އެސްއެމްއީ ބޭންކް

އެސްޑީއެފްސީ އިން އިސްލާމިކް ބޭންކެއް އުފައްދަނީ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ އިސްލާމިކް ބޭންކެއް ގާއިމުކުުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްޑީއެފްސީގެ ސީއީއޯ ނާޒިމް ހަބީބު ވިދާޅުވީ އިސްލާމިކް ފައިނޭންސާއި ޝަރީއާގެ އުސޫލުތަކާ އެއްގޮތްވާ ގޮތަށް ފައިނޭންސް ދޫކުރުމަށް ހާއްސަ އިސްލާމިކް ބޭންކެއް ހެދުމަށް ބައިނަލްއަގުވާމީ ކޮންސަލްޓެންޓެއްގެ އެހީގައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

"ބޭންކިން ލައިސަންސް ހޯދަން އެެމްއެމްއޭއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރަން ކޮންސަލްޓެންޓެއް މަސައްކަތް ކުރަމުން އެބަދޭ،" ނާޒިމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ހިންގާ ބޭންކުތަކުން ލިބޭ އާންމު ހުރިހާ ހިދުމަތެއް ލިބޭ މި ބޭންކް މިއަހަރު ހުޅުވާ ހިދުމަތް ދިނުމަކީ އަމާޒެއް ކަމަށެވެ.

އާ ޓިޔާ-ވަން އެސްއެމްއީ އިސްލާމިކް ބޭންކެއް ގާއިމުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯގައި ހިމެނޭ ވައުދެކެވެ.

އިސްލާމިކް ފައިނޭންސްގެ ދާއިރާ ފުޅާކޮށް ރާއްޖެއަކީ އިސްލާމިކް ފައިނޭންސްގެ ހަބަކަށް ހެދުމަކީވެސް ރައީސްގެ ސިޔާސަތުގައި ހިމެނޭ ކަމެކެވެ.