އިމްރާން ޚާން

ޕާކިސްތާނުގެ ބޮޑުވަޒީރުކަމުން އިމްރާން ޚާން ދުރުކޮށްފި

ޕާކިސްތާނުގެ ބޮޑުވަޒީރުކަމުން އިމްރާން ޚާން ދުރުކޮށްފި އެވެ.

އެމަނިކުފާނު މަގާމުން ދުރުކޮށްފައިވަނީ މިރޭ އެ ގަައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ނެގުނު އިތުބާރު ނެތް ކަމުގެ ވޯޓް ފާސް ކޮށްގެންނެވެ.

އިތުުބާރު ނެތް ކަމަށް ފާސްކުރަން 172 މެންބަރުންގެ ވޯޓް ބޭނުންވާއިރު 342 މެންބަރުންގެ ތެރެއިން 174 މެންބަރުން ވަނީ އިމްރާންގެ އިތުބާރު ނެތް ކަމަށް ވޯޓް ދެއްވާފައެވެ. އިތުބާރު ނެތް ކަމުގެ ވޯޓްގައި އިމްރާނަށް ތާއީދު ކުރައްވާ އެއްވެސް މެންބަރަކު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

ވަރަށް ބޮޑަށް ދިގު ދެމިގެންދިޔަ ޖަލްސާގައި ވޯޓަށް އަހަން ވީއިރު އިމްރާންގެ ވަފާތެރި ހުރިހާ މެންބަރުން ވަނީ ޖަލްސާ ދޫކުރައްވާ ވަޑައިގެންފައެވެ.

ބޮޑުވަޒީރު އިމްރާން ހާންގެ އިތުބާރު ނެތްކަމުގެ ވޯޓް ކުރިއަށް ގެންގޮސްފައިވަނީ މިރޭ އެ މައްސަލާގައި ގޮތް ނިންމަން އެ ގައުމުގެ ސުޕްރީމް ކޯޓުން ވަރުގަދަ އިންޒާރެއް ދީފައިވަނިކޮށެވެ. ސުޕްރީމް ކޯޓުން މި އިންޒާރު ދީފައިވަނީ އިތުބާރު ނެތް ކަމުގެ ވޯޓް ކުރިއަށް ގެންދަން ދެކޮޅު ހައްދަވާ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެ ދެ ބޭފުޅުންނަކީވެސް ޚާންގެ ވަފާތެރި ދެ ބޭފުޅުންނެވެ.

ކޮޅު ޕާޓީތައް ގުޅިގެން ބޮޑުވަޒީރު މަގާމުން ދުރުކުރަން މައްސަލަ ހުށައެޅުއްވުމުން އެ ގައުމުގެ ރައީސް ޑރ. އާރިފް އަލްވީ ވަނީ ގާނޫން ހަދާ މަޖިލީސް އުވާލައްވާފައެވެ. ރައީސް އާރިފް އަލްވީ އެ ނިންމެވުމުން ނިންމެވީ ބޮޑުވަޒީރުގެ މަޝްވަރާގެ މަތީންނެވެ.

އޭގެ ކުރީން ޚާންގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ ގާނުން ހަދާ މަޖިލީހުގެ ނައިބު ރައީސް, ގާސިމް ސޫރީ އޮތީ ތަޅުމުންވެސް ބޭރުކޮށްލާފައެވެ. ނަމަވެސް މި މައްސަލާގައި ގޮތެއް ނިންމައި ދިނުމަށް އެދި އިދިކޮޅު ޕާޓީތަކުން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު ބޮޑުވަޒީރާ ދެކޮޅަށް މައްސަލަ ނިންމެވިއެވެ.

ޕާކިސްތާން ސްޕްރީމް ކޯޓުން ބުނީ ގާނޫންހަދާ މަޖިލީސް އެގޮތަށް އުވައި ނުލެއްވޭނެ ކަމަށާއި، ބޮޑުވަޒީގު އިތުބާރު ނެތްކަން މަޖިލީހުގައި ސާބިތުކުރުން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ގާނުން ހަދާ މަޖިލީހުގެ ބައްދަލުވުމެއް ހޮނިހިރުގައި އިންތިޒާމްކޮށް ބޮޑުވަޒީރު އާމިރު ހާނަށް އިތުބާރު އޮތްތޯ ބަލަންވެސް އަމުރުކުރިއެވެ. މިރޭގެ ވޯޓް ކުރިއަށް ގެންދިޔައީ ސުޕްރީމް ކޯޓްގެ އެ އަމުރާއި ގުޅިގެންނެވެ.

އިތުބާރު ނެތް ކަމުގެ ވޯޓް ނަގާ މަގާމުން ދުރުކުރެއްވުމުގެ ކުރީން އިމްރާން ޚާން ވަނީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ދޫކުރައްވާ ވަޑައިގެންފައެވެ. އެއީ މަގާމުން ދުރުކުރައްވާނެކަން ޔަގީންވެ ވަޑައިގަތުމުން ނިންމެވި ނިންމެވުމެކެވެ.

މަގާމުން ދުރުކުރުމަށް މަސައްކަތް ކުރި ބޭފުޅުންނަކީ ބޭރު ގައުމެއްގެ ނުފޫޒުގައި ޖެހިފައިވާ ބޭފުޅުންތަކެއް ކަމަށް އިމްރާން ސިފަ ކުރައްވައެވެ. އަދި އެއީ ގައުމަށް ވަފާތެރި ބައެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. ޕާކިސްތާންގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވަނީ އެމެރިކާ އަޑީގައި އޮވެގެން ކަމަށްވެސް ތުހުމަތު ކުރެއްވެވި އެވެ.

ޕާކިސްތާނަކީ 225 މިލިއަން އާބާދީ އޮންނަ ގައުމެކެވެ.

އެގައުމުގައި ބޮޑުވަޒީރަކު ހަރުލުމަކީ މިހާތަނަށް ވެފައި އޮތް ކަމެއް ނޫނެވެ. އިމްރާން ހާނަށް މަގާމު ގެއްލިވަޑައިގެންނެވިއިރު ދެން އަމަލު ކުރާނެ ޗާޓެއް އިދިކޮޅުގައި އޮތް ކަމަށް ވެއެވެ. އެހެންކަމުން ވޯޓުން ދާއިމީ ބޮޑުވަޒީރުކު ހޮވެންދެން ވަގުތީ ބޮޑުވަޒީރަކު އައްޔަންކޮށް ސަރުކާރެއް އެކުލަވާލާނެ އެވެ.

ޕާކިސްތާންގެ އިލެކްޝަން ކޮމިޝަނުން ބުނާ ގޮތުން އާންމު އިންތިހާބެއް ބޭއްވޭނީ އަހަރުގެ ފަހުކޮޅެވެ. ހާލަތު ދިމާވާ ގޮތުން އަންނަ އަހަރުގެ ތާރީޚަކަށް ފަސްކުރަން ޖެހުމަކީ ވެސް އޮތް ފުރުސަތެކެވެ.