އިސްލާމިކް ސްޓޭޓް

އިރާގުގެ ބާރުގެ ދަށަށް ރަމަދީ ގެންގޮސްފި

ހައްދު ފަހަނައަޅާފައިވާ ޖަމާއަތް، އައިއެސްގެ ބާރުގެ ދަށުގައި އޮތް އިރާގުގެ އަވަށެއް ކަމަށްވާ ރަމަދީ އިރާގު ސިފައިންގެ ބާރުގެ ދަށަށް ގެންދެވިއްޖެ ކަމަށް އިރާގު ސިފައިންގެ ތަރުޖަމާނު ސަބާހު އަލް ނޫމާނީ ވިދާޅުވެއްޖެ އެވެ.

ސަބާހު ވިދާޅުވީ ރަމަދީ މިހާރު އޮތީ އެމީހުންގެ ބާރުގެ ދަށުގައި ކަމަށާއި އައެސް ހަނގުރާމަވެރިންގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ.

ރަމަދީ ހިފުމުގެ މަސައްކަތް ރަސްމީކޮށް އިރާގު ސަރުކާރުން ފެށީ މިދިޔަ އަންގާރަ ދުވަހު އެވެ. ނަމަވެސް އޭގެ ކުރިންވެސް އިރާގު ސިފައިން ދިޔައީ ރަމަދީ އަވަށުގައި ކުރިން ބާރުގަދަ ކުރަމުންދިޔަ އައެސް ޖަމާއަތަށް ހަމަލާ ދެމުންނެވެ.

ރަމަދީ އައިއެސް ބާރުގެ ދަށަށް ދިޔައީ މިއަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.

އިރާގު ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ ވިދާޅުވީ އިރާގުގެ ސިފައިން ދެން ނުކުންނާނީ މޫސަލް އިރާގުގެ ބާރުގެ ދަށަށް ގެނައުމަށް ކަމަށެވެ. އިރާގުގެ ދެވަނަ އަށް އެންމެ އާބާދީ ބޮޑު މި ސިޓީ އައިސިސްގެ ބާރުގެ ދަށަށް ގެންގޮސްފައިވަނީ 2014 ވަަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެ ސިޓީ އިރާގު ސިފައިންގެ ބާރުގެ ދަށަށް ގެންދިއުމަށް ދުވަސް ނަގާނެ ކަމަށް އިރާގު ސިފައިން ގަބޫލު ކުރެ އެވެ.

އެ ސިޓީގައި އުފައްދާ ތެޔޮ ވިއްކައިން އައިސިސް އިން ދަނީ ފައިސާ ހޯދަމުންނެވެ. ރަމަދީ އިރާގު ސިފައިންގެ ބާރުގެ ދަށަށް ގެނެވުމުން އެގައުމުގެ ގިނަ ބަޔަކު ދަނީ އުފާ ފާޅުކުރަމުންނެވެ.