އޭސީސީ

އޭސީސީ މިހާރުގެ އަމާޒަކީ ހުރިހާ ތަހުގީގެއް އެކުގައި ފެށުން

Apr 11, 2022
1

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރްސީން ނުއަގުގައި ދޫކޮށްލާފައިވާ ރަށްތަކުގެ ހަމަ އަގު ހޯދުމުގެ މަސައްކަތާއި ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތަހުގީގު ކުރިއަށް ގެންދާނީ އެކުއެކީގައި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީ އަށް މިދިޔަ މަހު އަލަށް އައްޔަންކުރެއްވި މެންބަރުން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުވެވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އޭސީސީގެ ރައީސް އިބްރާހީމް ޝާމިލް ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތައް ބެލުމަށް ކުރީގެ ކޮމިޝަނާއި ދައުލަތުގެ އިދާރާތައް ގުޅިގެން ތަހުގީގުތަކެއް ކުރިއަށް ގެންގޮސްފައިވާތީ އިދާރާތަކާ މަޝްވަރާކޮށްގެން ތަހުގީގުގެ ދުވެލި އަވަސް ކުރުމަށް ޕްލޭނެއް އެކުލަވާލައިގެން ހާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ރައީސް އޮފީހުން އަންގައިގެން އޮޑިޓް އޮފީހުން މިދިޔަ އަހަރު އެކުލަވާލި ހާއްސަ އޮޑިޓް ރިޕޯޓާ ހަވާލާދީ އޭސީސީގެ ނައިބް ރައީސް އަބްދުއްސަލާމް ވިދާޅުވީ އެމްއެމްޕީއާރްސީން ރަށްތަކާއި ފަޅުތައް ދޫކުރި އަގުތަކެއް އެ ރިޕޯޓްގައިވާ ކަމަށެވެ. ކޮމިޝަންގެ ތަހުގީގުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ރަށްތަކުގެ ހަމަ އަގު ހޯދައި ދައުލަތަށް ފައިސާ އަނބުރާ ހޯދުމަށް ކަމަށް ވިދާޅުވި އެވެ.

ހިޔާނާތުގެ މައްސަލަތައް ތަހުގީގުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓަކާއި އޮޑިޓް އޮފީހުގެ އޮޑިޓް ރިޕޯޓްގައި ވެސް އެމްއެމްޕީއާރްސީން 37 ރަށާއި 12 ފަޅު ވިއްކާލާފައިވަނީ ނުއަގުގައި ކަމަށް ބުނެފައިވެ އެވެ. އެ ރަށްތަކުން ދައުލަތަށް ތިން ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެންޖެހޭ ކަމަށް ކަމާ ގުޅޭ ރިޕޯޓްތަކުގައި ބުނެފައިވެ އެވެެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތައް ތަހުގީގުކުރާއިރު އޭސީސީން ބަލާނީ ކޮން ލިސްޓަކަށްތޯ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ސުވާލުކުރެއްވެވި އެވެ. އުޝާމް އިޝާރާތް ކުރައްވާ ލިސްޓްތަކުގައި ހުރީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކުރެވޭ މީހުންގެ ނަންތަކެވެ.

އުޝާމަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް ޝާމިލް ވެސް ވިދާޅުވީ އެއް ލިސްޓަށް ވުރެ ގިނަ ލިސްޓް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އާ ލިސްޓެއް އެކުލަވާލުމުގެ ބަދަލުގައި މިހާރު ހުރި ލިސްޓްތަކާއި ތަހުގީގުގައި މިހާތަނަށް ކޮށްފައިވާ މައްސަލަތަކަށް ބަލައިގެން ވީހާވެސް ބާރަށް މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގެންދާނެ ކަމުގައި ވިދާޅުވި އެވެ. އެކަމަކު އޭސީސީގައި މިހާރު ތިއްބެވި މެންބަރުން ކުރީގެ ނިންމުންތަކަށް ހުރިހާ ގޮތަކުން ބަރޯސާ ނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"މިހާތަނަށް ކުރެވިފައިވާ ޓެކްނިކަލް މަޝްވަރާތަކުން އަޅުގަނޑުމެންނަށް ދަންނަވަން ކެރިދާނެ އޭގައި އަޅުގަނޑުމެން އެބަޖެހޭ އެހެން މެޓްރިކްސްއެއް ވެސް ގެންގުޅެން ވަގުތާއި ވަސީލަތްތައް ހުރި ގޮތްތަކަށް ބަަލާފައި،" ޝާމިލް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި 114 ބޭފުޅެއްގެ ނަން ހިމަނާފައިވެ އެވެ. މީގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނާއި މިހާރުގެ މެންބަރުންނާއި ސަރުކާރުގެ ކުރީގެ ވެރިންނާއި މިހާރުގެ ވެރިންނާއި ފަނޑިޔާރުންނާއި ސަލާމަތީ ހިދުމަތްތަކުގެ އިސް ބޭފުޅުން ހިމެނެ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި އެ ލިސްޓް އާންމުކުރުމާ އެކު އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ކޮމިޝަނުން ފަހުން ބުނެފައިވަނީ ލިސްޓްގައި ތިބި ހުރިހާ ބޭފުޅުންނަކީ ހިޔާނާތުގައި ބައިވެރިވެގެން އުޅުނު ބޭފުޅުން ނޫން ކަމަށެވެ. މައްސަލަ އެކަށީގެންވާ ގޮތަކަށް ނުބެލި އަދި ދައުލަތަށް އެއްވެސް ފައިސާއެއް ވެސް ހޯދައިނުދެވުމުން އެސެޓް ރިކަވަރީ ކޮމިޝަން މިހާރު ވަނީ އުވާލައްވާފަ އެވެ.