ދުނިޔެ

ޕާކިސްތާނުން ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފި

ޕާކިސްތާންގެ އަސްކަރިއްޔާއިން ބާރުގަދަ ބެލިސްޓިކް މިސައިލެއް ޓެސްޓް ކޮށްފި އެވެ. މިއީ ޕާކިސްތާނުން އުފައްދާ ޝާހީން މަރުކާގެ ތިންވަނަ ޖީލުގެ ބެލިސްޓިކް މިސައިލެކެވެ.

އަސްކަރީ މީޑިއާ ގޮފިން ބުނި ގޮތުގައި މަންޒިލަށް ވާސިލްވުމަށް މި މިސައިލްގައި އާ ޓެކްނޮލޮޖީ ހިމަނާފައި ވެއެވެ. އަދި ކުރިން މި މަރުކާގެ މިސައިލްތަކާ ހިލާފަށް ތިންވަނަ ޖީލުގެ ބެލިސްޓިކް މިސައިލްތަކުގެ ޑިޒައިނަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައި ވެ އެވެ.

ޕާކިސްތާނުން އަޖުމަބެލި ބެލިސްޓިކް މިސައިލަކީ ބިމުން ބިމަށް ނުވަތަ ވައިގެ ތެރޭގައި ހިމެނޭ އަމާޒުތަކަށް ހަމަލާދޭ މިސައިލެކެވެ. މި ވައްތަރުގެ މިސައިލް ހުންނަނީ ސަބްމެރީން ނުވަތަ ކަނޑު އަޑިން ލޯންޗް ކުރެވޭ ގޮތަކަށް ނޫނެވެ.

އަސްކަރީއްޔާއިން ބުނާ ގޮތުން ހަތިޔާރު ރޭހުގައި ޕާކިސްތާން ވާދަވެރިންނަށް ދުލެއް ނުކުރާނެ އެވެ. އަމާޒަށް ވާސިލްވުމުގައި މަންޒިލް ހޯދުމުގެ ކުޅަދާނަކަން ވެސް މިސައިލްތަކަށް ލިއްބައިދީފައި ވާނެ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.

ޕާކިސްތާންގެ އަސްކަރިއްޔާއިން ބުނި ގޮތުން މި މަރުކާގެ މިސައިލްތައް ފުރަތަމަ ޓެސްޓްކުރީ 2015 ވަނަ އަހަރު އެވެ. ޝާނީން ތިނެއްގެ މިސައިލްތަކަކީ ނިއުކްލިއާ ވޯހެޑް އުފުލޭ ފެންވަރުގެ މިސައިލްތަކެއް ކަމަށް ވެސް އަސްކަރިއްޔާއިން ބުނެ އެވެ.

ޕާކިސްތާން ހޯދަމުން ގެންދާ އަސްކަރީ ބާރުވެރިކަމާ އެކުވެސް، ގައުމު މިވަގުތު އޮތީ ސިޔާސީ ގޮތުން ހަލަބޮލި ފަށަލައެއްގަ އެވެ. އިދިކޮޅު ޕާޓީތަކުން ސްޕޮންސާކޮށްގެން ބޮޑުވަޒީރު އިމްރާން ހާން މަގާމުން ދުުރު ކުރުމާ ގުޅިގެން އާންމުގެ ތެރޭގައި ނުތަނަވަސްކަން އޮތީ ވަރަށް ބޮޑުވެފަ އެވެ.

އިމްރާން ހާންގެ ސަރުކާރު ގާނޫނާ އެއްގޮތަށް ވައްޓާލުމަށް ފަހު ވަގުތީ ބޮޑުވަޒީރަކު އައްޔަން ކުރުމުގެ މަރުހަލާތައް ކުރިއަށް ދާކަމަށް ޚަބަރުތައް ބުނެ އެވެ. އިދިކޮޅު ޕާޓީތަކުން މަސައްކަތް ކުރަނީ ވަގުތީ ބޮޑުވަޒީރަކަށް ޝެހެބާޒް ޝަރީފް ހަމަޖެއްސުމަށެވެ. ޝެހެބާޒް އަކީ ޕާކިސްތާންގައި ކުރިން ބޮޑުވަޒީރުކަން ކުރެއްވި ނަވާޒް ޝަރީފުގެ ކޮއްކޮ އެވެ.

ޕާކިސްތާންގެ އާބާދީއަކީ 225 މިލިއަނެވެ. އެ ގައުމުގެ ހަޔާތުގައި އެއްވެސް ބޮޑުވަޒީރަކަށް ދައުރު ހަމަވަންދެން މަގާމުގައި ހުރެވިފައެއް ނުވެ އެވެ. އަސްކަރީ ބަޣާވާތަކުން ސަރުކާރު ބަދަލު ކުރުން ނުވަތަ ސަރުކާރު ވައްޓާލުމަށް ބޮޑުވަޒީރު އަވަހާރަ ކޮށްލުން ފަދަ ހާދިސާތައް ޕާކިސްތާންގައި ވަނީ ހިންގާފަ އެވެ.

އިމްރާން ހާންއަކީ ގާނޫނު ހަދާ މަޖިލީހުގައި އިތުބާރު ނެތް ކަމަށް ވޯޓު ނަގައި ގާނޫން ބުނާ ގޮތަށް މަގާމުން ދުރުކުރި ފުރަތަ ބޮޑުވަޒީރު އެވެ.