ވާހަކަ

ހިތް ރުއްސާނުތޯ

( 12 އެޕްރިލް 2022 އާ ގުޅޭ )

"ޒެން... އަހަރެން... އެރޭ... މާޓުން ނުކުމެގެން ބަހަށް އަރަން އައީ. ބަސް ސްޓޮޕް ކައިރީ ހުންނަ ހޮޅިބުރި އެނދީ ވެސް ހަމަ އެރޭ. އަހަރެން ހުޅުމާލެއަށް ބަދަލުވީސުރެން އެރޭ ނޫނީ އެ ހޮޅިބުރިއަށް ވެސް އަނދާކަށް ނޭނގުނު. ބަސް ސްޓޮޕްއާ ކައިރި ނުވަނީސް ޖިޕެއް ކަހަލަ ކާރެއް މަޑުކޮށްގެން އޮއްވާ ދުށީން. ކަޅުކުލައިގެ ކާރެއްކަން އެނގޭ. އެ ކާރު ފަހަތަށް ޖެހުމާއެކު ބަސް ސްޓޮޕާ ކައިރިކުރީ. އެއިން ނުކުތް ހަތަރު މީހުން އަހަރެން ނަގައިގަތީ. އެކަކުގެވެސް މޫނެއް ނުފެނޭ. ކަޅުއެއްޗެހީގަ ތިބީ. މޫނުގަ އޮތް މާސްކު ވެސް ކަޅު. ފިލްމުތަކުން ފެންނަ ފަދަ މަންޒަރެއްހެން ހީވީ. އަހަންނަށް ކަމެއްކުރެވޭވަރަށްވުރެ އެމީހުން މާ ހުސިޔާރު. ރެޑީވެގެން ތިބިކަހަލަ. އެވަގުތު އެ މަގުންލާފައި އެ ބަސްހުއްޓިއަށް އަހަރެން އަންނާނޭކަން އެނގި ރާވައިގެން ތިބީ. އަހަރެން އެކަނި ހުރި ރެޔަކަށް ބަލަބަލާ ތިބިކަން ޔަގީން." ރޮމުންރޮމުން ހޫރައިން ބުންޏެވެ.

ހޫރައިންގެ ގައިގާ ހުރި ކޮންމެ ޒަޚަމެއްގެ ހަގީގަތް އޭނާ ޒެހެންއަށް ކިޔައިދިނެވެ. ކައިދިން ބޭނުންވީ އޭނާގެ ރީތިކަން ނަގާލާށެވެ. ދުވަހަކުވެސް ފިރިހެނަކު ބަލައިނުގަންނާނޭ ފަދަ ހަށިގަނޑަކަށް ހޫރައިންގެ ހަށިގަނޑު ހަދާށެވެ. ކައިވެންޏަށް ތައްޔާރުވަމުން އައި ބިކުރުވެރި އަންހެންކުއްޖަކަށް ދާނުގެ މީރުކަމަކީ ހަށިގަނޑަށް ލިބޭނޭ އާފާތެއްކަމުގައި ބުނެދޭށެވެ. ހޫރައިންގެ އެތެރެ ހަށިން ނާރުތައް ބުރިބުރިކޮށް ދުވަހަކުވެސް ތަހައްމަލުކޮށްފައިވާނުވާ ވޭން އޭނާއަށް ދީފިއެވެ. ހޫރައިންއަށް ނިސްބަތްވާހެން ހުތުރު ބަސްތަކުން ހަށިގަނޑުގެ އެތަންމިތަން ކަނޑާ ނަގައި އަބަދަށް ނުފިލާނޭ ފަދަ ލަކުނުތަކުން އެ ހަށިގަނޑު ފުރާލުމަކީ ކައިދިންގެ ގަސްދެވެ. ހޫރައިން ދުވަހަކުވެސް ފިރިހެނަކަށް އިތުބާރު ނުކުރާވަރު ކުރުމެވެ. އެރޭ ބިރުން ގޮސް އަނބުރައިގަތީ ކިތައް ފަހަރުކަމެއް ހޫރައިންއަށް ނޭނގެއެވެ. ހޭ އަރާއިރު ނުބައި ހުވަފަނެއްގައޭ ކުރީން އުޅެވުނީ ހީކުރާން އޭނާ ބޭނުންވިއެވެ. ނަމަވެސް އޭނާ އެއްލާލެވިފައިވާ ނަރަކައިން މިންޖުވުމެއްނެތްކަން ވަށައިގެން ތިބި މީހުން ބުނެދިނެވެ. ކައިދިން ލޯބިވާކަމަށް ދަޢުވާކުރާއިރު ލޯބިވާ މީހަކަށް އެފަދަ ބޮޑު އަނިޔާއެއް ދޭން ކެރޭނެބާއެވެ. އެތައް ބަޔަކަށް ތިމާ އެންމެ ލޯބިވާ މީހާގެ ހަށިގަނޑު ކަޝްފުކޮށް އެމީހުން ބީހެން ދޫކޮށްލާނޭ ހެއްޔެވެ. ހޫރައިންގެ ހަށިގަނޑުން ކައިދިން އުފާ ހޯދަމުންދިޔައިރު އޭނާގެ ބައިވެރީން ފަހަތަކަށް ނުޖެހެއެވެ. ކައިދިން ފަދައިން ހޫރައިންގެ ހަށިގަނޑުން އުފާ ހޯދުމުގެ ހުއްދައެއް އޭނާ އެހެން މީހަކަށް ނުދިނެވެ. އެހެންވެ އިތުރުގޮތްތައް އެމީހުން ޚިޔާރުކުރީއެވެ. ވަކި ހިސާބަކުން ހޫރައިންގެ ހަށިގަނޑު ފިނިވާން ފެށީއެވެ. ލޯހުޅުވާލަން ދަތިވެ މީހާ ތުރުތުރު އަޅަންފެށީއެވެ. އަޑެއްލައްވާނޭ ވަރުނެތި މަރަށް އެދެވުނެވެ.

"ކޭޑީ... އޭނާއަށް ކޮންމެވެސް ގޮތެއް އެބަވޭ."

ޚަބަރު ހުސްވަމުން ދިޔަވަގުތު ހޫރައިންއަށް އެ އަޑު އިވުނެވެ. ބުނީ ކާކުކަމެއް ނޭނގެއެވެ. އަޑު އައި ދިމާލެއް ވެސް ވަކިކުރާކަށް ނޭގެއެވެ. އެހެންނަމަވެސް އޭނާގެ އެންމެ ގާތުގައިވީ މީހަކީ ކާކުކަން އެނގުނީއެވެ. އޭރު އެމީހެއްގެ ހަށިގަނޑުން ދުވި ވަސް ހޫރައިންގެ ނޭފަތުގައި އަބަދަށް ހަރުލައިފިއެވެ. މޫނު ނިވާކޮށްފައި ހުރި މާސްކުގެ ދަށުން ކަރުދޮށުގައިވީ ކަޅުތިލަ ލޮލަށް ފެނިފެނި ސިކުނޑީގައި ބިންވަޅުނެގިއްޖެއެވެ. މޫނު މައްޗަށް އަނދިރިވީ ގޮތަށް ހޫރައިންގެ ހަރަކާތް ކެނޑުނީއެވެ. ފުންނިންޖެއްގައި ވުމަށްފަހު އޭނާގެ ދެ ލޯ ހުޅުވުނު ހިނދު ފެނުނީ މަންމަގެ މިލާފައިވާ މޫނެވެ. ރޮއެރޮއެ ދުޅަވެފައިވާ ދެ ލޮލެވެ. އެވަގުތު ވެސް އެ ދެ ލޮލުގެ ތެރޭ ކަރުނަ ހިފަހެއްޓިފައި ވިއެވެ. މަންމައަށް ގޮވާލަން ބޭނުންވީ ނަމަވެސް ހޫރައިން އެވަގުތުވީ ފުންވަރުބަލިކަމެއްގެ ތެރޭގައެވެ. އެއާއެކު ހިތަށް ވަހުމް ވަދެއްޖެއެވެ. މަންމަގެ ސޫރަ ފެންނަން ހުއްޓަސް އެ ހަގީގަތަކަށް ނުވެދާނޭ ހޫރައިންއަށް ހީވީއެވެ. ލޯބިން މަންމަ ގޮވާލި އަޑު އިވުނެވެ. އުނދަގުލުން އަތް ހިއްލާލެވުނީ ލޮލަށް ސިކުނޑި ދައްކާ މަންޒަރަކީ އޭނާގެ ލޮލަށް ސިކުނޑި ދައްކާ އޮޅުވާލުމެއްތޯ ޔަގީންކުރާށެވެ. އަތުގައި ހިފާލުމާއެކު މަންމަ ގޮވާލި ވަގުތަކީ ހޫރައިންގެ އުމުރުގައި ފުރަތަމަ ފަހަރަށް މަންމައަކު ހުރިކަމާމެދު އެ ހިތް ޝުކުރުން ފުރުނު ފަހަރެވެ. އެ އަނދިރި ރޭގަނޑަށްފަހު ދުވާލުގެ އަލިކަމުގެ ތެރެއަށް ލޯ ހުޅުވާލީ އެ މަންމައާއެކު ނަވާރަ އަހަރު ހޭދަކުރި ހޫރައިންނެއް ނޫނެވެ. މަންމަގެ މުހިންމުކަމާއި މަންމަ އޭނާދެކެ ވާ އިމެއްނެތް ލޯބި ހޫރައިންއަށް އިހްސާސް ކުރެވެންފެށީ ދެނެވެ. ބޮޑެވެފައި ހުރި އަންހެންދަރިފުޅު ތާހިރުކުރާން ޖެހުމުންނާއި ކުޑަކުއްޖަކު ފަދައިން ހުރިހާ ވަގުތަކު ކައިރިއަށް ލައިގެން ގެންގުޅޭން ޖެހުމުން އެ މަންމަ ކެތްތެރިވީގޮތް ހޫރައިން ދުށްޓެވެ. އެންމެ ފަޅިސުކުންތަކަށް ވެސް ބިރުވެރިކަމުގެ ތެރެއަށް އެކަނި ހަނގުރާމަ ކުރާން އެ މަންމަ ހޫރައިން ދޫކޮށްލާފައެއް ނުވެއެވެ. އެ މަންމަގެ ބަލިފަޔާއެކު މަޑުޖެހިލާފައެއް ނެތެވެ. ﷲގެ މަގަށް ދަރިފުޅު ހާނަން ފެށުމާއެކު އެގޮތުގައި ސާބިތުކުރުވިއެވެ. އެ މައިމީހާގެ އޯގާތެރިކަމާއި ވަރުބަލިވުމެއްނެތިވީ ކެތްތެރިކަމަށް ޓަކައި ސުވަރުގެއަށްވުރެ ހައްޤުތަނެއް ނުވެއެވެ.

ހުރިހާ ކަމެއް ހޫރައިންއަށް ކިޔާދެވުނުއިރު ވަރަށް ރޮވިއްޖެއެވެ. ޒެހެންގެ ދެ ލޯ ވެސް ފުރިބަންޑުންވަނީއެވެ. އެހެންވިޔަސް އޭނާ ކެތްތެރިވެ ދެ ލޯ ފުހެލިއެވެ. ހޫރައިންގެ މޫނުގެ އެތަންމިތަނުގައި އޭނާ ބޮސްދިނެވެ. ކައިދިންދެކެ އަދިވެސް ހޫރައިން ބިރުގަންނަކަށް ޒެހެންއަށް އެނގެއެވެ. އެހެންވެ ދެވަނަ ފަހަރަށް ކައިދިންގެ ހިޔަނި ވެސް ހޫރައިންއާ ހަމައަށް ނޭޅޭނެކަމުގެ ޔަގީންކަން ޒެހެން ދިނެވެ.

"ހިތަށް އަރާ އޭރު މޫނު އެޅުނުނަމައޭ. އޭރުން ގައިމު އަހަރެން ހުންނަ ގޮތެއް މީހަކަށް ނުފެންނާނެއެއްނު." ޒެހެންގެ މޭގައި ބޯޖައްސާލައިގެން އިނދެ އެތެރެއަށް ނޭފަތް ދަމާލުމާއެކު ހޫރައިން ބުންޏެވެ.

"ޑޯންޓް ބްލޭމް ޔޯ ސެލްފް. އޭނާ އެކަން އެކުރީ ހަމައެކަނި އެދުންވެރިކަން ބޮޑުވެގެންނެއްނޫން. ހޫރް ނޫނެކޭ ބުނީތީ އޭނާއަށް ހޫރް ބޭނުންކުރެވިދާނެކަން އަންގާލުމަށް. ބާރުދައްކާލުމަށް... އަހަރެންގެ ނަޒަރުގައި ހޫރް މޫނު ނާޅާ ހުރުމެއްނޫން ހަމައެކަނި މައްސަލައަކީ. ބެލުންތިރިކުރުމާއި އެދުންތައް ކޮންޓްރޯލުކުރުމުގެ އިތުރުން ރިވެތި އަހުލާގު ހިފެހެއްޓުމަކީ ފިރިހެނުންނަށް ވެސް އޮތްކަމެއް. ހަމަ ރީތި އަންހެނަކު ތަނަކުން ފެނިލާއިރަށް އޭނާ ލާފައި ހުރި ހެދުމުގެ ސަބަބުން ނޫނީ ކޮށްފައި ހުރި މޭކަޕަކުން އެ ދަރަޖައަށް ދާކަށް ނުޖެހޭ. މިހާރަކަށް އައިސް އެންމެ ގިނައިން އިވޭ އަޑަކީ އެއީ. އަންހެނުން ނިވާވެގެން ނުތިބޭތީއޭ އެކަހަލަ ކަންތައްވަނީ. އެއީ މުޅިއަކުން ހަމަޖެހޭ ވާހަކައެއްކަމަށް އަހަރެން ގަބޫލެއްނުކުރަން. ރަނގަޅު... އަހަރެން ވެސް ގަބޫލުކުރަން އަންހެނުން ތިބެންވީ ކިހިނެއްކަން އަންގަވާފަކަން އޮތީ. އެކަމަކު އިސްލާމީ ތަރުބިއްޔަތުގެ ހިޔަލުގައި ބޮޑުކުރާން މައިންބަފައިން ވިސްނަންވީ ހަމައެކަނި އަންހެންދަރީން އެކަންޏެއްނޫނޭ. އެކަމުގައި އަންހެންދަރިއެކޭ ފިރިހެންދަރިއެކޭ ތަފާތުވެގެންނުވާނެ. އަންހެނުންނާމެދު ފިރިހެނުން ކަންތައްކުރަންވީ ގޮތް ވެސް އަންގަވާފައިވޭ." ހޫރައިންގެ ބޮލުގައި ކަނާއަތްތިލަ ބާއްވާލަމުން ޒެހެން ވާހަކަދެއްކިއެވެ.

ފިރިމީހާގެ ވާހަކަ އަހާފައި ކަރުނައިގެ ތެރެއިން ވެސް ހޫރައިނަށް ހިނިތުންވެވުނެވެ. ދެ ފިރިހެން ދަރީން ތިބިއިރު އޭނާގެ ދަރީންނަށް ނަމޫނާ ބައްޕައަކަށް ޒެހެން ވާނޭކަމާމެދު ހޫރައިންގެ ހިތަށް ޔަގީންކަން އިތުރުވިއެވެ. އަންހެނުންނަށް ގަދަރުކުރާ ބަޔަކަށް ޔޫކްއާއި ޔާން ވާން ހޫރައިންގެ ހިތާއިފުރާނަ ވެސް އެދެއެވެ.

ހޫރައިން ގާތްކޮށްލައިގެން އެނދުގައި އިން ޒެހެންއަށް ކޮޓަރީގެ ދޮރު ހުޅުވާތަން ފެނި އެ ދިމާއަށް ނަޒަރު ދަތުރުކޮށްލިއެވެ. މަޑުމަޑުން ދޮރު ހުޅުވި އެތެރެއަށް ބޯދިއްކޮށްލިތަން ފެނުނީ ޔޫކްއެވެ.

"މަންމީ..." ޒެހެންގެ މޭގައި ފޮރުވިގެން ހޫރައިން އިން ގޮތް ޔޫކަށް ފެނުނީއެވެ. ދަރިފުޅުގެ އަޑާއެކު އަވަސް އަވަހަށް ހޫރައިން ދެ ލޯ ފުހެލިއެވެ. ޔޫކް ގާތު އަންނާށޭ ބުނާ ފަދައިން ޒެހެން ވައަތުން އިޝާރާތްކޮށްލިއެވެ. ނުކެރިފައި ހުރި ގޮތަކަށް ޔޫކް އައެވެ. އެނދު ކައިރީ މަޑުކޮށްލި ދަރިފުޅަށް ހޫރައިން ބަލާލިއެވެ. ހިނިތުންވުމާއެކު އޭނާ ދެ އަތް ހުޅުވާލިއެވެ. ނިކަން އަވަހަށް އެކުއްޖާ އެނދަށް އެރިއެވެ. މަންމަގެ އަތުގެ ތެރެއަށް ބޮނޑިވެލިއެވެ. މައިވަންތަ ކުލުނުން ހޫރައިންގެ ދެ ލޯ ފުރުނެވެ.

"މަންމި ރޮނީތަ... ޔޫކް ދެރަވޭ މަންމި ރޯތީ. ސޮރީ މަންމި. ޔޫކް ބޮޑުކޮށް މަންމިދެކެ ލޯބިވޭ. ބައްޕަ ބުނެބާ މަންމި ނުރޯށޭ. ޔޫކް ނުދާނަން މަންމިއާއި ބައްޕަ ދޫކޮށްލާފަ." ހޫރައިންގެ ކޯތާފަތް ފުހެދެމުން ޔޫކް ވާހަކަދެއްކިއެވެ.

"މަންމައަށް ވެސް މަޢާފުކުރޭ. މަންމަ ވެސް ދަރިފުޅުދެކެ ވަރަށް ލޯބިވޭ. ވަރަށް ބޮޑަށް ލޯބިވޭ..." ވަކިން ބޮޑަށް ދަރިފުޅު ގަޔާ ބޮނޑިކޮށްލަމުން ހޫރައިން ވާހަކަދެއްކިއެވެ. ދަރިފުޅުގެ ނިތުގައި ބޮސްދިނުމާއެކު އުނގުގައި ބައިންދާލިއެވެ.

ޒެހެންގެ ސިކުނޑި ހިނދުކޮޅަކަށް ވެސް މަޑުޖެހިނުލައެވެ. ހޫރައިނާއި ކައިދިން ގުޅިފައިވާވަރު އޭނާއަށް އެނގުނު ހިނދުން ފެށިގެންނެވެ. ހޫރައިން ބުނި ފަދައިން ކައިދިންއަކީ ދުރު މީހެއްނޫނެވެ. އާއިލާއާ ހުރިހާ ކަމެއް ހިއްސާކުރުން ވާނީ އެމީހުންގެ ތެރޭ ބޮމެއް ގޮއްވާލުން ފަދަ ކަމަކަށެވެ. މަންމައަށް އެކަނި އެނގުމަކުން މިފަހަރު ނުފުދޭނެކަން ޒެހެންއަށް އެނގެއެވެ. މުނައްވަރަށް ވެސް އެނގެން ޖެހޭނެއެވެ. ކައިދިންގެ ބައްޕަ ހަންނާނަކީ މުނައްވަރުގެ ހަށިގަނޑުގެ އެއްބައެވެ. އަނެއްކޮޅުން އެހިސާބުން ނުނިމޭނެއެވެ. އައިލާގެ ކޮންމެ މެންބަރަކަށް އެނގޭނެއެވެ. ކައިދިންގެ ހަގީގަތް އެންމެންނަށް އެނގުމަކީ ހޫރައިންގެ ހަގީގަތް ވެސް އެނގުމެވެ. މަންމައަށް ހޫރައިންގެ ހަގީގަތް ޒެހެން ކިޔާދިނީ އެކަން އިތުރު މީހަކަށް އެނގެން ނުޖެހޭނެކަމަށް ވިސްނާފައެވެ. ހޫރައިންއަކީ ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވެފައިވާ އަންހެންކުއްޖެއްގެ ގޮތުގައި ލޭބަލްވާން ޒެހެން ނޭދޭތީއެވެ. މީހުންގެ ސަމާލުކަމާއި އެމީހުންގެ ހަމްދަރުދީއިން ހޫރައިންއަށް ކުރާނެ ފައިދާއެއް ނޯންނާނެއެވެ. ހޫރައިން ކުރިމަތިލީ ކަންކަމަކީ އެފަދަ ކަމަކާ ކުރިމަތިނުވާ މީހަކަށް ކުޑަމިނުން ތަސައްވުރު ވެސް ކުރެވޭނެ އަނިޔާއެއް ނޫނެވެ.

ރޭގަނޑުގެ ހިމޭންކަމުގައި ޒެހެން އޮތެވެ. އިރުއިރުކޮޅުން އަނބިމީހާއަށް ބަލާލައެވެ. ނޫނީ ތެދުވެ އެނދުގައި އިށީނދެލައިގެން އިނދެއެވެ. އެގޮތުގައި ވަގުތުކޮޅަކު އިނދެފައި ތެދުވެގެން އައިސް ކުޑައެނދުގެ ކައިރީ ހުއްޓިލައެވެ. ނިދާފައި އޮތް ދަރިފުޅަށް ބަލަން ޒެހެން ހުރެއެވެ.

"ﷲގެ ކުޅަދުންވަންތަކަން..." ދެ ލޯ މަރާލައި ފުންނޭވާއެއް ހަށިފުރާ ދޫކޮށްލުމާއެކު ޒެހެންއަށް ހިތާހިތާ ކިޔާލެވުނެވެ.

ހޫރައިންއާ އެންމެ ފުރަތަމަ ބައްދަލުވީ ދުވަސް ޒެހެން ހަނދާންކުރިއެވެ. އެ އަންހެންކުއްޖާގެ މައްޗަށް އޭނާގެ ހިތް ލެނބުނު ގޮތަކީ ވެސް އަޖައިބެކޭ މިހާރު އޭނާ ހިތަށް އަރައެވެ. ހޫރައިންއަކީ ހަޔާތަށް ގެނައުމަށް ޓަކައި ޒެހެންގެ ތަސައްވުރުގައި ކުރަހަމުން އައި އަންހެންވަންތަ ސޫރަތަކާއި ނުބައްދަލު އަންހެންކުއްޖެކެވެ. ހޫރައިން ބެހެއްޓި ދުރުމިނުން އޭނާއާމެދު ޒެހެންގެ ހިތް ވަކިން ބޮޑަށް ޝައުގުވެރިވިއެވެ. ދުވަހަކުވެސް އަންހެންކުއްޖެއްގެ ހިތް ހޯދުމަށް ނުކުރާހާ މަސައްކަތާއި ހިތްވަރު ހޫރައިން ހޯދުމަށް ޓަކައި ޒެހެން ކުރިއެވެ. އަނިޔާލިބިފައިވާ ނަފްސެއްކަން އެނގުނުއިރު ޒެހެންއަށް ހޫރައިންވަނީ މުހިންމުވެފައެވެ. އެ ލޯތްބަށް ބޭނުންވެފައެވެ. ހޫރައިންނޫން އަންހެންކުއްޖަކު ހަޔާތަށް ގެންނަން ބޭނުންނުވާ ދަރަޖައަށް ހިތް ދެވިފައެވެ. އެ ހިތް ރުއްސުމުގައި ﷲ އޭނާއަށް މަގުދެއްކެވިއެވެ. އޭނާއަށް ނޭނގުނަސް އޭނާ ހިނގަމުން އައީ ﷲ ދެއްކެވި މަގުންނެވެ. އެގޮތުގައި ސާބިތުވީތީ ﷲ ވަނީ އޭނާގެ އަނތްބެއްކަމުގައި ހޫރައިން ދެއްވާފައެވެ. އެ ކައިވެނީގައި ބަރަކާތްލައްވާ އެ އަންހެންކުއްޖާގެ ފަރާތުން ޒެހެންއަށް ދަރިއަކު ވެސް ދެއްވައިފިއެވެ. ކުރިއަށްވުރެ މިހާރު ވަކިން ބޮޑަށް ހޫރައިންދެކެ ލޯބިވެ އޭނާއަށް ޒެހެން ބޭނުންވެއެވެ. އޭނާގެ ނިމުން އަންނަންދެން ހަޔާތުގައި ބައިންދަން ބޭނުންވާ ހަމައެކަނި ބައިވެރިޔާ ވެސް މެއެވެ. އޭނާގެ ދަރިފުޅުގެ މަންމައެވެ. މިހާރު ހޫރައިންއަށް ކަމެއްވެއްޖެނަމަ ކެތްކުރާނޭ ގޮތެއް ޒެހެންއަކަށް ނޭނގެއެވެ. މިއަދު އޭނާއަށް ދުނިޔޭގެ ހުރިހާ އުފާވެރިކަމާއި ނިޢުމަތެއް ﷲ ދެއްވުމަށްފަހު އެ ކުރިމަތިކުރުވީ ކޮންފަދަ ބޮޑު އިމްތިހާނަކާ ހެއްޔެވެ. އެކަލާނގެ އެ އަންހެންކުއްޖާއަށް އިންސާފު ހޯދާ ދިނުމަށް ޓަކައި އޭނާ މެދުވެރިއަކަށް ހަދައިފިއެވެ. ހޫރައިންއާ ގުޅޭން ނިންމިއިރު ޚުދު އޭނާއަށް ވެސް އެ އަންހެންކުއްޖާގެ އަނދިރި ހަޔާތުގެ އަސްލެއް ނޭނގެއެވެ. އާއިލާގައި އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ހުރީ އިންސީންގެ މޫނުމައްޗެއްގައި ފޮރުވި ހުރި އިފުރީތެއްކަމެއް ޒެހެން ނުދެނަހުއްޓެވެ. ކައިދިންދެކެ ނަހުޔާނެކޭ އެއްފަދައިން ޒެހެން ލޯބިވެއެވެ. އެމީހުންނަށް ދެރައެއް ލިބޭކަށް ހިތެއް ނޭދެއެވެ. އަބަދުވެސް އެހީތެރިވުމުގައި އޭނާ ދެމިހުއްޓެވެ. ވީއިރު އޭނާއަށް މިފެންނަނީ ﷲގެ ކުޅަދުންވަންތަކަން ނޫން ދެން އެހެން ކޮންކަމެއް ހެއްޔެވެ. އެކަލާނގެ އިޒްނަފުޅާނުލާ ގަހަކުން ފަތެއް ވެސް ހެލިނުލައެވެ. ވިސްނާފިކުރުކުރާ އިންސާނަކަށް އޭނާގެ ވަށައިގެން އެތައް ހެކިތައްވެއެވެ.

ވުޟޫކޮށްލައިގެން އައިސް ޒެހެން ނަމާދަށް އެރިއެވެ. އޭނާއާ ކުރިމަތި ކުރެއްވި އިމްތިހާނުގައި ސާބިތުކޮށްދެއްވުމަށް ދެންނެވިއެވެ. އަދި ކުރިއަށްދާން އޮތް މަގު ފަސޭހަކޮށްދެއްވުމަށް ދެންނެވިއެވެ. ﷲ ފަސޭހަކޮށްދެއްވިކަމެއް މެނުވީ ފަސޭހަވެގެން ނުވެއެވެ. އަނިޔާވެރީންގެ މައްޗަށް އަނބިމީހާއަށް ނަސްރުދެއްވުމަށް ދެންނެވިއެވެ. އަނބިމީހާގެ ފާފަ ފުއްސަވާދެއްވުމަށާއި މިހާދުވަހު އަނބިމީހާ އުފުލި ވޭނާއި ﷲގެ މަގުގައި ސާބިތުވެ ހުރެ އެވީ ކެތްތެރިކަމުގެ އަގު އެންމެ ހެޔޮވެގެންވާ އެންމެ ފުރިހަމަ ގޮތުގައި ދެއްވުމަށް ދެންނެވިއެވެ.

ޒެހެންގެ ލޮލުން ފައިބަމުންދިޔަ ކަރުނަތިކިތައް ތަޅުންމަތީ އޮތް މުސައްލައިގެ ތެރެއަށް އޮބެމުންދިޔައެވެ. އޭނާގެ ކޮންމެ ކަރުނަތިއްކެއްމެ އޭނާގެ ހާލާމެދު ﷲގެ ހަޟްރަތުގައި ހެކިވާނެއެވެ. އެހިތް ރޯވަރެވެ. ހިތުގައި ކުއްލިއަކަށް އުފަންވި ނަފުރަތެވެ. ކައިދިންދެކެ އާދެވިފައިވާ ގަދަ ރުޅިއެވެ. ރުޅިއަކީ އިންސާނާގެ ހަލާކެވެ. ނަފްސުގެ މައްޗަށް އެ ރުޅި ކުރިހޯދަފާނޭތީ ޒެހެން ބިރުގަނެވެ. އޭނާގެ އަނބިމީހާއަށް ދިމާވިފަދަ ދެރަގޮތެއް އެއްވެސް އަންހެނަކު ތަހައްމަލުކުރާކަށް ޒެހެން ނޭދެއެވެ. ކޮންމެ ނަފްސެއްމެ ދުނިޔެއަށް އުފަންވާން މެދުވެރިއެއްކަމުގައި ﷲ ލެއްވީ އަންހެނެކެވެ. އަންހެންދަރިއަކަސް ފިރިހެންދަރިއަކަސް އުފަންވަނީ މައިމީހާގެ ބަނޑުންނެވެ. އަންހެނުން މާތްކުރައްވާ އެމީހުންގެ ފައިތިލަ ދަށުގައި ސުވަރުގެވެއެވެ. ފިރިހެނުންނަށް ބާރުދެއްވީ އަންހެނުން ރައްކާތެރި ކުރުމަށް ޓަކައެވެ. އާއިލާއާއި ދަރީން ރައްކާތެރި ކުރުމަށެވެ. އެމީހުން ނިކަމެތިކޮށް އެމީހުންގެ އިއްފަތްތެރިކަން ފޭރި، އަނިޔާދޭކަށް ނޫނެވެ.

ސަލާންދިން ވަގުތު ޒެހެންއަށް އެނދުގައި ތެދުވެ އިން ހޫރައިން ލޮލުގައި އަޅައިގަތެވެ. ޒެހެން ތެދުވެ މުސައްލަ ފަތްޖަހާލިއެވެ. ދެން އައިސް ހޫރައިން ކައިރީ އެނދުގައި އިށީނެވެ.

"ހޫރް..." ޒެހެން ވާހަކަދައްކަން ބޭނުންވިއެވެ. އެކަންނުވެ އޭނާއަށް އިސްޖަހާލެވުނީ ރޮވެންފެށުމުންނެވެ. ހިތުގައިވީ ކެކުޅުންތައް ޒެހެންއަކަށް ނުހިފެއްޓުނެވެ. ކެތްނުކުރެވި އޭނާއަށް ގިސްލާ ރޮވެނީއެވެ.


"ޒެން. ޕްލީޒް." ޒެހެންގެ ގައިގާ ހިފަހައްޓާލަމުން ހޫރައިންއަށް ބުނެވުނެވެ.

"އައި އޭމް އެންގްރީ. އޭނާ... އޭނާގެ ކުރިމައްޗަށް އަރައިފިނަމަ... އަހަންނަށް... އަހަންނަށް އޭނާ މަރާލެވިދާނެ..." ރޮމުން ގިސްލަމުން ޒެހެން ބުނެލިއެވެ. ހޫރައިންއަށް ލިބިފައި ހުރި ޒަޚަމްތައް ސުމައްޔާއަށްފަހު ދުށް ދެވަނަ މީހަކީ ޒެހެންނެވެ. ކައިދިން ހަމައެކަނި ހޫރައިންގެ އިއްފަތްތެރިކަން ނަގާލީކީ ނޫނެވެ. ހަށިގަނޑުގެ ރީތިކަން ގެއްލުވާލައި ނަފްސާނީ ގޮތުން ވެސް ހޫރައިން ބަލިކަށިކޮށްލީއެވެ. އޭނާއަށް އެ އަންހެންކުއްޖާގެ މައްޗަށް ގަދަވެވިއްޖެއެވެ. އެކަމަކު ﷲ އީ އެންމެ އޯގާވަންތަ ރަސްކަލާނގެއެވެ. އަނިޔާ ލިބެމުންދާ ނަފްސުތަކުގެ އަޑު އެކަލާނގެ އައްސަވައެވެ. ހޫރައިންގެ ގާތަށް ޒެހެން ފޮނުވެއްވީ އެކަލާނގެއެވެ. އެ އަންހެންކުއްޖާގެ އަނދިރި ހަޔާތް އަލިކޮށްދިން ވޮށެއްކަމުގައި ޒެހެންވިއެވެ. ކައިދިންއާއި އޭނާގެ އެކުވެރީންގެ ވަކިތަކުގައި އެރޭ ހޫރައިން ހައްޔާރުވެފައި އޮތް ގޮތް ނުފެނުނަސް، އެކަން ހިނގާ ދިޔަގޮތް މިހާރު ޒެހެންއަށް ސިފަވެއްޖެއެވެ. ހޫރައިން ސަލާމަތައް ތެޅިފޮޅޭނޭވަރާއި ތަދާއިވޭނުން ހަޅޭލަވާނޭވަރު ޒެހެންގެ ސިކުނޑިއަށް ސިފަކުރެވޭއިރު އެ ހިތަށް ކެތްނުކުރެވިގެން ވޭނުން ގިސްލާ ރޮނީއެވެ.

ފަތިސް ނަމާދުކޮށްގެން ޒެހެން އައިސް އެޕާޓްމެންޓަށް ވަނެވެ. ކާމޭޒުގެ ގޮނޑިއެއްގައި އެކަނިމާއެކަނި ހޫރައިން އިންތަން ފެނުނެވެ. ޒެހެން އައިސް އަނބިމީހާގެ ކައިރިން ގޮނޑިއެއް ދަމާލައި އިށީނެވެ. ހޫރައިން އެއިނީ އޭނާގެ އިންތިޒާރުގައިކަން ޒެހެންއަށް އެނގެއެވެ.

"މަންމަ ކައިރިއަށް މިދަނީ." މޭޒުމަތީ ޖޯޑުކޮށްލެވިފައި އޮތް ހޫރައިންގެ ދެ އަތްތިލަމަތީ ޒެހެންގެ އަތްތިލަ ބާއްވާލަމުން ބުންޏެވެ. އެއާއެކު ހޫރައިން ބޯޖަހާލީއެވެ.

"ކީއްކުރަންތޯ ނާހާނަންތަ؟" ހޫރައިންގެ މޫނަށް ބަލަން އިނދެ ޒެހެން ސުވާލުކުރިއެވެ. އެއާއެކު ހޫރައިން ބަދަލުކޮށްލީ ކުލުނުން ފުރިގެންވީ ހިނިތުންވުމެކެވެ. މަޑުމަޑުން ޒެހެންގެ މޫނުގައި ފިރުމާލިއެވެ.

"އައި ޓްރަސްޓް ޔޫ. އައި ވިލް އޯލްވޭޒް ޓްރްސްޓް ޔޫ." ހޫރައިން ބުނެލިއެވެ.

"ތެންކިޔު... ހޫރް ހާސްވެ ކަންބޮޑުވާނެކަމެއްނެތް. ތިގޮތަށް އަހަންނަށް އިތުބާރުކުރޭ. އިންޝާﷲ! ހުރިހާކަމެއް ހަމައަކަށް އެޅޭނެ." ޒެހެންގެ ނިތްކުރި ހޫރައިންގެ ނިތްކުރީގައި ޖައްސާލިއެވެ. ވަގުތުކޮޅަކަށް އެގޮތުގައި ހިމޭންވެ ދެ މީހުން ތިއްބެވެ. ފުރަތަމަ ދުރަށް ޖެހިލީ ޒެހެންނެވެ. ހޫރައިންގެ ކޯތާފަތުގައި ދެ އަތުން ހިފާލިއެވެ. އޭނާގެ ނިތުގައި ޒެހެން ބޮސްދީފައި ގޮނޑިން ތެދުވިއެވެ.

ކޮޓަރީގައި ޓަކިދިން އަޑަށް މިއުނާ މުސްޙަފު ލައްޕާލިއެވެ. ބާލީހާއެކު މުސްޙަފު އެނދުމަތީ ބައްވާލުމާއެކު އޭނާ އެނދުން ފޭބިއެވެ. ކޮޓަރީގެ ދޮރު ހުޅުވަން އޭނާ އައީ ސުމައްޔާކަން ޔަގީންވާތީއެވެ. ފަތިސް ނަމާދަށްފަހު ހެނދުނުގެ ސައިޔާ ދެމެދު އޮންނަ ވަގުތުކޮޅުގައި ސައިތަށްޓެއް ބޯލަން ސުމައްޔާއާ ބައިވެރިވުމަށް އޭނާ މިއުނާއަށް ގޮވާނެއެވެ. އެހެންވެ ކޮޓަރީގެ ދޮރު މިއުނާ ހުޅުވީ ސުމައްޔާއާ ބައްދަލުކުރާށެވެ. އޭނާއަށް ޔަގީންވީ ފަދައިން ދޮރުމަތީ ސުމައްޔާ ހުއްޓެވެ. ނަމަވެސް އެހެން ދުވަސްދުވަހު ސުމައްޔާގެ މޫނުން ފެންނަ ހިނިތުންވުމެއް ނެތެވެ.

"ޒެހެން އެބައިން. އެ ދަރިފުޅުގެ މޫނުން ހީވަނީ ކަމެއް ގޯސްވެއްޖެހެން." ސުމައްޔާ ބުންޏެވެ. (ނުނިމޭ)