އެސްއެމްއީ ބޭންކް

އެސްއެމްއީ ލޯނަށް މާދަމާ ހުޅުވާލަނީ

ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްގީ ކުރަން އުފެއްދި، އެސްއެމްއީ ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ލޯނަށް އެދުމުގެ ފުރުސަތު މާދަމާ ހުޅުވާލަން ނިންމައިފި އެވެ.

އެސްޑީއެފްސީން މިރޭ ބުނީ ދަނޑުވެރިކަމަށް ދޫކުރުމަަށް ހަމަޖެހިފައިވާ "ދަނޑުވެރި ނަފާ" ލޯން އާއި "ވިޔަފާރި އެހީ" ލޯނަށް މާދަމާ ހުޅުވާލާނެ ކަމަށެވެ. އެ ދެ ލޯނަށް އެދޭ ފޯމް މާދަމާއިން ފެށިގެން ހުށައެޅޭނެ ކަމަަށްވެސް ބުންޏެވެ. ލޯނަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ އެވެ.

އެސްޑީއެފްސީ އިން ދޫކުރާ އެހެން ލޯނުތަކަށް މެއި މަހު ހުޅުވާލާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ސަރުކާރާއި ބައެއް ސިޓީ ކައުންސިލްތައް ހިއްސާ ވެގެން އުފައްދާފައިވާ ބޭންކް، އެސްޑީއެފްސީގެ މިދިޔަ އަހަރުގެ މާލީ ކާމިޔާބުތަކުގެ މައްޗަށް ބުނެފައިވާ ގޮތުން މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް 144 ރަށެއްގައި ވިޔަފާރި ހިންގާ ކުރިއެރުވުމަށް އެސްޑީއެފްސީ އިން ވަނީ ލޯނު ދޫކޮށްފަ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ލުޔެއްހޯދުމުގެ ގޮތުން މިދިޔަ އަހަރު ސަރުކާރުން ވަނީ ގިނަގުނަ މަސައްކަތް ތަކެއް ކޮށްފަ އެވެ. އެގޮތުން ސަރުކާރުގެ އިގްތިސާދީ ރިކަވަރީ ޕެކޭޖްގެ ދަށުން ކޮވިޑް-19 ވިޔަފާރި އެހީ ގެ ނަމުގައި ފިނޭންސް މިނިސްޓްރީ އާއި ގުޅިގެން އެސްޑީއެފްސީ އިން ވަނީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ގިނަގުނަ ފުރުސަތުތަކެއް ފަހިކޮށްދީފަ އެވެ.

އެސްޑީއެފްސީ އިން ވަނީ 2،205 ފަރާތަކަށް 381 މިލިއަން ރުފިޔާގެ ލޯނުއެހީ ދޫކޮށްފަ އެވެ. އަދި މި ލޯނުތަކުގެ ސަބަބުން ވިޔަފާރިތަކަށާއި އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކަށް ލުޔެއް ލިބި، އެ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުން ތަކުން އަރައިގަތުމަށް ވަނީ އެހީއަކަށްވި އެވެ.

އެ ބޭންކުން ބުނި ގޮތުގައި މީގެ އިތުރުން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިދިޔަ އަހަރު ލޮކްޑައުންނަށްފަހު ކުންފުނީގެ އޮޕަރޭޝަންސް ފަށާ، ކޮވިޑުގެ ނާޒުކު ހާލަތުގައި ވެސް އިތުރު 305 ފަރާތަކަށް ޖުމްލަ 420 މިލިއަން ރުފިޔާގެ ލޯނު ދީފައިވާ ކަމަށެވެ.

"އެގޮތުން އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާ އާއި ގުޅުންހުރި ވިޔަފާރިތަކަށާއި ކޮމާޝިއަލް ވިޔަފާރިތަކަށެވެ. އަދި ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންއާއި އެއްގޮތްވާގޮތުގެ މަތީން އެސްޑީއެފްސީއިން މިހާތަނަށް ދޫކޮށްފައިވާ ލޯނުތަކުގެ 33 އިންސައްތަ ލޯނަކީ އަންހެނުންނާއި ޒުވާނުންނަށް ދޫކޮށްފައިވާ ލޯނުތަކެވެ،" އެސްޑީއެފްސީ އިން ބުނެފައިވެ އެވެ.