ބޮލީވުޑް

ކަރަން ޖޯހަރް ލޯބިވީ އެންމެ އަންހެނަކު ދެކެ

ކަރަން ޖޯހަރް އާއި ޓްވިންކަލް ކަންނާ އަކީ ކުޑައިރުއްސުރެ ގާތް ދެ އެކުވެރިންނެވެ. ދެ މީހުން ކުޑައިރު ދިޔައީ ޕަންޗްގަނީގައި ހުރި އެއް ބޯޑިންގް ސްކޫލް އަކަށެވެ. އޭރުއްސުރެ ދެމީހުންގެ މެދުގައި ޚާއްސަ ގުޅުމެއް ގާއިމް ވެފައި ވެއެވެ.

ކަރަންގެ ތަންކޮޅެއް ކުރީގެ އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި އޭނާ މިހާތަނަށް ލޯބިވީ އެންމެ އަންހެނަކު ދެކެ އެވެ. އެއީ ޓްވިންކަލް އެވެ.

ޓްވިންކަލް ލިޔެ 2015 ގައި ނެރުނު "މިސިޒް ފަނީބޯންސް" ލޯންޗުކުރި ހަފުލާގައި ވާހަކަ ދައްކަމުން ކަރަން ވަނީ މި ވާހާކަ ވަރަށް ސާބިތު ކަމާއެކު ބުނެފަ އެވެ. އަދި އެހެން އަންހެނުންގެ ކިބައިން ނުފެންނަ ޚާއްސަ ސިފަތަކެއް އޭނާއަށް ޓްވިންކަލްގެ ކިބައިން ފެންނަ ކަމަށާއި ޓްވިންކަލް ދެކެ ލޯބި ވެވުނީ އެހެންވެ ކަމަށް ކަރަން ބުނެފައި ވެއެވެ.

ކަރަން ޑައިރެކްޓްކުރި ފުރަތަމަ ފިލްމު "ކުޗް ކުޗް ހޯތާ ހޭ" ގައި ރާނީ މުކަރުޖީ ކުޅެފައިވާ ޓިނާގެ ކެރެކްޓާ އެންމެ ފުރަތަމަ ކަރަން ހުށަހެޅީ ޓްވިންކަލް އަށެވެ. ނަމަވެސް ޓްވިންކަލް އެ ރޯލު ގަބޫލު ނުކުރީ އެވެ.

ކަރަން ބުނި ގޮތުގައި ޓިނާގެ ރޯލު ކުޅެން ޓްވިންކަލް އެއްބަސް ނުވުމުން އޭނާގެ ހިތް ކުދިކުދި ވިއެވެ.

ކަރަންގެ ލޯތްބަށް ޓްވިންކަލް އިންކާރު ކުރިޔަސް ކުޑައިރުއްސުރެ މިހާތަނާ ޖެހެންދެން ވެސް ދެ މީހުންގެ މެދުގައި އޮތް ގާތް އެކުވެރިން އެބައޮތެވެ. ޓްވިންކަލް ކައިވެނިކުރީ އެކްޓަރު އަކްޝޭ ކުމާރާ އެވެ. އަދި އަކްޝޭއާއި ޓްވިންކަލް އަށް ދެ ދަރިން ލިބިފައިވެ އެވެ. އާރަވް އާއި ނިތާރާ އެވެ. އަނެއްކޮޅުން ކަރަން އަދިވެސް ހުރީ ސިންގަލް ކޮށެވެ. އަދި ކައިވެންޏެއް ކުރުމުގެ ވިސްނުމެއް އޭނާ ނުވެސް ގެންގުޅެ އެވެ. ކަރަން ވަނީ ސަރަގޭޓް މަންމައެއް މެދުވެރިކޮށް ދެ ދަރިންގެ ބައްޕަ އަކަށް ވެފަ އެވެ.