ޑރ. ހުސައިން ރަޝީދު ހަސަން

ބާނާ ހުރިހާ މަހެއް ގަތުމަށް ބޭރުގެ ބޯޓެއް ގެންނަނީ

Apr 9, 2022
1

މަސްވެރިކަން މިދުވަސްވަރު ރަނގަޅުވެފައިވާތީ މަސްވެރިން ބާނާ ހުރިހާ މަހެއް ގަތުމަށް ބޭރުގެ ބޯޓެއް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު މިއަދު މިފްކޯގެ ކޫއްޑޫ ބަނދަރަށް ޒިޔާރަތްކުރައްވާ މަސްވެރިން ބާނާ މަސް ގަތުމުގެ ކަންކަން ކުރިއަށްދާ ގޮތް އަމިއްލަފުޅަށް ބެއްލެވުމަށްފަހު އާންމުކުރެއްވި މެސެޖެއްގަ އެވެ.

މިނިސްޓަރު ހުސައިން ވިދާޅުވީ މަސްވެރިން ބާނާ ހުރިހާ މަހެއް އެއްބުރުން ނުގަނެވޭ މައްސަލަ ދާއިމީކޮށް ހައްލުކުރެވޭނީ މަސް ފިނިކުރާ ކެޕޭސިޓީ ދެކުނުގައި މިހާރު ހުރިވަރަށް ވުރެ އިތުރަށް ގާއިމުކޮށްގެން ކަމަށެވެ. މައްސަލަ ހައްލުކުރުމަށް މަސްގަނެ ފިނިކުރަން ބޮޑުއުޅަނދެއް ފެލިވަރުން ކޫއްޑޫއަށް މިހާރު ގެނެސްފައިވާ ކަމަށާއި މަސްގަނެ ފިނިކޮށް ރައްކާ ކުރެވޭވަރު އިތުރު ކުރުމަށް މަސް ގަންނަ ބާޖެއްވެސް ލ. އަތޮޅު މާންދޫގައި ބޭނުން ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

"މަސްގަތުމަށް ވަގުތީގޮތުން ބޭރުގެ ބޯޓެއް ހޯދުމަށްވެސް މިފްކޯ އިން ދަނީ މަސައްކަތްކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. ހުސައިން ވިދާޅުވީ މާންދޫއަށް 120 ޓަނާއި ކޫއްޑޫއަށް 240 ޓަނާއި ޖަޒީރާ 102 ނަންބަރު ބޯޓަށް 120 ޓަނާއި މަހާކަލަމިންޖާ ބޯޓަށް 75 ޓަނުގެ އިތުރުން ހުޅުމީދޫ ފެކްޓަރީ އަށް 60 ޓަންގެ ފުރީޒިން ކެޕޭސިޓީއާ އެކު ޖުމުލަ 615 މެޓްރިކް ޓަން ބޭނުންކޮށްގެން މަސްގަނެވޭނެ އެެެންމެ ގިނަ އަދަށް އެތަންތަނަށް މިއަދު މަސް ގަންނަމުންދާ ކަމަށެވެ.

"ނަމަވެސް މަސްވެރިން ކިރަން ގެންނަ މަހުގެ މިންވަރު 24 ގަޑިއިރެއްގެ ތެރޭ މަސް ގަނެ ފިނިކުރެވޭނެ ކެޕޭސިޓީއަށް ވުރެ ބޮޑުތަނުން އިތުރު ވަމުންދާތީ އަދި ކޮންމެ ދޯންޏަކުން މަސްކިރާފަހަރަކު މަސްގަންނަ މިންވަރު ލިމިޓު ކުރަންޖެހިފައިވާތީ މަސްވެރިން މަސްނުކިރި ކިޔޫގައި މަޑުކުރަން ޖެހިފައިވާ ކަމުގެ ހައްގު ޝަކުވާ މަސްވެރިން ވަނީ ކުރަންޖެހިފަ އެވެ. މިކަން މިގޮތަށް އޮތް ނަމަވެސް މާންދުއާއި ކަޫއްޑޫއާއި ހުޅުމީދޫ އިންދަނީ ކިޔުތަރުތީބުން މަސްގަނެ ދޯނިތައް ހުސްކުރަމުންނެވެ." މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ މިފްކޯގެ ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ގަންނަން މިދުވަސްވަރު ލިބޭތީވެ މިފްކޯ އިން މިހާރު މަސް ގަންނަނީ ކޮންޓްރޯލްކޮށްގެން ދޯންޏަކުން ފަސް ޓަނުގެ މަހެވެ.