮން ހުޅުވުމަށް ފަހު މިފްލައިޓުތައް ޖެއްސޭ ވަރަށް ޖާގަ ލިބުމުގެ ސަބަބުން ބޭރަށް ފްލައިޓުތައް ފޮނުވަން ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ ސަބަބުން އެއާޕޯޓަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.