އާދަމް ޝަރީފު އުމަރު

ހިޔާ ފްލެޓްތައް ނިންމަން ހަވާލުކުރި ކުންފުނިތަކުގެ މައްސަލަ ބޭރުކޮށްލައިފި

ހިޔާ ފްލެޓް ތަކުގެ މަސައްކަތް ނިންމަން ހަވާލުކުރި ބައެއް ކުންފުނިތަކުން އޮޅުވާލުމުގެ ސަބަބުން ހިޔާ ފްލެޓްތަކުގެ ވެރިންނަށް ލިބިފައިވާ ގެއްލުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

މަޖިލީހަށް މައްސަލަ ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އެވެ.

މައްސަލަ ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމާ އެކު މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ ހަ މެންބަރުންނެވެ. މައްސަލަ ބަލައިގަތުމާ ދެކޮޅަށް 29 މެންބަރުން ވޯޓު ދެއްވި އެވެ. އެހެންވެ މައްސަލަ މަޖިލީހުން ވަނީ ބޭރުކޮށްލާފަ އެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ހިޔާ ފްލެޓްތައް ނިންމަން ހަވާލުކުރި ބައެއް ކުންފުނިތަކުން ފައިސާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށެވެ. ފްލެޓް ލިބުނު މީހުން އެ މީހުންގެ ފްލެޓްތައް ނިންމަން ކުންފުނިތަކާ ހަވާލުކުރީ ދަރަނިވެރިވެގެން ފައިސާއާއި ތަކެތި ހޯދައިގެން ކަމަށްވެސް ބުނެފައިވެ އެވެ. ނަމަވެސް ކުންފުނިތަކުން މަސައްކަތް ނުނިންމުން ފްލެޓް ލިބުނު މީހުންނަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.

މައްސަލައިގައި އިތުރަށް ބުނެފައިވަނީ ފްލެޓް ލިބުނު މީހުންގެ ނަމުގައި ބައެއް ކުންފުނިތަކުން އޮޅުވައިގެން ފައިސާ އާއި މުދާ ވެސް ހޯދާފައިވާ ކަމަށެވެ. ނަމަވެސް ފްލެޓްތައް ނިންމަން ހަވާލުކުރި މުއްދަތުގައި އަދިވެސް ބައެއް ކުންފުނިތަކުން މަސައްކަތް ނިންމާފައި ނުވާތީ އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެންނަ ކަމަށް ބުނެފައިވެ އެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިން ނިންމަން ސަރުކާރުން އެންމެ ފުރަތަމަ ދިން މުއްދަތު ހަމަވީ މިދިޔަ ޑިސެމްބަރުގަ އެވެ. ނަމަވެސް އެ މުއްދަތުގައި ގިނަ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިމިފައި ނުވާތީ މިދިޔަ މާޗް މަހުގެ ނިޔަލަށް ވެސް ސަރުކާރުން މުއްދަތު އިތުރުކޮށްދިނެވެ. އެކަމަކު އަދިވެސް ބައެއް ފްލެޓްތަކުގެ މަސައްކަތް ނިމިފައެއް ނުވެ އެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނުނިންމާ ހަވާލުކުރުމުން ފްލެޓްތަކަށް ކުލި ދެއްކުން ސަރުކާރުން ވަނީ މިދިޔަ މާޗް މަހުގެ ނިޔަލަށް ފަސްވެސް ކޮށްދީފަ އެވެ.

ހިޔާ ފްލެޓަށް ކުލީގެ ގޮތުގައި ދައްކަންޖެހެނީ މަހަކު 8،500 ރުފިޔާ އެވެ. އެއީ ކުލީގެ ގޮތުގައި 7،500 ރުފިޔާ އާއި މެއިންޓަނަންސް ފީގެ ގޮތުގައި 1،000 ރުފިޔާ އެވެ.