އޮޑިޓާ ޖެނެރަލް އޮފީސް

ރައީސް އޮފީހާއި ރަސްމީގެކޮޅަށް ހަރަދުކުރީ ރަނގަޅަށް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅަށް 2020 ވަނަ އަހަރު ހަރަދުކޮށްފައިވަނީ އެ މަޖިލީހުން ފާސްކޮށްދެއްވި ބަޖެޓްގެ މަގުސަދުތައް ހާސިލުވާ ގޮތަށް އަދި ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށް އޮޑިޓަރު ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އެ އޮފީހުން އިއްޔެ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު އަދި ނާއިބު ރައީސްގެ ރަސްމީ ގެކޮޅުގެ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ނެރުއްވާފައެވެ. އެ ރިޕޯޓްގައި ބުނެފައިވަނީ 2020 ވަނަ އަހަރުގެ ކޮންސޮލިޑޭޓެޑް މާލީ ބަޔާނަށް އޮޑިޓަރު ޖެނެރަލް ދެއްވާގައިވަނީ އަންކޮލިފައިޑް އޮޕީނިއަން އެއް ކަމަށެވެ.

އެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު އަދި ނާއިބު ރައީސްގެ ރަސްމީ ގެކޮޅަށް ޑިސެންބަރު 31، 2020 ނިމުނުއިރު މާލީ ހަރަދުކޮށްފައިވަނީ އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވި ބަޖެޓްގެ މަގުސަދުތައް ހާސިލުވާ ގޮތަށް ކަމަށެވެ. އަދި އެ ބަޖެޓްގައި ކަނޑައަޅާފައިވާ ކަންތައްތަކަށް ބަޖެޓްގައި ކަނޑައަޅާފައިވާ މިންވަރަށް ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށެވެ.

"މި އޮފީހާއި [ރައީސުލްޖުމްހޫރިއްްޔާގެ އޮފީސް] ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ އާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ރަސްމީގޭގެ އެހެނިހެން މާލީ ކަންކަން މައިގަނޑު ގޮތެއްގައި ހިންގާ ބަލަހައްޓާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށެވެ،" އޮޑިޓް ރިޕޯޓްގައިވެއެވެ.