އިންޑިއާގެ ބިހާރުގެ ސަރުކާރު ސްކޫލެއްގެ ކްލާސް ރޫމެއްގައި އެއް ވަގުތެއްގައި ދެ ޓީޗަރަކު ދެ މާއްދާއެއް ކިޔަވައިދީފި އެވެ. އެންމެ މަޖާ ކަމަކީ މި ދެ ޓީޗަރުން ވެސް ކިޔަވައިދީފައިވަނީ ކްލާހުގައި ހުރި ބޯޑުގެ ދެ ފަރާތުގައި ލިޔަމުންނެވެ.
ކްލާހުގައި ކުދިންތައް ކިޔަވަން ތިބިއިރު ކޮންމެ ކުއްޖަކު ވެސް ކިޔަވަން ޖެހޭނީ އެ ކުއްޖަކު ކިޔަވަން ބޭނުންވާ މާއްދާ އެވެ.
މި ދެ ޓީޗަރުން އެއް ބްލެކްބޯޑުގައި ލިޔަމުން އުރުދޫ އާއި ހިންދީ ކިޔަވައި ދެމުން ދަނިކޮށް ފެންނަ ވީޑިއޯއެއް މިހާޜު ވަނީ އިންޓަނެޓުގައި ވައިރަލް ވެފަ އެވެ.
ވީޑިއޯ ވައިރަލް ވުމުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި އެ ސްކޫލްގެ ޓީޗަރަކު ބުނި ގޮތުގައި އުރުދޫ ޕްރައިމަރީ ސްކޫލް 2017 ގައި އެމީހުންގެ ސްކޫލަށް ވަނީ ބަދަލުކޮށްފަ އެވެ. ނަމަވެސް އެ ސްކޫލްގައި ވެސް އެކަށީގެންވާ ވަރަކަށް ކްލާސް ރޫމެއް ނެތެވެ. އެހެންވެ އެއް ކްލާހެއްގެ ތެރޭގައި އެއްފަހަރާ ދެ މާއްދާ ކިޔަވައިދޭން ޖެހެނީ އެވެ.
ޑިސްޓްރިކްޓް އެޑިއުކޭޝަން އޮފިސަރު ކަމޭޝްވަރް ގުޕްތާ ބުނި ގޮތުގައި އާދާޝް މިޑްލް ސްކޫލަށް ކިޔަވަންދާ ކުދިން މަދުނަމަ އުރުދޫ ޕްރައިމަރީ ސްކޫލަށް އެ ކްލާސް ދިނުން ރަނގަޅެވެ. މިގޮތަށް އެއް ކްލާހެއްގައި ދެ މާއްދާ ކިޔަވައިދިނުމަކީ ރަނގަޅު ކަމެއް ނޫންކަމަށް އޭނާވެސް އެއްބަސްވި އެވެ.