( 10 އެޕްރިލް 2022 އާ ގުޅޭ )
"ހޫރައިން... ޔުނީކް ނޭމް." ހޫރައިން ލާފައި ހުރި މާޓުގެ ލޯގޯ ޖެހި ޖެކެޓުގައިވާ ނޭމް ޓެގަށް ކައިދިން ގުދުވެ ބަލާލިއެވެ. ހޫރައިންގެ ސަމާލުކަން ލިބޭތޯ އޭނާ މަސައްކަތް ކުރިއެވެ.
ފިހާރައިގެ މަސައްކަތަށް މުވައްޒަފުން ނުކުންނަން ޖެހެނީ ދެ ހަފްތާއިން ގަޑި ބަދަލުވާގޮތަށް ކަނޑައެޅިފައި އޮންނަ ދަންފަޅިއެއްގައެވެ. ހަފްތާއަކު އެއް ދުވަސް ކޮންމެ މުވައްޒަފަކަށް ވެސް އޯފް ލިބެއެވެ. ކިޔަވަމުން ދެ ހަފްތާއިން ރޯލުވާ ގޮތަށް އޮންނަ ޑިއުޓީ އަދާކުރުން ފަސޭހަ ކަމަކަށް ހޫރައިންއަށް ނުވެއެވެ. އެހެންވިޔަސް އޭނާ ކެތްކޮށްލީ ލިބޭ އާމްދަނީއާއި ތަނުގެ ވެރީންގެ ހެޔޮކަމުންނެވެ. ވަޒީފާއަށް ހޫރައިން ހުޅުމާލެއަށް ދާން ޖެހުމުން ސުމައްޔާ ކަންބޮޑުވިއެވެ. ހުރި ހަމައެކަނި ދަރިފުޅުގެ އިތުރުން އަންހެން ދަރިއަކަށްވީމައެވެ. ހޫރައިންއަށް އަށާރަ ފުރެންވީއިރު ދަރިފުޅު އެކަނި ތަންތަނަށް ދާން ސުމައްޔާއަށް ދޫކޮށްލަން މަޖުބޫރުވީއެވެ. ހޫރައިން ގޮވައިގެން ތަންތަނަށް ދިއުން ސުމައްޔާގެ ބަލި ކަކުލާއެކު ފަސޭހަކަމަށް ނުވީމައެވެ. އެހެންނަމަވެސް ﷲ އަށް ވަކީލުކޮށްލަމުން ހިތުގައިވީ ނުތަނަވަސްކަން ފިލުވާލީ ހޫރައިންއަށް ޓަކައެވެ. އެ ދަރިފުޅަށް ކުރާ އިތުބާރެއްގެ ބޮޑުކަމުންނެވެ. ގެއިން ބޭރަށް ނުކުންނަ ނަމަ ހޫރައިން ދަނީ ކޮންތާކަށްކަން ސުމައްޔާ ކައިރީ އަބަދުވެސް ބުނާނެއެވެ. ފިހާރައަށް ހޫރައިން ނުކުންނަންޖެހޭ ގަޑިތަކާއި ޑިއުޓީ ބަދަލުވެއްޖެނަމަ އެކަން ވެސް ހޫރައިން އައީ ސުމައްޔާ ގާތު ބުނަމުންނެވެ. ރޭގަނޑު ފިހާރައިން ނިމޭ ރެއެއްނަމަ ބަހަށް އަރާފައި ސުމައްޔާއަށް ހޫރައިން ގުޅައެވެ. ގެއަށް އަންނަން ބަހަށް އަރާ އިންކަމުގެ ޚަބަރު ހޫރައިން ދިނުމަކީ ސުމައްޔާއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެވެ. ދަރިފުޅުގެ އިންތިޒާރުގައި އޭނާ އިނދެއެވެ. ހޫރައިން އެނބުރި ގެއަށް ނާންނަނީސް ސުމައްޔާ ނިދާކަށް ނޯށޮންނާނެއެވެ.
ފިހާރަ ތެރެއިން ކައިދިންއާ ބައްދަލުވުން ވެގެން ދިޔައީ ހޫރައިންގެ ސާދާ ދިރިއުޅުމަށް އެޅިގެން ދިޔަ ހިޔަންކަށެވެ. އުމުރުން 19 އަހަރު ވެފައިވާއިރު ދުވަހަކުވެސް މަގުމަތިން ފިރިހެނަކު ހޫރައިންއާ ފޮށިފައެއް ނުވެއެވެ. ނުދަންނަ މީހަކު ސަމާލުކަމެއް ދީފައެއް ވެސް ނެތެވެ. ނަމަވެސް ކައިދިންއާ ބައްދަލުވީ ފަހުން ހޫރައިން ފިހާރައަށް ދާ މަގުމަތީ އެމީހުން ތިބެއެވެ. ހޫރައިންގެ ނަމާ ގުޅުވާ އެމީހުން ކޮންމެ ދުވަހަކުވެސް ކިޔާ އަޑުއިވެނީ އެއް ލަވައެކެވެ.
"މާތް މަލުގެ ޒާރެއްގާވާ... މާތް ހޫރެކޭތީ..." ހޫރައިންގެ ގާތުން ކައިދިންގެ އަޑު އިވުނެވެ. ނުބަލަން ހުރެ ވެސް އޭނާއަށް ބަލާލެވުނެވެ. ކައިދިން ކައިރިއަށް އައީމައެވެ. ހޫރައިންއާ އެއްވަރަށް ހިނގަމުން އޭނާ އަންނާތީއެވެ.
"ޔޯ އައީސް އާ ބިއުޓިފުލް. ހަމައެކަނި ލޮލެއްނޫން... ހޫރްގެ ކޮންމެ ސިފައެއް... އަނެއްކާ ހޫރް ކިޔަސް އޯކޭތަ. ތިކުއްޖާއާ ވަރަށް އެކަށީގެންވާ ނަމެއް. ތިޔަ ރީތިކަމާ އެއްވަރުގެ ނަމެއް." ހޫރައިން ބަލާލުމުން ކައިދިން ވާހަކަދެއްކިއެވެ.
އެ ދުވަސް އެއީ ހޫރައިންއާއެކު ފިހާރައާ ހަމައަށް ކައިދިން އައި ފުރަތަމަ ދުވަހެވެ. ހޫރައިންގެ ފަރާތުން އިޝާރާތެއް ނުވުމުން ކައިދިންގެ އެ ދިމާކުރުން ހުއްޓާލަފާނޭ ހޫރައިން ހީކުރިއެވެ. އެކަމަކު އެއީ ހޫރައިންއަށް ކުރެވުނު މޮޔަކަމެވެ. އަނެއްކޮޅުން ފޮށެއުޅޭ މީހުންނަށް ރައްދު ދިނުމަކީ އަލިފާނަށް ތެޔޮއުކުން ފަދައޭ ބުނާތީ ހޫރައިން އަޑު އަހައެވެ. މައިންބަފައިން ދަސްކޮށްދީފައި ހުރީ ކިޔަމަންވުމަށެވެ. ރައްދުދީ ޒުވާބު ނުކުރުމަށެވެ. ހިމޭންކަން ޚިޔާރުކުރާން ވަކިން ބޮޑަށް ހޫރައިން އިސްކަން ދިނީ އެހެންވެއެވެ. ހޫރައިން ވާހަކަނުދެއްކުމުން ވެސް ކައިދިން ވަރުބަލިވެ ފޫސެއް ނުވިއެވެ. ފަހަތުން ނާންނަ ދުވަހެއް ނުދެއެވެ. ހޫރައިން ވާހަކަނުދެއްކި ނަމަވެސް އޭނާ އެކިއެކި ވާހަކަތައް ދައްކައެވެ. އެގޮތުން ހޫރައިންއާ ގުޅެން ބޭނުންވާކަން އޭނާ ހާމަކުރިއެވެ. ހޫރައިންގެ މޫނުގެ ކުލަ ބަދަލުވީ އެހިސާބުންނެވެ. ފޫހިކަމާއި ރުޅިވެރިކަން އެ މޫނަށް ވެރިވިއެވެ. ކައިދިންއަކީ ރީތި ފިރިހެނެކެވެ. ނަމަވެސް ހޫރައިންގެ ހިތް އެ ރީތިކަން ބަލައިނުގަތީއެވެ. އެ ހިތުގެ މިލްކުވެރިއަކީ އަޒްހަދަށް ވީމައެވެ. އެހެން އެއްވެސް ފިރިހެނަކާމެދު އެ ހިތުގައި ކުޑަ ވެސް ޝައުގުވެރިކަމެއް ނެތެވެ. ޚާއްޞަކޮށް ކައިދިންގެ އަހުލާގާމެދު ހޫރައިން ނަފުރަތު ކުރިއެވެ. ރަނގަޅު އަހްލާގެއް ލިބިފައިވާ ޒުވާނަކު އެގޮތަށް ގުރޫޕު ހަދައިގެން ތިބެ ހޫރައިންއާ ދިމާނުކުރާނެކަން ގަބޫލުކުރެވެނީއެވެ. މި ހިސާބަށް ކައިދިންގެ ކަންތައް އައިއިރު ވެސް އޭނާގެ ފުށުން ހޫރައިންއަށް ނުރައްކާތެރިކަމުގެ އިންޒާރެއް ނާދެއެވެ. ބިރުވެރިކަމާއި ޖެހިލުންވުން ހިތަށް ވަންނަ ފަދަ ކަމެއް ކައިދިން ނުކުރެއެވެ. ސަކަ މިޒާޖެއްގެ ޒުވާނެއް ފަދައެވެ. އާދަޔާ ޚިލާފަށް ހޫރައިންއަށް އަބަދުވެސް ތަޢުރީފު ކުރެއެވެ. ދުނިޔެ މަތިން އޭނާއަށް ހޫރައިން ފަދަ ރީތި އަންހެންކުއްޖަކު ނުފެންނަ ފަދައެވެ. ހަމައެއާއެކު މި ދުނިޔެމަތިން ދުށް ހޫރެއްގެ ގޮތުގައި އޭނާ އަބަދުވެސް އައީ ހޫރައިން ސިފަކުރަމުންނެވެ. ނަމަވެސް އެ ތަޢުރީފުގެ ބަސްތަކުން ހޫރައިންގެ ހިތަށް އުފާވެރިކަމެއް ނުލިބެއެވެ. ހައްތަހާ އެ ހިތް އައީ ނުތަނަވަސްކަމާއި ހާސްކަމެއްގައި ބަނދެވެމުންނެވެ. ކައިދިންއަށް ކުރި ނުލިބޭނޭކަން އެނގި އޭނާގެ އެ ކުޅިވަރު ހުއްޓާލާނޭ އިރަކަށް އިންތިޒާރު ކުރަމުންނެވެ.
ދުވަސްތައް މަސްތަކަށްވެ ފާއިތުވަމުން އައެވެ. ކައިދިން އުޅެއުޅެ ވެސް ހޫރައިންގެ ހިތް ގުޑުވައެއް ނުލެވުނެވެ. ކެތްތެރިކަން ކުޑަވެ އޭނާ ސީރިއަސްކަމާއެކު ހޫރައިންއާ ބައްދަލުކުރިއެވެ. އެއީ ރޭގަނޑު މާޓުން ނުކުމެގެން ބަސް ހުއްޓިއާ ދިމާއަށް ހޫރައިން އައި ރެއެކެވެ. އޭނާ އަބަދުވެސް ހިނގައި އުޅުނީ އެއްމަގުތަކަކުންނެވެ. އޭރުގައި އެއީ ހޫރައިންއަށް ބޮޑުކަމެއްކަމުގައި ވިސްނިފައި ނެތް ކަމެކެވެ. މީހަކު އޭނާއަށް ފާރަލާފާނޭ ހިތައް ވެސް ނާރައެވެ. އެރޭ ކައިދިންއާއެކު އޭނާގެ އެއްވެސް އެކުވެރިޔަކު ނެތެވެ. ކުއްލިއަކަށް ފަހަތުން އައިސް އެއްވަރު ކުރަމުން ކައިދިން އައިސް ހިފީ ހޫރައިންގެ އަތުގައެވެ. ސިއްސައިގެން ދިއުމާއެކު ބިރުވެރިކަން ހޫރައިންގެ ހިތަށް ފުރަތަމަ ވަން ރެޔަކީ އެރެޔެވެ.
"އަހަންނަށް ޖަވާބެއް ނުދޭނަންތަ. ހޫރް... ޕްލީޒް... އައި ލަވް ޔޫ." ކައިދިން ބުންޏެވެ.
"އަތުން ދޫކޮށްލާ." ހޫރައިން ދެ ލޮލުގައިވި ނުރުހުން އޭނާގެ އަޑުގައި ވެސް ވިއެވެ.
"ޖަވާބެއް ދީ." ހޫރައިންގެ ވައަތު ކުޑަހުޅުގައިވި ކައިދިންގެ އިނގިލިތައް ބާރުކޮށްލިއެވެ. އޭނާގެ އެ ޢަމަލުން އަތުން ދޫކޮށްނުލާނޭކަން ހޫރައިން ދެނެގަތެވެ. އެހެންވިޔަސް ހޫރައިން އަތް ފޮޅުވާލަން އުޅުނެވެ. ނަމަވެސް އޭނާގެ ހަށިގަނޑާއި އިސްކޮޅަށް ބެލިޔަސް ކައިދިންގެ ހިޔަނީގެ ތެރެޔަށްލާ ވެސް އޭނާ ފޮރުވާލެވިދާނެއެވެ. ކައިދިންގެ ބާރާ ކުރިމަތިލައި ސަލާމަތް ނުވެވޭނެކަން ހޫރައިންއަށް ޔަގީންވެއެވެ.
"ޔޫ..."
"ޔެސް ލަވް." ހޫރައިންއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ކައިދިން ހިނިތުންވުމަކާއެކު ވާހަކަދެއްކިއެވެ.
"ޕްލީޒް ދޫކޮށްލާ." ގަޔާނުވެފައި ހުރިކަން ހޫރައިންގެ މޫނުން ފާޅުވެއެވެ.
"ވެލް... އަހަންނަށް ޖަވާބެއް ދީބަލަ. އަހަރެންގެ ގާލްފްރެންޑެއް ވާންވީނު. އަހަރެން ހޫރް ބޭނުން." ކައިދިން ބުންޏެވެ.
"އަހަރެންގެ ބޯއިފްރެންޑެއް ހުރޭ." ހޫރައިން ނިކަން އަވަހަށް ބުނެލިއެވެ. ކައިދިން ޖަހާލީ ހިނިގަނޑެކެވެ. އޭނާ ގަބޫލުނުކުރީއެވެ.
"މީ ހޫރްގެ ބޯއިފްރެންޑް." ހިނިއައިސްފަ ހުރެ ކައިދިން ބުނެލިއެވެ.
"ސީރިއަސްކޮށް. އަހަރެމެންގެ ކައިވެނި ވެސް ހަމަޖެހިފަ އޮތީ. ތިހެން އަހަންނަށް އުނދަގޫ ނުކުރޭ." ހިތްހަމަނުޖެހިފައި ހުރެ ވެސް ހޫރައިން ބުނީ މަޑުންނެވެ. މިފަހަރު މޫނުމަތިން ވެސް ނުރުހުމުގެ އަސަރެއް ނުދެއްކިއެވެ. އިރުކޮޅަކު ހޫރައިންގެ މޫނަށް ކައިދިން ބަލަން ހުއްޓެވެ. ހޫރައިންގެ ނަޒަރު ވަކިކޮށެއް ނުލިއެވެ. އެ ދެ ލޮލުން ކައިދިން ތެދު ހޯދަން މަސައްކަތް ކުރާ ކަހަލައެވެ.
"އިންނަން އުޅެނީ. އަދި ނުއެއް އިނދެވޭ. އަހަންނަށް ޗާންސެއް ދެވިދާނެއެއްނު. ކައިވެނި ކުރަން ބޭނުންވާނަމަ އަހަންނާ ކުރޭ. އަހަރެން މިހުރީ މެރީ ކުރާން ތައްޔާރަށް. ހޫރް އުފަލުގައި ގެންގުޅޭނަން. ފައިސާ އެބަހުރި، ގެންގޮސް ވައްދާނޭ ގެއެއް އެބަހުރި. އާއިލާގަ ހޫރްއާ ވާދަކުރާނޭ އަންހެނެއް ނާންނާނެ. ހަމައެކަނި ހުރި ފިރިހެން ދަރި މީ. އުފާކޮށް ލޯބިދޭން އަހަންނަށް އެނގޭ." ހޫރައިންގެ އަތުގައި ހިފަހައްޓައިގެން ހުރި އަތް ނޫން އަނެއްއަތް ކައިދިން އުފުލާލިއެވެ. މަޑުމަޑުން ހޫރައިންގެ ކޯތާފަތުގައި ފިރުމާލިއެވެ. ހޫރައިން މޫނު އަނބުރާލީ ނުހަނު އަވަހަށެވެ. އުނދަގޫވެއްޖެކަން އަންގާލުމަށް ފޫހި އަޑެއް ހޫރައިން ލައްވާލިއެވެ.
"ދޫކޮށްލާ. އަހަންނަށް ލަސްވޭ." މޫނު އަނބުރާލައިގެން ހުރެ ހޫރައިން ބުންޏެވެ. ލުއިގޮތަށް ކައިދިން ހީނލީއެވެ.
"ފައިން. ރުޅި ނާދޭ. މިރޭ ދޫކޮށްލާނަން. އެކަމަކު ތިން ދުވަސް ފަހުން ޖަވާބު ހޯދަން އަންނާނަން. އަޑުއަހަން ބޭނުމީ އާނއެކޭ ބުނާ އަޑު. އެ ނޫން ޖަވާބެއް ގަބޫލެއްނުކުރާނަން." ހިނިއައިސްފަ ހުރެ ހޫރައިންގެ އަތުން ކައިދިން ދޫކޮށްލިއެވެ. އަތަށް ދޫ ލިބުމާއެކު ކައިދިންގެ އަތުގެ ތެރެއިން އަތް ދަމައިގަންނަމުން ހޫރައިން ދުއްވައިގަނެއްޖެއެވެ. ކައިދިން ހޭން ފެށި އަޑު ހޫރައިންއަށް އިވުނެވެ. ނަމަވެސް ފަސްއެނބުރި ބެލުމެއްނެތި އޭނާ ދުވުނީ ބަސް ހުއްޓިއާ ދިމާއަށެވެ.
އެރޭ ހޫރައިންއަށް ބަހަށް އެރުނީ ހަމަ ކިރިޔާއެވެ. އެތަނުން ބަހަށް އަރާ މީހުން މަދެވެ. ބައެއް ރޭ ރޭ ހޫރައިން އެކަނި ވެސް ބަހަށް އަރާން ޖެހެއެވެ. ގެއަށް އާދެވެންދެން ވެސް ހޫރައިންގެ ހިޔާލުތަކުގައިވީ ކައިދިންނެވެ. އެރޭ ހޫރައިން ހުއްޓިވިގޮތަށް ކައިދިން ދެވަނަ ފަހަރަށް ހުއްޓުވަފާނޭކަމުގެ ބިރު ހޫރައިންގެ ހިތުގައި ވިއެވެ. މަންމަ ކައިރީ ބުނަން ކިތަންމެ ފަހަރަކު ހިތައް އެރިއެވެ. ނަމަވެސް އޭނާއަށް ވިސްނުނީ މަންމަ ކައިރީ ބުނެގެން ވަކި ކުރިއެރުމެއް ނުލިބޭނެކަމެވެ. މަންމަ ބަލިއިރު އިތުރު ބުރައެއް ޖައްސަން ބޭނުންނުވީއެވެ. ކަންބޮޑުވެގެން އެ ބަލި ފަޔާއެކު ވެސް މަންމަ އަތުވެދާނޭކަން ހޫރައިންއަށް އެނގެއެވެ. އެރޭ ހޫރައިންއަށް ބައްޕަ ނެތުމުގެ އުނިކަން ނުހަނު ބޮޑަށް އިހްސާސް ކުރެވުނެވެ. އާއިލާގައި ފިރިހެނަކު ވެސް ހުރީއެއް ނޫނެވެ. އެކުވެރީންގެ ތެރެއިން މަދަދަށް އެދޭވަރުގެ ރަޙުމަތްތެރިއަކު ނެތެވެ. އަޒްހަދު ކައިރީ ހަގީގަތް ހާމަނުކުރެވި އޭނާގެ ގާތުގައި އެދެވެން ފެށީ އަވަހަށް މާލެ އައުމަށެވެ. ކޯސް ނުނިމެނީސް ފަހު ސެމެސްޓަރު ފެށުމުގެ ކުރީން ލިބޭ ޗުއްޓީގައި އަޒްހަދު މާލެ އަންނަން ވަޢުދުވިއެވެ. އެނބުރި ދަނީ ކައިވެންޏަށް ރަންކިޔާފައި ކަމުގައި ބުންޏެވެ.
ތިން ދުވަސް ހަމަވަންދެން ހޫރައިންގެ ގާތަށް ކައިދިން ނާދެއެވެ. އެހެންޏާ ވެސް އޭނާގެ ރައްޓެހިންނާއެކު ތިބޭ ތަނުގައި ބަލަން ތިބެނީއެވެ. ހޫރައިން ފެނިއްޖެނަމަ ކައިދިންގެ އެކުވެރީން ވެސް އޭނާއަށް ގޮވައި ހޫރައިން އަންނަކަމުގެ އިޝާރާތްކުރެއެވެ. އެތަނުން މީހަކު ކޭޑީއޭ ގޮވާލި އަޑު އިވުނީ އޭރުއެވެ. ކޭޑީއޭ ގޮވުމުން އެ އަޑަށް ސަމާލުކަން ދިން މީހަކަށްވީ ކައިދިންނެވެ. ތިންވަނައަށް ވީ ދުވަހު ހޫރައިން އެކުގައި މަސައްކަތްކުރާ ކުއްޖަކާ ވާހަކަދައްކައިގެން އޯފް ނެގިއެވެ. ކައިދިންއާ ދިމާވެދާނެތީއެވެ. ޖެހިގެން އައި ހަތަރު ދުވަހު ވެސް ހޫރައިން މާޓަކަށް ނުދިޔައެވެ. ބަލިވީ ކަމަށް ހަދައި މެޑިކަލް ސެޓްފިކެޓެއް ހުށައަޅައިގެން އޭނާ ހުރީ ގޭގައެވެ. ސުމައްޔާގެ ސުވާލުތައް ގިނަވާން ފެށުމުން ހޫރައިން ހަގީގަތް ދެން ވެސް ސިއްރުކުރީއެވެ. އޭނާ ޓެކްސީގައި ދަތުރުކުރާން ފެށިއެވެ. ނަމަވެސް އެ ޚަރަދު ބޮޑުވީއެވެ. ފައިސާ އެއްކުރާން ވެސް ހޫރައިން ބޭނުމެވެ. ލިބޭ މުސާރަ ހޫރައިން ޚަރަދުކުރާގޮތް މަންމަ ބަލައެވެ.
ބަލިވެ އުޅޭކަމަށް ހެދިގެން ކުރު ޗުއްޓީއެއްގައި ހުރުމަށްފަހު ހޫރައިން ވަޒީފާއަށް ނުކުތީ ދުވާލުގެ ދަންފަޅިއަށެވެ. އެރޭ ކައިދިން ދިމާކުރި ގޮތަށް ދުވާލުގެ ވަގުތުގައި ހޫރައިން ކައިރިއަށް އަންނަން ނުކެރޭނޭ ހީކުރިއެވެ. ނަމަވެސް ކައިދިން ހުރީ ހޫރައިން ނުފެނިގެންނެވެ. މަސައްކަތުގެ ވަގުތު ނިންމާފައި ގެއަށްދާން ހޫރައިން ނުކުތުމާއެކު ފަހަތުން ކައިދިން އައީއެވެ. އޭރު ވެސް ހޫރައިންއަށް ނުވިސްނި އޮތް ކަމަކީ ކައިދިންއަށް ފިލައިގެން އެހެން މަގަކުން ދިއުމުގެ އިޚްތިޔާރު އޮތްކަމެވެ. އާންމުކޮށް ހިނގާއުޅޭ މަގުން ދިއުމުގެ ބަދަލުގައި އެހެން މަގަކުން ގޮސް އެހެން ބަސްހުއްޓިއެއްގެ ކައިރިން ބަހަށް އަރައިފަނަމަ ކައިދިންއަށް އޭނާގެ ފަހަތުން އަންނާކަށް ނޭނގުނީހެވެ. އުމުރުގެ ޅަކަމާއި ދުނިޔެވީ ތަޖުރިބާ ނެތުމުގެ ސަބަބުން އެފަދަ ވިސްނުމެއް ހޫރައިންގެ ނެތެވެ. އެކަމަކުގެ ފައިދާ ކައިދިންއަށް ކުރިއެވެ.
ހޫރައިންގެ އަތުގައި ހިފައި ދަމަމުން ދިގުކޮށް ހެދިފައި ހުރި ވިނަތަކުގެ ތެރެއަށް ގެންދިޔައެވެ. ބާރުހަޅޭކެއް ހޫރައިންގެ އަނގައިން ނުކުތެވެ. ވީކީއްތޯ ބަލާލަން މީހަކު ނައެވެ. އަންހެންކުއްޖެއްގެ ހަޅޭކެއްގެ އަޑު މީހަކަށް ނީވެނީކަމެއް ނޫނީ އިވިފައި ވެސް އަޅާނުލީކަމެއް ހޫރައިންއަކަށް ނޭނގެއެވެ.
"ނުފެނި އުޅެވިއްޖެ. އުޅޭތަން ނުހޯދައިގެންތަ ތިއުޅެނީ." ހޫރައިންގެ އަތުގައި ހިފަހައްޓައިގެން ހުރެ ކައިދިން ވާހަކަދެއްކިއެވެ.
"ކިހިނެއްވެގެންތަ ތިއުޅެނީ. ބުނެފީމެންނު އަހަރެންގެ އެއްވެސް އިންޓަރެސްޓެއް ނެތޭ. އަހަރެން ލޯބިވާ މީހަކު އެބަހުރި." ހޫރައިން ދަތްކުނޑިވިކާލައިގެން ހުރެ ބުންޏެވެ.
"އައި މިސްޑް ޔޫ." ކައިދިން މިހެން ބުނެ ހޫރައިން ގާތްކޮށްލަން އުޅުނެވެ. ހޫރައިން ތެޅިފޮޅިގަތުމުން ވެސް އޭނާ އުނދަގުލަކާއި ނުލާ ހޫރައިންގެ ގައިގާ ބައްދާލިއެވެ.
"ހިނގާ މެރީކުރާން." ކައިދިން ބުންޏެވެ.
"ބޮޑުކަމެއްނު ކަލެއާހެދި. ދޫކޮށްލަންވީ!" ހޫރައިން ހަޅޭލަވައިގަތެވެ. ދޫ ދިނުމެއްނެތި ހޫރައިންގެ މޫނަށް ކައިދިން ބަލާލިއެވެ. ހޫރައިންގެ ދެއަތް ފުރަގަހަށްލުމާއެކު ކައިދިންގެ އެންމެ އަތަކުން ހިފަހައްޓާލިއެވެ. އަނެއް އަތުން ހޫރައިންގެ ދަންދޮޅިއާއެކު މޫނުގައި ހިފަހައްޓާލީ ނިކަން ބާރަށެވެ.
"އައްޗީޑި..." ކައިދިން ކުރި ކަންތަކުން ހޫރައިންގެ އަޑު ހައްތަހާވީ ބާރެވެ. އޭނާ އޯކަށް ދެމުނެވެ. ހޫރައިން އުޅުނު ގޮތުން ހީވީ ކައިދިން ކުރީ ފަކުރު ކަމެއް ހެންނެވެ. ހޫރައިންގެ ޢަމަލުތަކުން ކައިދިން ހިތްހަމަނުޖެހުނެވެ.
"ކުނި ސިނގިރޭޓު ރަހަ... ހޮޑުވެސް ލަވާ. ބޮޑު ފަކުރުގަނޑު..." ހޫރައިން ކިޔަމުން ދިޔަ އެއްޗެހިން ކުއްލިއަކަށް އޭނާގެ ކޮލަށް ކައިދިން ފިތާލުމާއެކު ހިފަހައްޓާލިއެވެ.
"އިފް ޔޫ ޑޯންޓް ސްޓޮޕް އައި ވިލް ކިސް ޔޫ އަގެއިން." ދަތްކުނޑިވިކާލުމާއެކު ހޫރައިންގެ ކަންފަތް ދޮށުގައި ކައިދިން ބުންޏެވެ. މޫނު ހަދައިގެން ހޫރައިން ހުރީއެވެ.
"ބުނޭ... ކައިވެނި ހަމަޖައްސަންވީ ކޮންއިރަކަށް. ތި ފެމެލީ ކައިރިއަށް ދާންވީ ދޯ." ކައިދިން ބުންޏެވެ.
"މިހާ ދުވަސްވީއިރު ކަލެއަށް އެއްޗެއް ނުވިސްނުނުތަ. އަހަރެން ގަޔާވާ އެއްވެސް ސިފައެއް ކަލޭގެ ނެތް. ކިހިނެއް ލޯބިވާނީ. ކަލެއަށް ކަލޭ ތީ މާ ރީތި މީހަކަށް ވިޔަސް އަހަންނަށް އެއްގޮތަކަށް ވެސް ރީއްޗެއްނޫން. އެންޑް އައި ހޭޓް ޔޯ އަގްލީ ޕާސަނަލިޓީ. އައި ހޭޓް ތިކަލަހަ މީހުންދެކެ. ކަލޭގެ ހުރިހާ ކަމަކަށް އަހަރެން ހެސްކިޔާފަ ނަފުރަތުކުރާން. ސޯ... ދިސް ވިލް ބީ ޔޯ ލާސްޓް ޓައިމް. ދެން އަހަރެން ގައިގާ އަތްނުލާތި."
"ބީ ކެއާފުލް ލަވް. އައި ވިލް މޭކް ޔޫ ރިގްރެޓް." ކައިދިން ދިނީ އިންޒާރެކެވެ. ބިރުގަންނަންވީކަން ހޫރައިންއަށް އެނގެއެވެ. އެހެންވިޔަސް އެވަގުތު ރުޅިވަނީ އެހެން ހުރިހާ ޖަޒުބާތެއްގެ މައްޗަށް ވެރިވެފައެވެ.
ހޫރައިން ކިޔައިދެމުން ދިޔަ ވާހަކަ ހުއްޓާލިއެވެ. އޭނާ ވަރަށް ބޮޑަށް ފިނިވީއެވެ. ދެފައި ކުރުކޮށްލުމާއެކު ކަކޫ މެޔާ ކައިރިކޮށްލިއެވެ. ހޫރައިންއަށް އައި ބަދަލު ޒެހެންއަށް ވަގުތުން ފާހަގަވިއެވެ.
"އެ ދުވަހު އެ ދިން އިންޒާރުގެ ނުރައްކާތެރިކަން އޭރު ހިތަށް ތަސައްވަރު ނުކުރެވުނީ. އިތުރު ވާހަކައެއް ނުދައްކާ އެ ދުވަހު އަހަރެން ދޫކޮށްލީ. އޭގެ ފަހުން ކައިރިއަކަށް ކައިދިން ނާދޭ. ނުވެސް ފެނޭ. ރައްޓެހިންތަކާއެކު ކުރީން ތިބޭ ތަނަކު އެމީހުން ނުތިބޭ. ހީކުރީ ކައިދިންގެ ކިބައިން ސަލާމަތްވީކަމަށް. އޭނާއަށް އެއްޗެއް ވިސްނުނީ ކަމަށް. އެކަމަކު... ވިހި އަހަރު ފުރޭން ހަފްތާއަކަށް ވެފައި ވަނިކޮށް. އެތައް ހުވަފެންތަކެއް... ކުރަމުން އައި އިންތިޒާރު ނިމުމަކާ ގާތްވެފައި ވަނިކޮށް..." ހޫރައިންގެ އަޑު މަޑުވިއެވެ. އޭނާ ދެއަތްތިލަ ގެނެސް މޫނު ފޮރުވާލިއެވެ.
"ހޫރް..." ޒެހެން ގޮވާލިއެވެ. ދެއަތުން ލޯ ފޮރުވަމުން އިސްއޮބާލި ހޫރައިންނަށް ރޮވުނީއެވެ. އޭނާއަށް އެމީހުން ކުރި ކަންތައްތަކަކީ މީހަކަށް ކިޔައިދެވޭ ވަރަށްވުރެ ލަދުވެތި ވާހަކަތަކެކެވެ. އެ ވާހަކަތައް ކިޔައިދޭންވުމުން އަދިވެސް އެ ހިތަށް ނުބައި ގޮތްތަކެއް ވެއެވެ. އަނިޔާގެ ނަރަކައެއްގައި އެއްހާސް އަހަރު ހޫރައިން ހޭދަކުރި ފަދައެވެ. ދިލަ ތަދާއި ވޭނުގައެވެ. ރޮއެރޮއެ ހިނދެންދެނެވެ. ކެތްނުކުރެވިގެން ގޮސް ޚަބަރު ހުސްވަންދެނެވެ.
"އައި ލަވް ޔޫ. އައި ލަވް ޔޫ ސޯ މަޗް." ހޫރައިންގެ ގިސްލުމާއެކު ލޯބިން އަނބިމީހާގެ ގައިގާ ބާރަށް ބައްދާލަމުން ޒެހެން ބުންޏެވެ.
"ޒެން... އަހަރެން... އެރޭ... މާޓުން ނުކުމެގެން ބަހަށް އަރަން އައީ. ބަސް ސްޓޮޕް ކައިރީ ހުންނަ ހޮޅިބުރި އެނދީ ވެސް ހަމަ އެރޭ. އަހަރެން ހުޅުމާލެއަށް ބަދަލުވީސުރެން އެރޭ ނޫނީ އެ ހޮޅިބުރިއަށް ވެސް އަނދާކަށް ނޭނގުނު. ބަސް ސްޓޮޕްއާ ކައިރި ނުވަނީސް ޖިޕެއް ކަހަލަ ކާރެއް މަޑުކޮށްގެން އޮއްވާ ދުށީން. ކަޅުކުލައިގެ ކާރެއްކަން އެނގޭ. އެ ކާރު ފަހަތަށް ޖެހުމާއެކު ބަސް ސްޓޮޕާ ކައިރިކުރީ. އެއިން ނުކުތް ހަތަރު މީހުން އަހަރެން ނަގައިގަތީ. އެކަކުގެވެސް މޫނެއް ނުފެނޭ. ކަޅުއެއްޗެހީގަ ތިބީ. މޫނުގަ އޮތް މާސްކު ވެސް ކަޅު. ފިލްމުތަކުން ފެންނަ ފަދަ މަންޒަރެއްހެން ހީވީ. އަހަންނަށް ކަމެއްކުރެވޭވަރަށްވުރެ އެމީހުން މާ ހުސިޔާރު. ރެޑީވެގެން ތިބިކަހަލަ. އެވަގުތު އެ މަގުންލާފައި އެ ބަސްހުއްޓިއަށް އަހަރެން އަންނާނޭކަން އެނގި ރާވައިގެން ތިބީ. އަހަރެން އެކަނި ހުރި ރެޔަކަށް ބަލަބަލާ ތިބިކަން ޔަގީން." ރޮމުންރޮމުން ހޫރައިން ބުންޏެވެ. (ނުނިމޭ)