ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދިއްދޫ ގިރުމާއި ބަނދަރުގެ މައްސަލަ ހައްލު ކުރާނަން: ރައީސް

Apr 7, 2022

އދ. ދިއްދޫއަށް ކުރިމަތިވެފައިވާ ރަށް ގިރުމުގެ މައްސަލައާއި ބަނދަރުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ދިއްދޫގެ ކައުންސިލަރުންނާ މިއަދު ހެނދުނު ރައީސް އޮފީހުގައި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

މިބައްދަލުކުރެއްވުމުގައި ދިއްދޫ ކައުންސިލަރުން ވަނީ އެ ރަށުގެ ތަރައްގީއަށް އެންމެ މުހިއްމު ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސްގެ ސަމާލު ކަމަށް ގެންނަވާފަ އެވެ. އެގޮތުން ކައުންސިލަރުން ވަނީ ދިއްދޫގެ ބަނދަރު ބޭނުންކުރުމުގައި ކުރިމަތިވާ ދަތިތަކާއި ރަށްގިރުމުގެ މައްސަލައިގައި ލިބެމުންދާ ގެއްލުންތައް ފާހަގަކުރައްވާފަ އެވެ. ސިއްހީ މަރުކަޒު ތަރައްގީކޮށް ހިދުމަތް ފުޅާކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދިނުމަށާއި ސްކޫލާއި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ވެސް އެދިފައިވެ އެވެ. މީގެ އިތުރުން ދިއްދޫގެ ޒުވާނުންނަށް ބޭނުންވާ ކަންކަމާއި އިގްތިސޯދީ އަދި އިޖުތިމާއީ ތަރައްޤީއަށް ބޭނުންވާ ކަންކަން ފާހަގަކުރައްވާ އެކަންކަން އަވަސްކޮށްދިނުމަށް ރައީސް އަށް ދެންނެވި އެވެ.

ކައުންސިލަރުންގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ރައީސް ސޯލިހް ވަނީ ކައުންސިލުން ބަނދަރާއި ގުޅޭގޮތުން ފާހަގަކުރެއްވި ކަންކަމާއި އަދި ރަށްގިރުމުގެ މައްސަލައިގައި ޓެކްނިކަލް ސާވޭއެއް ހެދުމަށްފަހު ހައްލުގެނެވޭނެ ގޮތްތައް ނިންމަވާނެ ކަމުގައި ވިދާޅުވެފަ އެވެ. ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވެވި އެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވަނީ ވަކިރަށެއް ތަފާތުކުރުމެއް ނެތި ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ މުހިއްމު ކަންކަން ސަރުކާރުން ކޮށްދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވެފަ އެވެ.

މިބައްދަލުކުރެއްވުމުގައި އދ. ދިއްދޫ ހިމެނޭ ދަނގެތި ދާއިރާގެ މަޖިލިސް މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް ވެސް ބައިވެރިވެވަޑައިގަތެވެ.