ލައިފްސްޓައިލް

ދަރިފުޅަށް މަންމަ ދިން އަދަބުން ގިނަ ބައެއްގެ ފާޑުކިއުން

ތިމާގެ 15 އަހަރުގެ ދަރިފުޅު މަސްތުވާއެއްޗެތީގެ ޝިކާރައަކަށް ވެފައިވާކަން އެނގޭ ވަގުތު އެ މަންމަ އަށް ކުރެވޭނެ އިހްސާސް ބަޔާން ކުރުމަކީ އެފަދަ ކަމެއް ތަހައްމަލު ކޮށްފައިވާ މީހަކަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. އިންޑިއާގެ ތެލަންގަނާގައި ދިރިއުޅޭ މި މަންމައަށް ވެސް ވީ އެހެންނެވެ. ދަރިފުޅު މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާކަން އެނގުމާއެކު އަންހެން މީހާ ވަނީ އެ ކުއްޖާ ގޭ ދޮރުމަތީގައި ބަނދެފައި ބަހައްޓައިގެން އޭނާގެ މޫނާއި ލޮލުގައި ތެޅި މިރުސް އުނގުޅާފަ އެވެ.

މި ވީޑިއޯ މިހާރު ވައިރަލްވެފައިވާއިރު ފިރިހެން ކުއްޖާ ރޮއި ހޭރޭ އަޑު މި ވީޑިއޯ އިން އިވެ އެވެ. އަދި އެ މަންޒަރު ބަލަން ތިބި އެއް ބަޔަކު އެކަމަށް ހިތްވަރުދޭއިރު އަނެއް ބަޔަކު އެކަމާ ހިތްހަމަނުޖެހިގެން އުޅޭތަން ވެސް ފެނެ އެވެ.

ވީޑިއޯ ވައިރަލްވުމުން މިއީ ވަރަށް ގިނަ ބަޔަކު އެކަމަކާ ބަހުސް ކުރި މައުލޫއަކަށް ވެސް ވަނީ ވެފަ އެވެ. އެއް ބަޔަކު ބުނަނީ މިއީ އެއްގޮތަކަށް ވެސް ކުޑަ ކުއްޖަކާ ދޭތެރޭ މަޔަކު ކަންތައް ކުރަންވާނެ ގޮތެއް ނޫން ކަމަށެވެ. ކުއްޖާ އިސްލާހުކުރަން ކުރެވޭނެ އެނޫން ކަންތައް ވެސް ހުންނާނެ ކަމަށެވެ.

ވީޑިއޯ އަށް ކޮމެންޓުކުރި އެހެން ބައެއް މީހުންގެ ނަޒަރުގައި މިފަދަ ކަމަކުން ކުއްޖާގެ އުޅުން އިތުރަށް ގޯސްވުން ނޫން ކަމެއް ނުވާނެ އެވެ. އަދި ކުއްޖާގެ ކޮންޓްރޯލް މަންމައަށް މުޅިން ގެއްލުމުގެ ފުރުސަތު މިފަދަ ކަންކަމުން ފަހިވާނެކަމަށް ގަބޫލުކުރާ މީހުން ވެސް ވަރަށް ގިނަ އެވެ.

މި ވީޑިއޯ ވައިރަލްވުމުން ރަމާނާ ނަމަކަށް ކިޔާ މި އަންހެން މީހާ މީޑިއާ އަށް ދިން އިންޓަވިއުގައި ބުނީ ދަރިފުޅާ ދޭތެރޭ މިފަދަ ހަރުކަށި ފިޔަވަޅެއް އަޅަން އޭނާއަށް މަޖްބޫރުވީ ކަމަށެވެ. ކޮންމެ ދުވަހަކު ބުރަ މަސައްކަތްކޮށްގެން ލިބޭ އެއްޗަކުން އާއިލާ ބަލަހައްޓާ އަންހެން މީހާ ބުނީ ދަރިފުޅު މަސްތުވާތަކެތީގެ ވަބާގައި ޖެހުނު އިރެއް އޭނާއަށް ނޭނގޭ ކަމަށެވެ.

އޭނާ ބުނި ގޮތުގައި މިދިޔަ އަހަރުއްސުރެ ދަރިފުޅު މަސްތުވާތަކެތީގެ ބޭނުންކުރާކަން މިހާރު އޭނާއަށް އެނގިއްޖެ އެވެ. އޭރު އިރުއިރުކޮޅުން ކޮންމެވެސް ތަނަކަށް ވެއްޓިފައި ދަރިފުޅު އޮންނަ ކަމަށް ރަމާނާ ބުންޏެވެ. އޭނާ މުޅި އަވަށުގައި ހިނގާ ދަރިފުޅު އެތަން މިތަނުން ހޯދައިގެން ގެންނަ ކަމަށާއި އެ ހާލުގައި އުޅޭއިރުވެސް އެހެން އެއްވެސް މީހަކު އެކަމާ ކަންބޮޑުވެގެން ނޫޅޭ ކަމަށެވެ. އަދި ކުއްލިއަކަށް ދަރިފުޅާ ދޭތެރޭ މީހުން ކަންބޮޑުވެގެން އުޅޭތީ ހައިރާންވާ ކަމަށް ރަމާނާ ބުންޏެވެ.

މި ވީޑީއޯ ބަލާފައި ރަމާނާގެ ހާލަތު ގަބޫލުކުރާ ބަޔަކު ވެސް ކޮމެންޓުކޮށްފައި ވެއެވެ. ނަމަވެސް އެމީހުން ވެސް ރަމާނާއަށް ނަސޭހަތްތެރިވީ ދަރިފުޅަށް މިގޮތަށް އަދަބު ދިނުމުގެ ބަދަލުގައި ފަރުވާ ކޮށްގެން ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރުމަށެވެ.

އެހެން މީހެއްގެ ކޮމެންޓުގައި ބުނެފައިވަނީ ޑްރަގް ބޭނުންކުރުމަކީ ގާނޫނީ ކުށަކަށް ވާ ފަދައިން މިހާ ނުރައްކާތެރި އަދަބުތައް ދިނުން ވެސް މަނާ ކަމަކަށް ވާންޖެހޭނެ ކަމަށެވެ.

އިތުރު މީހަކު ބުނީ އެ މަންމައަށް ވެސް އޭނާ ހަމްދަރުދީވާ ކަމަށެވެ. އެފަދަ ދަނޑިވަޅެއްގައި މަންމައަކަށް އެފަދަ ކަމެއް ކުރެވިދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ކުއްޖާ މިހާރު ވަނީ މަންމަ ކިބައިން މައާފަށް އެދިފަ އެވެ. އަދި ދެން ދުވަހަކުވެސް މަސްތުވާއެއްޗެތި ބޭނުން ނުކުރާނެ ކަމަށް ކުއްޖާ ވައުދުވެފައިވާ ކަމަށް އެ ކުއްޖާގެ މަންމަ ބުނެފައި ވެއެވެ.