ލައިފްސްޓައިލް

އިންޑިއާގެ ސްކޫލްތަކެއް ރުޅިނެތް ޒޯންތަކަކަށް ބަދަލުކުރަނީ

އިންޑިއާގެ އިންދޯރުގައި ހުންނަ ބައެއް ސްކޫލްތައް އެންގަ-ފްރީ ނުވަތަ ރުޅި ނެތް ޒޯންތަކެއްގެ ގޮތުގައި ވަރަށް އަވަހަށް ކަނޑައަޅަން ނިންމައިފި އެވެ. މި ސްކޫލްތައް މިފަދަ ޒޯންތަކެއްގެ ގޮތުގައި ކަނޑައަޅަން ނިންމީ އުފާވެރި މަޖާ މާހައުލެއްގައި ތައުލީމު ހާސިލުކޮށް ފިޓްނަސް ހަރަކާތްތައް ކުރިއަށް ގެންދިއުމަށެވެ.

ވަކި ސިލަބަސްއަކަށް ކިޔަވައިދޭ ހުރިހާ ސްކޫލެއް މި ގޮތަށް އެންގަ-ފްރީ ޒޯންތަކެއްގެ ގޮތުގައި ކަނޑައަޅަން ސްކޫލްތަކުގެ ކަންތައް ބަލަހައްޓާ ބޯޑުން ވަނީ ނިންމާފަ އެވެ.

މިގޮތަށް ޒޯންތައް ހަދާ ސްކޫލްތަކުގައި ސްކޫލްގައި އުޅޭ ހުރިހާ ވަގުތެއްގައި ހުރިހާ އެންމެން ވެސް ރުޅި ކޮންޓްރޯލް ކުރަން ޖެހޭނެ އެވެ. އެއީ މެނޭޖްމަންޓް ސްޓާފުންނަށް ވިޔަސް ޕްރިންސިޕަލް އާއި ފެކަލްޓީ މެމްބަރުންނާއި ސްޓާފުންނަށް ވިޔަސް އަދި ބެލެނިވެރިންނާއި ސްކޫލަށް ފަންޑް ކުރާ މީހުންނަށް ވިޔަސް މިގޮތަށް އަމަލު ކުރަން ޖެހޭނެ އެވެ.

މި ޒޯންތައް ކަނޑައަޅަން ނިންމި ސަބަބެއް ކަމަށް ބޯޑުން ބުނީ ރުޅިގަދަ ވުމަކީ އޭގެ ނޭދެވޭ އަސަރު ވަރަށް ގިނަ ދުވަހަށް ދެމިގެންދާ އެއްޗަކަށް ވެފައި ރުޅި އިތުރުވާ ވަރަކަށް އެންޒައިޓީ އާއި ލޭ މައްޗަށް ދިއުން އަދި ބޮލުގައި ރިހުން ފަދަ ކަންތައްތައް މެދުވެރިވާތީ އެވެ.

މިކަމުގެ ސަބަބުން ހުރިހާ ކިޔަވާ ކުދިންގެ ތައުލީމާއި ތަރައްގީއަށް ގިނަ ގުނަ ފައިދާތަކެއް ކުރާނެ ކަމަށް ވެސް ބޯޑުން ޔަގީން ކުރެ އެވެ. އަދި މިކަން ތަންފީޒު ކުރެވޭނެ އެންމެ ރަނގަޅު ގޮތަކީ ސްކޫލް ހިންގަން ތިބި މީހުން ވެސް މިގޮތަށް އަމަލު ކޮށްގެން ކަމަށްވާތީ އެންމެން ވެސް މި ގަވާއިދަށް އަމަލު ކުރަން ބޯޑުން ކަނޑައެޅީ އެވެ. އަދި މިކަން އޮންލައިންކޮށް ތަފާތު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޕްރޮމޯޓްކުރަން ހަމަޖެހިފައިވާ ކަމަށް ވެސް ބޯޑުން ވަނީ ބުނެފަ އެވެ.

ސްކޫލު ތެރެ އެންގަ-ފްރީ ޒޯނެއްގެ ގޮތުގައި ބާއްވަން ވަރަށް ސިމްޕަލް އަދި މުހިއްމު ކަމެއް އާދަކުރުމަށް ބޯޑުން ވަނީ ބާރުއަޅާފަ އެވެ. އެއީ ސްކޫލްގެ ދަރިވަރުންނާއި ޓީޗަރުން ވެސް ރީތި ހިނިތުންވުމަކާއެކު އަބަދުވެސް ސްކޫލް ތެރޭގައި އުޅުމެވެ. އަދި ކުދިންނާ ވާހަކަ ދައްކާ ހަދާއިރު ޓީޗަރުން ވެސް ފޯނަށް ގެއްލިގެން ހުރެ ވާހަކަ ދެއްކުމުގެ ބަދަލުގައި ކުދިންނާ ހަތަރުކަޅިހަމަކޮށް މަޑުމައިތިރިކަމާއި ލޯތްބާއެކު ވާހަކަ ދެއްކުމެވެ.

ސްކޫލުން ކުދިން ގެއަށް ދާނީ އުފަލުން ތިބެ ކަމަށާއި އަނެއް ދުވަހު އަނބުރާ ސްކޫލަށް އަންނަ ހިތުން ތިބެ ކަމަށާއި ސްކޫލުގެ މާހައުލަށް މިއަންނަ ރަނގަޅު ބަދަލަކީ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ރަނގަޅު ބަދަލެއް އައިސްގެ ކުދިންގެ ވިސްނުން އިތުރަށް ތަރައްގީވެގެން ދާނެކަމަށް ބޯޑުން އުންމީދު ކުރެ އެވެ.