ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ތަރައްގީގެ މަޝްރޫއު ތަކަށް މިއަހަރު މިހާތަނަށް 1.4 ބިލިއަން ރުފިޔާ ހޭދަކުރިއިރު، ތިލަމާލެ ބްރިޖު އަޅަން މިހާތަނަށް 235.2 މިލިއަން ރުފިޔާގެ ހަރަދު ކޮށްފި އެވެ. މިއީ މި އަހަރު ޕީއެސްއައިޕީ ބަޖެޓުން އެންމެ ބޮޑު ހޭދައެއް މިހާރު ކުރާ އެއް މަޝްރޫ އެވެ.
ބަޖެޓަށް ލިބޭ އާމްދަނީ އާއި ހަރަދު ހާމަކުރަން ފިނޭންސުން ނެރެފައިވާ މާލީ ރިޕޯޓް ދައްކާ ގޮތުން ޓްރާންސްޕޯޓް ސެކްޓާއަށް 434.8 މިލިއަން ރުފިޔާ ހޭދަކުރިއިރު އެ ބައިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ތިލަމާލެ ބްރިޖު މަޝްރޫއަށެވެ. ބެލެވޭ ގޮތުގައި ޕީއެސްއައިޕީ ބަޖެޓުން މިހާރު ބޮޑު ހޭދައެއް ކުރަމުން ގެންދަނީ އިންޑިއާ ސަރުކާރުން 400 މިލިއަން ޑޮލަރުގެ ލޯނެއްގެ ދަށުން އަޅަމުން ގެންދާ ތިލަމާލެ ބްރިޖުގެ މަޝްރޫއަށެވެ. މި މަޝްރޫ އަށް ޕީއެސްއައިޕީ ބަޖެޓުން މިދިޔަ އަހަރު 22.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މި މަޝްރޫއަށް ހޭދަ ކުރުމަށް 633.83 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވެ އެވެ.
ބޮޑު ހޭދަ ޓްރާންސްޕޯޓް ސެކްޓާއަށް؛ 434.8 މިލިއަން
- ބަނދަރު މަޝްރޫއުތަކަށް: 177 މިލިއަން
- ބްރިޖު މަޝްރޫ އަށް: 235.2 މިލިއަން
- އެއާޕޯޓް އަޅަން: 22.3 މިލިއަން
ޕީއެސްއައިޕީ ހަރަދު: ދާއިރާތައް
- ގައުމީ ސަލާމަތަށް: 11.3 މިލިއަން
- ސިއްހީ ހިދުމަތްތަކަށް: 44.9 މިލިއަން
- ތައުލީމީ ދާއިރާއަށް: 92.0 މިލިއަން
- ތިމާވެށި ހިމާޔަތް ކުރަން: 200.1 މިލިއަން
- ފެނާއި ނަރުދަމާއަށް: 246.4 މިލިއަން
- ޖެނެރަލް އެޑްމިނިސްޓްރޭޝަން: 5.7 މިލިއަން
- ބޯހިޔާވަހި ކަމުގެ މަޝްރޫއުތަކަށް: 143.3 މިލިއަން
- އިޖުތިމާއީ / ދީނީ ކަންކަމަށް: 57.1 މިލިއަން
- ބިން ހިއްކައި މަގު ހަދަން: 233.8 މިލިއަން
- މަސްވެރިކަމާއި ދަނޑުވެރިކަމަށް: 2.2 މިލިއަން
ފިނޭންސުގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި ގައުމީ ސަލާމަތަށް 11.3 މިލިއަން ރުފިޔާ ހޭދަކުރިއިރު އެންމެ ބޮޑު ހަަރަދެއް ކޮށްފައިވަނީ ފުލުހުންގެ ހިދުމަތަަށެވެ. އެ ހިދުމަތަށް 5.3 މިލިއަން ރުފިޔާ ވަނީ ފުރަތަމަ ތިން މަހު ހޭދަކޮށްފަ އެވެ. އަދި ތައުލީމީ ދާއިރާގެ ބޮޑު ހޭދައެއް ކުރި ސްކޫލްތަކަށް 91.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ތިމާވެށި ހިމާޔަތް ކުރުމުގެ ބައިން ބޮޑު ހޭދައެއް ގޮސްފައިވާ ގޮނޑުދޮށް ހިމާޔަތް ކުރަން 110.3 މިލިއަން ހޭދަކޮށްފައިވެ އެވެ. އަދި ސޯޝަލް އަދި ރިލިޖަސް ބައިން ބޮޑު ހޭދައެއް ކޮށްފައިވާ ކުޅިވަރަށް 30.2 މިލިއަން ރުފިޔާގެ ހަރަދެއް ކޮށްފައިވެ އެވެ.