ބުލީ ކުރުމޭ ބުނުމުން އަބަދުވެސް އަޑު އިވެމުން ދަނީ ކޮންމެވެސް ކިޔަވާ ކުއްޖަކާއި ބުލީ ކޮށްގެން އެ ކުއްޖެގެ ކިޔެވުން ހަލާކު ވެގެން ކުރިއަށް ކަންކަން ނުގެން ދެވޭ ވާހަކަތަކެވެ. އެކަމަކު ސްކޫލްތަކުގައި ބުލީ ކުރުމުގެ ގޯސް ކުރިއަށް ދަނީ ހަމައެކަނި ކިޔަވާ ކުދިންނަށް އެކަންޏެއް ނޫނެވެ.
އެ ތަންނަނުގައި އުޅޭ މުވައްޒަފުންނާއި ޓީޗަރުން ވެސް ބުލީގެ ޝިކާރައަކަށްވެ ކިޔަވައި ދިނުން އިތުރައް ކުރިއަށް ގެންދިއުން އުނދަގޫ ވެގެން، ކްލާހުގައި ތިބޭ އެހެންކުދިންގެ ފަރާތުން އެހީއަށް އެދޭން ޖެހޭ ފަހަރުތައް އާދެ އެވެ.
ވަކި ގަޑިތަކެއްގައި ކިޔަވައި ދިނުމަށް ހުރަސް އެޅުމުގެ ބޭނުމުގައި ބައެއް ކުދިން އެ ކުދިންގެ ޓީޗަރުންނަށް އެކި ކަހަލަ ބަސްތައް ބުނެ ރައްދުކޮށް ހަދަ އެވެ. ކިޔަވައި ދިނުމަށް ކަނޑައެޅިފައިވާ ގަޑީގެ ވަގުތަކީ އެ ކުދިންނަށް ނަސޭހަތް ދޭ ގަޑިކަމުގައި ވެއެވެ. ނަމަވެސް ބައެއް ކުދިން އެ ވަގުތު ނަގަނީ މަޖާ ކޮށްލުމުގެ ވަގުތެއްގެ ގޮތުގަ އެވެ. ދޭ ނަސޭހަތް އެއްކަންފަތުން ވައްދާ އަނެއް ކަންފަތުން ނެރެ އެއްލާލަ އެވެ. ދޭ ނަސޭހަތުގެ އަގެއް ނުހުރެއެވެ. ހަމަ އެ ގަޑީގަ ވަކި މާއްދާއެއް ކިޔަވައިދޭ ޓީޗަރަށް އުނދަގޫ ކޮށްލުމުގައި ވަގުތުތައް ދުއްވާލައެވެ.
ޓީޗަރުން ކުދިންނަށް ތައުލީމާއި ތަރުބިއްޔަތު ދިނުމުގައި ހޭދަ ކުރާ ވަގުތު އެއީ އެ ކުދިންނަށް މުނިފޫހި ފިލުވައިދޭ ވަގުތުތަކެއްގެ ގޮތުގައި ދުއްވާލުމަށް އަޒުމް ކަނޑައަޅައިން ތިބޭހެން ވެސް ބައެއް ފަހަރާ ހީވެ އެވެ.
އިސްކޮށް ވެރިންނަށް ވެސް ސްކޫލްގައި މިކަން ގޮންޖެހުމަކައް ވުމުން ހެދޭނެ އިތުރު ގޮތެއް ނޯވެއެވެ. ދެވެނީ ތަކުރާރުކޮށް ނަސޭހަތެވެ. އަމަލީ ސިފައެއް ނާދެ އެވެ. ކިޔަވާ ހިތުން ސްކޫލަށްދާ ކުދިންނަށް ވެސް މި މައްސަލައާ ކުރިމަތިލާން ޖެހެ އެވެ.
ގްރޭޑް މަތިވާވަރަކަށް ގިނަ ސްކޫލްތަކުގައި ފެޝަނެއްގެ ގޮތުން ވޭޕް ބެނުން ކުރާ އަންހެންކުދިންނާއި ފިރިހެންކުދިން ގިނަވެ އެ ބޭނުން ނުކުރާ ކުދިންނަކީ ވަރަށް ފީކަޅާ ކުދިން ގޮތުގައި ނިންމަ އެވެ. ވިސްނާލަންޖެހޭ ކަމަކީ ސްކޫލްތަކުގެ ފާހަނައިގައި ވެސް މި ވޭޕް ބޭނުންކުރާ ކުދިން ގިނަވަމުން އަންނަ ކަމެވެ. ސްކޫލުގެ އިތުރު ހަރަކާތް ތަކުގެ ގަޑިތަކުގަ، ވޭޕް ބޭނުން ނުކުރާ ކުދިންނަށް ގަދަ ކަމުން ވޭޕް ޓެސްޓު ކުރުވާން ގަޓްސް ހުންނަ ކުދިން ބާރު އަޅައެވެ.
އެ ކުދިން ހިތުން އެއީ ސްކޫލްގެ ދާދާއިން ގޮތުގައި ވިސްނާ، ސްކޫލަށް ކިޔަވަންދާ ކުދިންނާއި ޓީޗަރުން ވެސް ތިބެން ޖެހެނީ އެކުދިންނަށް ބޯ ލަނބައިގެން އެކުދިން ބޭނުންވީމަ ބޭނުންގަޑިއެއްގަ ކިޔެވޭނެ ނޫނީ ކިޔަވައި ދެވޭނެ ބައެއްގެ ގޮތުގަ އެވެ.