މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ ވަޒީފާއަށް ވަނުމަށް ހުޅުވާލައިފި

Apr 10, 2022
3

ފުލުހުންގެ ސްޕެޝަލް ކޮންސްޓެބްލަރީ ކޮންސްޓަބަލްގެ ވަޒީފާ އަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފުލުހުން ވަނީ މިއަހަރުގެ ފެބްރުއަރީ މަހު ވެސް ސްޕެޝަލް ކޮންސްޓެބްލަރީ އަށް މީހުން ހޯދަން އިއުލާންކޮށްފަ އެވެ. އެކަމަކު އަލުން އެ މަގާމަށް މީހުން ހޯދަން އިއުލާންކުރީ ކުރީގެ އިއުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް މީހުން ކުރިމަތިލާފައި ނުވާތީ އެވެ.

ސްޕެޝަލް ކޮންސްޓެބްލަރީ ކޮންސްޓަބަލްގެ ވަޒީފާ އަށް އަލުން ހުޅުވާލި ނަމަވެސް ވަޒީފާ އަށް މީހުން ނަގާނެ ވަކި އަދަދެއް ފުލުހުން ބުނެފައެއް ނުވެ އެވެ.

ފުލުހުން އިއުލާންކޮށްފައިވާ ވަޒީފާ އަށް ކުރިމަތިލެވޭނީ ގުރޭޑް 10 ނިންމާފައިވާ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނަށެވެ. ވަޒީފާ އަށް ކުރިމަތިލާ މީހުންގެ ތެރެއިން ފިރިހެނެއް ނަމަ އިސްކޮޅުގައި ކުރުވެގެން ފަސް ފޫޓު އެއް އިންޗި އަދި އަންހެނެއް ނަމަ ފަސް ފޫޓު ހުންނަންޖެހެ އެވެ.

ވަޒީފާ އަށް ހޮވޭ ފަރާތްތަކަށް މުސާރައާއި އިނާޔަތުގެ ގޮތުގައި 11،421 ރުފިޔާ ދިނުމަށް ނިންމާފައިވެ އެވެ.

ވަޒީފާ އަށް ކުރިމަތިލުމަށް ފުރުސަތު ދީފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގެ މެންދުރުފަހު 1:00ގެ ނިޔަލަށެވެ.

ސްޕެޝަލް ކޮންސްޓެބްލަރީ ކޮންސްޓަބަލުންނަކީ ފުލުހުންގެ ޔުނީފޯމްގައި ތިބޭ ބަޔަކަށްވީ ނަމަވެސް ފުލުހުންނަށް ގާނޫނީ ގޮތުން ލިބޭ ބާރުތައް ލިބޭ ބައެއް ނޫނެވެ.