ޑިފެންސް މިނިސްޓަރުކަމުން ނާޒިމް ވަކިކޮށް، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު ރައީސް އެ މަގާމަށް މިއަދު އައްޔަން ކުރައްވައިފި އެވެ. މޫސާ އަލީ ޖަލީލު މިހާތަނަށް ހުންނެވީ ސަރުކާރުން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނެވި، ސަފީރުގެ މަގާމުގަ އެވެ. ނަމަވެސް މި ވަގުތު މޫސާ އަލީ ޖަލީލު ހުންނެވި މާލޭގަ އެވެ. އޭނާ އަށް ރައީސް ވަނީ މިއަދު މަގާމުގެ ފަތްކޮޅު ވެސް ހަވާލު ކުރައްވައިފަ އެވެ.
ޑިފެންސް މިނިސްޓަރު ނާޒިމް އެ މަގާމުން ވަކިކުރެއްވީ ރައީސް އޮފީހުން ބުނި ގޮތުގައި ބަލަމުން ދާ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ރައީސް އޮފީހުން ނުބުނެ އެވެ. މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ވަނީ ނާޒިމް ދިރިއުޅުއްވަމުން ގެންދެވި އެޕާޓްމަންޓް ބަލައި ފާސްކޮށް ތަހުގީގަށް ބޭނުންވާ ބައެއް ތަކެތި އެ ގެއިން ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ފިސްތޮލާއި ބައެއް ގޮވާތަކެތި ފެނުނު ކަމަށް ވަނީ އަޑުފެތުރިފަ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ފުލުހުން ވެސް އަދި ސަރުކާރުން ވެސް ވަކި އެއްޗެއް ނުބުނެ އެވެ.