ވާހަކަ

ހިތް ރުއްސާނުތޯ

( 14 އެޕްރިލް 2022 އާ ގުޅޭ )

އޭނާއަށް ޔަގީންވީ ފަދައިން ދޮރުމަތީ ސުމައްޔާ ހުއްޓެވެ. ނަމަވެސް އެހެން ދުވަސްދުވަހު ސުމައްޔާގެ މޫނުން ފެންނަ ހިނިތުންވުމެއް ނެތެވެ.

"ޒެހެން އެބައިން. އެ ދަރިފުޅުގެ މޫނުން ހީވަނީ ކަމެއް ގޯސްވެއްޖެހެން." ސުމައްޔާ ބުންޏެވެ.

* * * * *

މޮޅިވެރިކަމުގައިވީ ޒެހެން އިސްޖަހާލީއެވެ. ހޫރައިންގެ މައިމީހާއާ ހަތަރުކަޅި ހަމަކޮށްގެން އިނުން އޭނާއަށް ދަތިވީއެވެ. މިއުނާއަށް ބަލަން އިނދެވުނީ ސުމައްޔާއަށެވެ. އަންހެންދަރިއެއްގެ އިއްފަތްތެރިކަން ބަޔަކު ފޭރިގަނެއްޖެކަން އެނގުމުން ކެތްކުރެވޭނީ ކޮންމަޔަކަށް ހެއްޔެވެ. ދަރިފުޅުގެ ދިރިއުޅުން އާރާސްތުވެ ބާއްޖެވެރިކަމުގައި ލެއްވުމަށް އެދި ﷲއަށް ދެންނެވުން ސުމައްޔާ ދޫކޮށެއްނުލައެވެ. މިއަދު އޭނާއަށް އިވިގެން އެ ދިޔައީ އަންހެންދަރިފުޅަށް އިންސާފު ހޯދާދޭނެކަމުގެ ޔަގީން ޚަބަރެވެ. އެ ނުބައި ޢަމަލު ހިންގީ ކާކުކަން އެނގުނީއެވެ. އެންމެންގެ ކުރިމަތީ ﷲ އެ ނުބައި ޢަމަލު ހިންގި މީހާ ފަޟީޙަތްކުރައްވަންވީ ވަގުތު ޖެހުނީއެވެ.

"ސުމައްޔާ." ދަރިފުޅުގެ ކައިރިން ތެދުވެ މިއުނާ އައިސް ސުމައްޔާގެ ގާތުގައި އިށީނެވެ. އޭނާގެ ކޮނޑުގައި އަތް ބާއްވާލިއެވެ.

"ދަރިފުޅު ރޮނީތަ؟ އެކަމުގައި ދަރިފުޅުގެ ކުށެއްނެތް. މަންމަގެ ހޫރައިންއަށް އުފާވެރި ދިރިއުޅުމެއް ލިބުނީ ޒެންގެ ސަބަބުން. ދަރިފުޅު ހޫރައިން ބަލައިގަތީމަ." ޒެހެން ގުދުވެލައި ފައިގަ ދެ އުޅަންބޮށި ވިއްދާލުމާއެކު ދެއަތްތިލައިގެ ތެރޭ މޫނު ފޮރުވާލި ހިނދު ސުމައްޔާ ވާހަކަދެއްކިއެވެ.

"މިއުނާ... ތީ މިހާރު އަހަރެންގެ ވަރަށް ގާތް އެކުވެރިޔެއް. ތި ޢާއިލާއާ އެހާ ގާތް ކުއްޖެއް ކައިދިންއަކީ. އަހަންނަށް މަޢާފުކުރޭ. އަހަރެން ހޫރައިންނަށް އިންސާފު ލިބެން ބޭނުން. އެކަން ހިނގިފަހުން 6 އަހަރުވީ. އެހެންވިޔަސް އަދިވެސް އަހަރެންގެ ހޫރައިންނަށް އެހެން ހެދި މީހުންނަށް އަދަބުލިބޭން ބޭނުންވޭ."

"ގާތް މީހަކަސް ދުރުމީހަކަސް... އަދި އެއީ އެއްލޭ ހިނގާ އާއިލާގެ މެންބަރަކަށް ވިޔަސް އެކުރީ ބޮޑު ކުށެއް. އެކަން ފޮރުވާނަމަ އެ ދެވެނީ އިތުރު ހިތްވަރެއް. އެކަހަލަ މީހެއްނޫން އަހަންނަކީ. މީނދަ ޒެހެން ކުރިނަމަވެސް އަހަރެން އޭނާ ކުށްވެރިކުރާނަން. އޭނާއަށް ލިބެންޖެހޭ ހައްޤު އަދަބު ލިބޭންދެން އަހަރެން މަޑުން ނުހުންނާނަން." މިއުނާ ބުންޏެވެ.

"މަންމަ އަހަންނަށް އިތުބާރުކުރޭ. ކުރިޔަށްދާންވީ މަގު އަހަންނަށް ވަރަށް ސާފު. މައްސަލަ އަލުން ބަލަންފެށުމުގެ ކުރީން މަންމައަށް ވެސް ހަގީގަތް އެނގެންޖެހޭނެތީ މިއަދު މިއައީ. އަހަރުތަކެއް ފާއިތުވެއްޖެ. އެހެންނަމަވެސް ލަހެއްނުވޭ... މީ މިކަމަށް ﷲ ކަނޑައެޅުއްވި ވަގުތު. އަހަރެން ފަހަތަކަށް ނުޖެހޭނަން. ހޫރައިން ކުރާ އިތުބާރު ގެއްލުނަކަ ނުދޭނަން. މިގެއަށް ކައިދިންއަށް ވަންނާކަށް ދެން ނުކެރޭނެ. އަހަރެން ހޫރް ރައްކާތެރިކުރާނަން. މި އާއިލާއަކީ އަހަރެންގެ ޒިންމާއެއް." އިސްއުފުލާލައި ހަށިގަނޑު ތެދުކޮށްލި ގޮތަށް ޒެހެން ވާހަކަދެއްކިއެވެ. އޭނާއަށް އިތުބާރުކުރާ ފަދައިން ސުމައްޔާ ބޯޖަހާލީއެވެ.

ވައިބްރޭޓްވާން ފެށި ފޯނު ހަމްދޫނުގެ ސަމާލުކަން ހޯދިއެވެ. މޭޒުމަތިން ފޯނު ނަގައި އޭނާ ބަލާލިއެވެ. ގުޅަނީ ޒެހެންކަން އެނގުމުން އޭނާއަށް ލިބުނީ ހައިރާންކަމެވެ. އެ ފޯނުގައި ޒެހެންގެ ނަންބަރު ސޭވްކޮށްފައި އިނަސް އެ ދެމީހުންނަކީ ގާތް ރަޙުމަތްތެރީންނޭ ބުނާހާ އެކުވެރިކަމެއް އޮތް ބައެއް ނޫނެވެ. ފޯނުން ގުޅާ ވާހަކަދައްކައެއް ނުހަދައެވެ. ހޫރައިންއާއި ޒެހެންގެ ކައިވެންޏަށްފަހު ޚާއްޞަ މުނާސަބަތެއްގައި ނޫނީ އެ ދެމަފިރިންނާ ބައްދަލުވެފައެއް ވެސް ނެތެވެ. ހަމްދޫނު ވެސް ބެލީ ދުރުން އުޅެވޭތޯއެވެ.

"ހެލޯ..." ހަމްދޫނު ފޯނުކޯލު ނެގި ގޮތަށް ބުނެލިއެވެ. އެހިނދު ޒެހެން ސަލާމްގޮވާލީއެވެ. އެ ސަލާމް ހަމްދޫނު ބަލައިގަތެވެ. ދެމެދުގައި ވާހަކަދެއްކުނީ ދެނެވެ. ހޫރައިންގެ މައްސަލަ ބަލައި އޭނާއަށް އިންސާފު ހޯދާދޭން ހަމްދޫނު ބޭނުންވާކަން އޭނާ ވަނީ އެކިފަހަރު މަތިން ހޫރައިން އަދި ޒެހެންގެ ގާތުގައި ވެސް ބުނެފައެވެ. ޒެހެން އެދުނީ ހަމްދޫނަށް ވަގުތުވީމާ ބައްދަލުކޮށްލާށެވެ. ހޫރައިންގެ ކޭސްއާ ގުޅިގެން މަޢުލޫމާތު ލިބިފައި ހުރިކަން ޒެހެން ބުންޏެވެ. އޮފީހުގައި އިން ހަމްދޫނު ވަގުތުން ޒެހެންއާ ބައްދަލުކުރަން ބޭނުންވިއެވެ. ނަމަވެސް އޭނާ އިނުން މުހިންމު ދެ ބައްދަލުވުން އޮތުމުން ކުއްލިއަކަށް ހުރިހާކަމެއް ހުއްޓާލާފައި ދާން ދަތިވިއެވެ. އަތުކުރީ އޮތް ގަޑިއަށް ބަލަން އިނދެފައި އަސުރުގެ ފަހުން ގުޅާލާނޭކަމުގައި ހަމްދޫނު ބުންޏެވެ. ފޯނުކޯލު ކަނޑާލީ ޒެހެންނެވެ. އަތުގެ ތެރޭ އޮތް ފޯނަށް ބަލަން ހަމްދޫނަށް އިނދެވުނީ ފުންވިސްނުމެއްގައެވެ. ހޫރައިންގެ ކޭސްއަށް ކުރިއެރުމެއް ލިބެން އުޅޭއިރު ޒެހެންއަށް ލިބުނު މަޢުލާމާތު އޮޅުންފިލުވަން ހަމްދޫނު އިނީ ކެތްމަދުވެފައެވެ. އަމިއްލައަށް އެކިގޮތްގޮތަށް އޭނާ ވިސްނިއެވެ. މޭޒުގައި ތަޅުލާފައި ހުންނަ ވަތްގަނޑު އޭނާ ހުޅުވިއެވެ. ހޫރައިންގެ ފައިލް ނަގައި މޭޒުމަތީ ބައްވާލިއެވެ. އެ ފައިލް ހުޅުވާލުމާއެކު އޭގައިވީ ލިޔުންތައް އޭނާ ބަލަން ފެށިއެވެ.

"ހަމްދޫނު އެހީވާނެ." ސުމައްޔާގެ އަތުގައި ހިފާލައިގެން އިނދެ ހަސީބާ ބުންޏެވެ. އޭނާއަށް ސުމައްޔާ ގުޅާފައި ހޫރައިންއަށް އަނިޔާ ދިން މީހާ އެނގިއްޖެކަން ބުނުމާއެކު އެންމެ ސުކުންތެއް ވެސް މަޑެއް ނުކުރިއެވެ. ޔުނިވަރސިޓީގައި ހުރެފައި ވަގުތުން ނުކުތީއެވެ. ހަލުވި ހިނގުމުގައި އާދެވުނީ ފާޑަކަށް ދުވަމުންނެވެ.

"ޒެން ވެސް ބުނީ ތިހެން. ކުރީން ހެކި ނެތަސް މިހާރު ހެކި ހޯދޭނޭ ބުނި. މައްސަލަ އަލުން ހަމްދޫނު މެދުވެރިކޮށް ބަލަން ފަށާނީކަން ޒެން ބުނީ." ސުމައްޔާ ބުންޏެވެ.

"އޭނާ ކިހިނެއް؟. ހޫރް ރަނގަޅުތަ؟. އެ ދަރިފުޅު ގަބޫލުތަ." ހަސީނާގެ މޫނުގައިވީ ހާސްކަމެވެ. ކަންބޮޑުވުމެވެ. ސުމައްޔާގެ އެންމެ ގާތުގައި ހުރެ ހޫރައިންގެ ހާލު ދުށް މީހަކީ އޭނާ ވިއްޔާއެވެ.

"ހޫރްގެ ކޮންމެކަމެއްގައި ޒެން އުޅޭގޮތް އެނގެއެއްނު. ވަރަށް ދެރަވެފަ ހުރީ. ނަސީބަކުން މިފަހަރު ހޫރް ގަބޫލުވެއްޖެ. ހުރިހާކަމެއް ކިޔައިދިނީ އޭނާ އަމިއްލައަށް. އިތުބާރު ހިފޭ އޯގާތެރި ފިރިއަކަށް ޒެންވާތީ އެ ހިތްވަރު ހޫރަށް އެ ލިބުނީ." ސުމައްޔާ ބުންޏެވެ. އަދި ހުރިހާ ކަމެއް އެނގެން މެދުވެރިވީ ގޮތް ހަސީނާއަށް ސުމައްޔާ ކިޔާދިނެވެ.

ސުޕަމާކެޓުގެ މަތީ ފަންގިފިލާގައި ހަދާފައި ހުރި އޮފީސް ބައިގަ މިއުނާ އިނެވެ. ހުރިހާ ފިހާރައެއްގެ ފައިސާ ގެންނަނާނީ އެތަނަށެވެ. މިއުނާ ބެލުމަށްފަހު ފައިސާތައް ބޭންކަށް ފޮނުވާނީ އެކަމަށް ޚާއްޞަކޮށްފައި ހުންނަ މުވައްޒަފެއް މެދުވެރިކޮށެވެ. އޭނާ ފިހާރައަށް އައީއްސުރެ ކައިދިންނޫން މީހަކާ މެދު ނުވިސްނެވެ. ބޭބެ މުނައްވަރަށް ގުޅާފައި ބައްދަލުވާން ބޭނުންވާކަން ބުނެފިއެވެ. މުހިންމު ވާހަކައެއްކަން ދައްކަން އޮތީ މިއުނާ ބުންޏެވެ. އަދި އެ ވާހަކަދައްކަން ބޭނުންވަނީ މުނައްވަރާއި ޝާހީނާއާ ދެމީހުންގެ ކުރިމަތީގައެވެ. އެކަމާ މުނައްވަރު ސުވާލު އުފެދުނެވެ. އެހެންވިޔަސް ބޭބެގެ އެއްވެސް ސުވާލަކަށް މިއުނާ ޖަވާބެއް ނުދިނެވެ. އިޝާ ނަމާދުން ފައިބައިގެން އެ ގެއަށް މިއުނާ އަންނާނަން ކަމުގައި ބުނެ ފޯނުކޯލު ކުރުކޮށްލީއެވެ.

ކުރިމަތީ ހުރި މޭޒުދޮށުގައި އިން ކައިދިންއަށް އިރުއިރުކޮޅާ ޒެހެންއަށް ބަލާލެވެއެވެ. ޒެހެން ތެދުވީ އޭނާގެ ކުރިމަތީ އިންނަން ވެއްޖެނަމަ ކެތްތެރިކަން ގެއްލި ރުޅިއަށް ކާންދެވިދާނޭހެން ހީވެގެންނެވެ. ހަގީގަތް އެނގިހުރެ އެއްޗެކޭ ނުބުނެ އިނުން ފަސޭހަކަމަކަށް ނުވިއެވެ.

"އިއްޔެ ފަހުން ނައީ ކީއްވެ؟ މިއަދު ވެސް ތިކަނޑާލަނީ ގެއަށް." ޒެހެން ދާންއުޅޭކަން ނަހުޔާނު ގާތު ބުނި ހިނދު ކައިދިން ވާހަކަދެއްކިއެވެ.

"ކޭޑީ އަހަރެން ހޯދަން ދިޔައީ ކީއްވެ؟ އެނގެއެއްނު އޮފީހުގަކަން ހުރީ." ސީރިއަސް ރާގެއްގައި ޒެހެން އަހާލިއެވެ.

"ވައިފް ކައިރިއަށް." ކައިދިން ބުންޏެވެ. ނަހުޔާނުގެ ނަޒަރު ޒެހެންއާއި ކައިދިންއަށް ހިންގާލިއެވެ. އެކަހަލަ ސަމާސާ ޒެހެންއަށް ކަމުނުދާނޭކަން ނަހުޔާނަށް އެނގެއެވެ. އެވަރު ކައިދިންއަށް ވެސް އެނގޭނެޔޭ ނަހުޔާނުގެ ހިތް ބުންޏެވެ. ވީއިރު ކައިދިން އެފަދަ މޭރުމުން ވާހަކަދެއްކި ސަބަބެއް ނުވިސްނުނެވެ.

"ހެ ހެ ހެ... ކުރިން ރޭ އަހަރެން ދިޔައިމަ ވެސް ވައިފް ނުނިކުތް. ޒެން ނެތިސް ދިޔައިމަ ހިތަށް އެރީ ވާހަކަދައްކާލާނޭ ފުރުސަތެއް ލިބިދާނޭ. މެރީކޮށްގެން ދަރިއަކު ލިބުނުއިރު އަހަންނަށް ޒެންގެ ވައިފް އަދި ނުފެނޭ." ޒެހެންގެ މޫނުގައިވީ ސީރިއަސްކަމުގެ އިތުރުން އޭނާ ދަތްކުނޑިވިކާލިތަން ފެނި ކައިދިން ހޭންފެށީއެވެ. ހިތުގައި އޮތް ހަގީގީ ގަސްދު ފަރުދާކޮށް ދުލުން ބޭރުވި ބަސްތައް ސަމާސާއަކަށް އޭނާ ހެދިއެވެ.

"އަހަރެން ނޫޅޭ ގަޑިތަކުގައި ގެއަށް ނާނައްޗޭ." ޒެހެން ބުނެލިއެވެ. ނަހުޔާނަށް ލިބުނީ ހައިރާންކަމެވެ. ފާޑަކަށް ދެ ލޯ ބޮޑުކޮށްލައިގެން އޭނާއަށް އިނދެވުނެވެ. ޒެހެން ވެސް އެ ބުނީ އޭނާ ބުނެދާނޭކަމަށް ނަހުޔާނު ހީނުކުރާ އެއްޗެކެވެ.

"ކަލޭމެން ދެމީހުން އޯކޭތަ؟." ނަހުޔާނަށް އަހާލެވުނެވެ. އެހިނދު ފުރަތަމަ ހިނިތުންވުމެއް ބަދަލުކޮށްލީ ޒެހެންނެވެ. ބޯޖަހާލަމުން އާނއެކޭ ޒެހެން ބުނެލީ ކައިދިންއަށް ވެސް ބަލާލަމުންނެވެ.

"ދޮންބެ ވިސްނައިގެން އުޅޭތި. ނޫރާގެ ދުވަސް އެހެންނޫނީ ހިނގައިދާނެ." ހެވިފައި ހުރި ޒެހެން ބުނެލިއެވެ. ޒެހެން މާނަކުރި ގޮތާއި ޚިލާފަށް ނަހުޔާނު އެ ވާހަކަ ނެގީ މަޖަލެއްގެ ގޮތުގައެވެ. ކައިދިންގެ މިޒާޖާއި އޭނާގެ އުޅުން ހުންނަ ގޮތް އެނގޭތީއެވެ.

"އަންހެނުންގެ ކަންތަކުގައި މީނާ ނުހުއްޓުވޭނެ." ނަހުޔާނު ހެމުން ބުނެލިއެވެ. ކައިދިން ހިނިއައިސްފަ ހުރެ ބޯކަހާލީއެވެ. އެ ކެބިން އިން ޒެހެން ނުކުތީ ދެނެވެ.

އިރުކޮޅަކު ވިސްނަން ކައިދިން އިނެވެ. ހޫރައިން ވާހަކައެއް ދެއްކީބާއޭ ކައިދިންގެ ހިތަށް އަރަނީއެވެ. އެކަމަކު އެ އަންހެންކުއްޖާއަށް ނުކެރޭނެއޭ ވެސް ޒެހެންގެ ހިތް ބުނެއެވެ. އެއްވެސް މީހަކު އޭނާއާ މެދު ޝައްކެއްނުކުރާނޭ ކައިދިންއަށް ޔަގީންވެއެވެ.

"ޔާނު. ޒެންގެ ވައިފްއާ މީޓުވެފަތަ ހުރީ؟. ކޮންކަހަލަ އަންހެންކުއްޖެއް އެއީ." ކައިދިން އަހާލިއެވެ.

"ކިހިނެއްވީ؟. ތި ދައްކަނީ ޒެންގެ ވައިފްގެ ވާހަކަ އިނގޭ. އޭނާ ކިތަންމެ ކޫލްކޮށް ފެނުނަސް ބައެއް ކަންކަމުގައި ވަރަށް ރުޅިގަދަވާނެ." ނަހުޔާނު ބުނެލީ ކައިދިންއަށް ކަމެއް ހަނދާންކޮށްދޭ ފަދައަކުންނެވެ.

"ދެން ބުނެބާ... ކޮންކަހަލަ އަންހެންކުއްޖެއްތަ؟. ޔާނުއަށް ސިފަވަނީ ކިހިނެއް؟." ނަހުޔާނު ދެއްކި ވާހަކައަށް މާބޮޑު ފަރުވާލެއްނެތި ކައިދިން އަނެއްކާވެސް ސުވާލުކުރިއެވެ.

"ކައިދިންއަށް އޭނާ ކަމުނުދާނީ ދީންވެރި، އަޅުވެރި ކުއްޖެއް ވީމަ. ފުރަތަމަވެސް އޭނާ އަޅާފައި ހުންނަ ހެދުން ކޮންމެ މީހަކަށްވެސް ފާހަގަވާނީ. އެކަމަކު އޭނާ ހަމައެކަނި މޫނުއަޅައިގެން ހުރީއެއްނޫން. އޭނާގެ އުޅުން ވެސް ދުށީން. ރީތި އަޚުލާގަކާއެކު ހިތްހެޔޮ ސާލިހު އަންހެންކުއްޖެއް. ޒެން ބުނާހެން ތަފާތު ކުއްޖެއް އެއީ. އެހާ ބަސްމަދު މަޑުމައިތިރި އަންހެންކުއްޖެއް އަހަރެން ނުދެކެން. އެކަމަކު އޭނާ ޒެންއާއެކު ހީނ ސަމާސާ ކުރާތީ އަހަރެން ދުށީން. ޒެން އެ ހުންނަނީ އޭނާއާ ހެދި މޮޔަވެފަ. ކައިދިން ސަމާސާކުރާ ކަހަލަ އަންހެންކުއްޖެއްނޫން އެއީ. ތިހެން އުޅެނިކޮށް ހަގީގަތުގަ ވެސް ޒެން ރުޅި އަތުވެދާނެ." ނަހުޔާނު ބުންޏެވެ.

"އޭނާގެ މޫނު ދުށީންތަ؟ ރީތިތަ؟" ކައިދިން އަހާލިއެވެ.

"ކުޑައައްތައާއި ޒެން ބެލި. ގޭގެ ހުރިހާ އަންހެނުންނަށް ފެނިފަ ހުރީ. އޭނާ ރީތިވާން ޖެހޭނީ ޒެންއަށް އަހަންނަކަށްނޫން. ޔަގީނުން ވެސް ޒެންގެ ހޮވުން ހުތުރެއްނުވާނެ. އެވަރު އަހަރެން ގަބޫލުކުރަން. އެހެންނޫނަސް މޫނު އަޅާފައި ހުރި އަންހެންކުއްޖެއްގެ މޫނު ބަލަން އުޅުން ކަޑަ ދޯ. އާއިލާއެއްކަމަކު އަހަރެން ވެސް ވާނީ ހިލޭ ފިރިހެނަކަށް. ކައިދިން ނުވޭތަ ތިއުޅޭގޮތް ބަދަލުކުރާކަށް. މަޖާކޮށް ފޫހިފިލުވާލުމުގެ ބަދަލުގައި ސީރިއަސް ރިލޭޝަންޝިޕެއް ފަށާބަލަ." ނަހުޔާނު ދައްކަމުންދިޔަ ވާހަކަ ނުނިމެނީސް ކައިދިން ވާހަކަދެއްކިއެވެ.

"އޭނާގެ ޒެންނޫން މީހަކަށް ދަރިއަކު ހުރެޔޭ އަޑުއެހިން." ކައިދިން ބުންޏެވެ.

"ދެޓްސް އިނަފް. ކޮންކަމަކާ ތިހާ ކިއުރިޔަސް ވެގެން ތިއުޅެނީ. އަލަކަށްނޫން ދަރީން ތިބޭ މީހުން ދެވަނަ ކައިވެންޏެއް ކުރަނީ. އެހެންނޫނަސް އަހަންނަށްވުރެ ބޮޑަށް ޒެންއަށް އެނގޭނީ އޭނާގެ އަންހެނުންގެ ވާހަކަތައް ކިޔާދޭން. ކައިދިންގެ ތި ސުވާލުތައް ޒެންއާ ކުރޭ." ނަހުޔާނަށް އުނދަގޫވީއެވެ. ކައިދިންގެ ސުވާލުތަކުގައިވާ ޝައުގުވެރިކަން އޭނާއަށް ބަލައިގަންނަން ފަސޭހަނުވީއެވެ.

ކައިދިން އަޖައިބުވަނީ ހޫރައިންއާ މެދު ތަފާތުކޮށް އެކަކު ވެސް ނުދެކޭތީއެވެ. ހަމައެއާއެކު ހޫރައިން ދެވަނަ ކައިވެންޏެއް ކުރީއޭ ނަހުޔާނު ބުނީތީ އެކަމާ ސުވާލު އުފެދުނެވެ. ޒެހެން ފެނުމުން އޭނާއާ އިންނަން ކުރީން އިނދެގެން ހުރި މީހާ ކައިރިން ހޫރައިން ވަރިވީބާއެވެ. ދަރިއަކީ ކައިވެނީގެ މައްޗަށް ލިބިފައި ހުރި ދަރިއަކަށް ހެދީބާއެވެ. އެހެންނަމަ ހޫރައިން އެވަނީ ޒެހެންއަށް އޮޅުވާލާފައޭ ކައިދިންގެ ހިތާއި ޟަމީރު ވެސް ގޮވާލިއެވެ. ޒެހެން ވެސް އޭނާ ގާތު ބުނަމުން އައީ ކައިވެނި ކުރާން އުޅެނީ ދަރިއަކު ހުންނަ މީހަކާ ކަމެވެ. އެއީ ކިހިނެއް ލިބުނު ދަރިއެއްކަމެއް ނުބުނެއެވެ. ހޫރައިންގެ މާޒީއާ ބެހޭ ގޮތުން ވާހަކަދައްކާ އަޑެއް ކައިދިންއަށް ނީވެއެވެ. ޒެހެންގެ އަނތްބެއްގެ ގޮތުގައި ހޫރައިން ބަލައިގަންނަން ކައިދިންއަށް ދަތިވަނީއެވެ. އަހަރުތަކަކަށްފަހު އޭނާއާ ހޫރައިން ބައްދަލުވީއިރު އެއިނީ އޭނާގެ އެންމެ ގާތް މީހާގެ އަނތްބަކަށް ވެގެންނެވެ. އޭނާއާ ގުޅިފައި އޮތް އާއިލާގެ ތެރެއަށް ވަދެއެވެ. އޭނާއާ ނުހަނު ގާތުގައެވެ. އެކަމަކު ކަމެއްނުކުރެވޭނެހާ ދުރުގައެވެ. ކައިދިންގެ ހަގީގަތް ހޫރައިން ހޯދީބާއެވެ. ހުރިހާކަމެއް އެނގިހުރެ ޒެހެންއާ އޭނާ ކައިވެނި އެކުރީ ކައިދިންގެ ކިބައިން ބަދަލު ހިފަން ގަސްދުކޮށްގެންބާއެވެ. ޔަގީނުން ވެސް ހޫރައިން އޭނާގެ ކިބައިން ބަދަލު ހިފަން ބޭނުންވާނޭކަން ކައިދިންއަށް އެނގެއެވެ.

"އެގެއަށް ނުދާށޭ ޒެން ބުންޏަސް އެއީ ހޫރްގެ އެންގުމެއް." ހިތާހިތުން ކައިދިންއަށް ބުނެލެވުނެވެ.

ހަވީރުގެ ވަގުތެވެ. ކެފޭއެއްގެ ކައިރީ ސައިކަލު ޕާކުކޮށްލުމާއެކު ސައިކަލު މަތީ ހަމްދޫނު ޖައްސާލައިގެން އިނެވެ. އެ މަގުން އަންނަ ސައިކަލުތަކަށް ހަމްދޫނުގެ ނަޒަރު ދަތުރުކުރެއެވެ. އޭނާ އެ އިނީ ޒެހެންގެ އިންތިޒާރުގައެވެ. ގިނައިރުތަކެއްނުވެ ސައިކަލުގައި އަންނަ ޒެހެން އޭނާއަށް ފެނިއްޖެއެވެ. ސައިކަލު މަތިން ފައިބައިގެން ކެފޭގެ ދޮރު ކައިރިއަށް އޭނާ ހިނގައިގަތެވެ. ޒެހެން އައިސް މަޑުކޮށްލީ ހަމަ އެ ދިމާލުގައެވެ. ދެ ޒުވާނުން އެކުގައި ކެފޭއަށް ވަނެވެ. ކުރިއަށް ހުރި ހަމްދޫނުގެ ފަހަތުން އޭނާ ޚިޔާރުކުރި މޭޒުގެ ދޮށުގައި ޒެހެން އައިސް އިށީނެވެ. ދެ ޒުވާނުންގެ މެދުގައި ވާހަކަތައް ފެށުމުގެ ކުރީން ކޮފީއެއް ގެނުވިއެވެ.

"ހަމްދޫނު ހަނދާން އެބަހުރިތަ. އަހަރެން ކައިރީ ހޫރްގެ ވާހަކަ ދެއްކި ދުވަސް... އޭނާއަށް އެހެން ހެދީ ކޮންބައެއްތޯ ހޯދަން ބޭނުމެއްނޫންތޯ ހަމްދޫނު އަހަންނާ ސުވާލުކުރީމެންނު. އަހަރެން ވެސް ހުރީ ހުރިހާކަމެއް އެނގެން ބޭނުވެފަކަން ބުނީން. އެކަމަކު ހޫރަށް މަޖުބޫރުކުރާން ބޭނުންނުވީ. އޭނާ އަމިއްލައަށް އެ ހުރިހާކަމެއް ކިޔާދީފިނަމަ އަދި މައްސަލަ ކުރިޔަށް ގެންދަން އޭނާ ގަބޫލުވެއްޖެނަމަ އަހަރެން ހަމްދޫނާ ކޮންޓެކްޓް ކުރާނަމޭ އެ ދުވަހު ބުނީން. އަހަރެމް މިއަދު ގުޅީ އެހެންވެ... ހުރިހާކަމެއް އެނގިއްޖެ. ކާކުކަން ވެސް އެނގިއްޖެ. ހަމްދޫނަށް ގަބޫލުވެސް ނުކުރެވޭނެ އަހަންނާއި އެ ކުށްވެރިޔާއަކީ ބްރަދާސް ފަދަ ގާތް ދެމީހުންނޭ ބުންޏަސް. މިކަމުގައި އަހަރެންނާއި އާއިލާ ވެސް މިއޮތީ ގުޅިފަ." ޒެހެން ވާހަކަދެއްކިއެވެ.

ހޫރައިން ހުރިހާކަމެއް ކިޔާދިނީ ކީއްވެކަން ޒެހެން ބުންޏެވެ. އަދި ކައިދިންއަކީ ކާކުކަން ވެސް ޒެހެން އޮޅުންފިލުވައިދިނެވެ. އެއާއެކު ހޫރައިންއާއި ކައިދިންއާ ދެމެދު ހިނގި ހުރިހާކަމެއް ޒެހެން ކިޔާދީފިއެވެ. ހަމްދޫނަށް ހުރިހާކަމެއް އެ ހިނގިގޮތަށް އެނގިގެން ނޫނީ ފުރިހަމައަށް އެހީތެރިނުވެވޭނެކަން ޒެހެންއަށް ވެސް އެނގެއެވެ. ހަމްދޫނު ފަރުވާތެރިކަމާއެކު ކަނުލާ އަޑުއެހިއެވެ. އޭނާގެ ސިކުނޑީގައި ޒެހެން ކިޔައިދެމުންދިޔަ ހުރިހާ ވާހަކައެއް ނޯޓުކުރަމުންދިޔައެވެ. ހަމައެއާއެކު ދެން ކަންތައްކުރާން ޖެހޭނޭ ގޮތަކާމެދު ވެސް ހަމްދޫނު ވިސްނައި ރާވަމުންދިޔައެވެ.

"އޭނާ ހޫރުއާ މީޓުކުރާން މަސައްކަތް ކުރޭ. ހީވަނީ އަދިވެސް ބިރުދައްކަން ގަސްދުކުރަނީހެން. އެއްވެސް ކަމެއް އަހަންނަށް އެނގޭ ކަމަކަށް ނުހަދަން. މި ފުރުސަތު ގެއްލިދާނެތީ. އަހަރެމެންނަށް އެނގިއްޖެއޭ ހީވާއިރަށް އޭނާ ފިލަން އުޅެދާނެ. އެކަމުގައި އޭނާއާ އެއްބައިވި މީހުން ވެސް ގެއްލޭނެ. ހަމްދޫނުގެ ލަފައެއް ބުނެބަލަ. ގާނޫނީ ގޮތުން މިކަން ކޮޅެއްގައި ޖެއްސިދާނެތަ. މިވަރުން ހޫރަށް އިންސާފު ލިބިދާނެތަ؟. އިތުރަށް ލަސްކުރާކަށް ބޭނުމެއްނޫން. އަދިވެސް އިތުރު ހެކި ބޭނުންވާނެތަ." ޒެހެންގެ އަޑުގައި ހާސްކަމާއި އެއްވަރަށް ކަންބޮޑުވުން ވެސް ވިއެވެ. (ނުނިމޭ)