ދިރާގު

ކުޑަކުދިނަށްކުރާ އަނިޔާ ހުއްޓުވަން ދިރާގުން ޝީއަށް ބައިލައްކަ ރުފިޔާ

އަންނަ 2016 ވަނަ އަހަރު ކުޑަކުދިންނާ ބެލެނިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގުމަށް ސޮސައިޓީ ފޮ ހެލްތު އެޑިއުކޭޝަން (ޝީ) އަށް ދިރާގުން 50،000ރ. ހަދިޔާކޮށްފި އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުގެ ފަރާތުން އެހީގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ދިރާގުގެ ޑިރެކްޓާ މާކެޓިން އަހުމަދު މައުމޫން އެވެ. ޝީގެ ފަރާތުން ސޮއިކުރެއްވީ ހަޒާންދާރު އިބްރާހިމް ފިރުޝާން އެވެ.

މިއަދު ސޮއިކުރި އެއްބަސްވުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ، ކުޑަކުދިންނަށް ދިމާވާ ގޮންޖެހުންތައް ފަސޭހަކޮށް، އެކުދިންނަށް ފަހި މުސްތަގުބަލެއް ހޯދައިދޭން މަސައްކަތް ކުރުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާތަކާ ބެހޭ ބައިގެ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށެވެ. މިއަދު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން ކުޑަކުދިންގެ ތަރައްގީއަށް އިތުރު މަސައްކަތްތަކެއް ގައުމީ ފެންވަރުގައި ކުރެވޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

މި އެއްބަސްވުމުގެ ދަށުން ކުޑަކުދިންނަށް ކުރާ އަނިޔާ އަށް ކުދިން ހޭލުންތެރިކުރުމުގެ ވޯކްޝޮޕްތަކެއް ހިންގާނެ ކަމަށް ޝީ އިން ބުންޏެވެ. އަދި ކުދިންނަށް ދިމާވާ އެކި މައްސަލަތަކާ ބެހޭ ގޮތުން އާންމުންނާއި ބެލެނިވެރިންގެ އިތުރަށް ޓީޗަރުންނަށް ވެސް ހާއްސަ ކައުންސެލިން ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

ދިރާގާއި ގުޅިގެން ޝީއިން އަންނަ އަހަރު ހިންގަން ނިންމާފައިވާ ބައެއް ޕްރޮގްރާމްތަކުގެ ތެރޭގައި "ބުލީ" ކުރުން ހުއްޓުވުމަށް ހިންގާ ހާއްސަ ޕްރޮގްރާމްތަކެއްވެސް ހިމެނޭ ކަމަށް ޝީއިން ވަނީ ބުނެފަ އެވެ.

ދިރާގަކީ ކުޑަކުދިންގެ ހައްގުތަކަށް ގިނަ ހޭދަތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް އެކުންފުނިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ކުރިއަށްގެންދާ ރޯޑް ރޭހަކީ ފާހަގަކޮށްލެވޭ ހަރަކާތެކެވެ.