ދުނިޔެ

އދ.ގެ ހައްގުތަކާ ބެހޭ ކައުންސިލުން ރަޝިއާ ވަކިވަނީ

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ރަޝިއާ ވަކިވާނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ރަޝިއާއިން މިހެން ބުނީ ޔޫއެން ހިއުމަން ރައިޓްސް ކައުންސިލް (ޔޫއެންއެޗްސީއާރް) އިން ރަޝިއާ ސަސްޕެންޑްކުރަން އެމެރިކާ ސްޕޮންސާކޮށްގެން އދ.ގެ އާންމު މަޖިލީހުގައި ގަރާރެއް ފާސްކުރުމުންނެވެ.

ރަޝިއާ ބުނާ ގޮތުން އދ. އާންމު މަޖިލީހުގައި އެ ގައުމާ ދެކޮޅަށް ނެގި ވޯޓު ސައްހައެއް ނޫނެވެ. ސަބަބެއް ކަމަށް ބުނީ އެއީ ސިޔާސީ ނިންމުމަކަށް ވުމާއި ރަޝިއާއާ ދެކޮޅަށް ވޯޓް ދިނީ ވަކި އަތަކަށް އަރިއަޅާފައި ތިބި ގައުމުތަކަކުން ކަމަށް ވާތީ ކަމަށެވެ.

އެ ވޯޓަކީ އެމެރިކާ އާއި އެ ގައުމުގެ ބައިވެރިން ރަޝިއާއާ ދެކޮޅަށް އަޅަން ހުރި ފިޔަވަޅުތައް ހުސްވެގެން ނެގި ވޯޓެއް ކަމަށް ވެސް ރަޝިއާ ތުހުމަތު ކުރެ އެވެ. އަދި ބުނީ މެމްބަރުކަމުގެ ވާޖިބުތައް ބަރާބަރަށް އަދާކުރުމުގައި ވަނިކޮށް ޔޫއެންއެޗްސީއާރުން ބޭރުކުރުން ބަލައި ނުގަންނަ ކަމަށެވެ.

ރަޝިއާ ބުނާ ގޮތުން ޔޫއެންއެޗްސީއާރު މިހާރު މިނިވަނެއް ނޫނެވެ. އެއީ އެމެރިކާ އާއި ޔޫރަޕްގެ ބައިވެރިން ހިސޯރުކޮސްފައި އޮތް ކައުންސިލެއް ކަމަށް ވެސް ރަޝިއާ ބުނެ އެވެ.

އެމެރިކާ އާއި ޔޫރަޕަކީ އިންސާނީ ހައްގުތަކުގެ ބަތަލުން ކަމަށް ހެދިގެން އުޅޭއިރު އެއަށް ވުރެ އަނިޔާވެރި ބަޔަކު ދުނިޔޭގައި ވެސް ނެތް ކަމަށް ރަޝިއާ ބުނެ އެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ވަކިވި ނަމަވެސް ހައްގުތަކަށް ވަކާލާތު ކުރުމާއި ހިއްސާކުރުމުގައި ރަޝިއާ ދެމިއޮންނާނެ ކަމަށެވެ.

އދ.ގައި އެމެރިކާ ކުސްތަޅައިގެން ޔޫއެންއެޗްސީއާރުން ރަޝިއާ ބޭރުކުރަން ނެގި ވޯޓު ފާސްވެފައިވަނީ 93-24 ވޯޓުންނެވެ. ވަކިކޮޅަކަށް 58 ގައުމަކުން ވޯޓެއް ނުދެ އެވެ. ރާއްޖެ އާއި އިންޑިއާ ކަނޑުގެ މިސަރަހައްދުގެ ގައުމުތަކުން ވަކިކޮޅަކަށް ވޯޓެއް ނުދެ އެވެ. ޗައިނާ ވޯޓް ދިނީ ރަޝިއާ ސަސްޕެންޑް ކުރަން ނުފެންނަ ކަމަށެވެ.

ބައެއް ގައުމުތަކުން ބުނާ ގޮތުން ރަޝިއާއާ ދެކޮޅަށް ވޯޓުދިނީ އެމެރިކާ އާއި ޔޫރަޕުން އެގައުމުތަކަށް ދަތިކުރާނެކަން ކަށަވަރުވާތީ ކަަމަށެވެ. އެއީ އަމިއްލަ އިޚުތިޔާރެއް އޮވެގެން ދިން ވޯޓެއް ނޫން ކަމަށެވެ.