ވާހަކަ

ހިތް ރުއްސާނުތޯ

( 3 އެޕްރީލް 2022 އާ ގުޅޭ )

ޒެހެން ފުންމައިގެން ތެދުވިއެވެ. ފާޚާނައިގަ ނެތްކަން އެނގުމުން އޭނާ ކޮޓަރިން ނުކުތެވެ. ސިޓިންރޫމަށް ނުނިކުމެވެނީސް އޭނާގެ ކަންފަތުގައި ޖެހުނީ ގިސްލުމުގެ އަޑެވެ.

ހޫރައިން އާދޭސްކުރާ ހާލު ﷲއަށް ދެންނެވިއެވެ. ފާފަފުއްސަވާދެއްވުމަށެވެ. މާޒީގެ އަނދިރިކަމުގެ ތެރެއަށް އަލުން އޭނާ އެއްލާ ނުލެއްވުމަށެވެ. ﷲގެ ނަސްރު ލިބިގެންވާ އަޅުންގެ ތެރޭ އޭނާ ހިމެނެއްވުމަށެވެ. ހަގީގަތް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. ހުރިހާކަމެއް ހޫރައިން ހިއްސާކުރަމުން އައީ އެކަލާނގެއާއެވެ. އޭނާ އެއްވެސް މީހެއްކައިރީ ނުބުނާ ވާހަކަތަކެވެ. ލަދުވެތި އެތައް ވާހަކައެކެވެ. ހިތްފަޅައިގެންދާވަރުގެ ވާހަކަތަކެވެ. ފަސް އަހަރު ވަންދެން އޭނާ ކެތްކުރީ ކިހިނެއްކަން އޭނާގެ ވެރި ރައްބު މޮޅަށް ދެނެވޮޑިގެންވެއެވެ. ކައިވެންޏަށްފަހު، ފިރިއެއްގެ ލޯތްބާއި އޯގާތެރިކަމުގެ ހިޔަލުގައި ހޫރައިން ވަނިކޮށް ކުއްލިއަކަށް އެ ކަޅު މާޒީއާ ބައްދަލުވުމުން އޭނާގެ ހިތްވަރު އެލިއްޖެއެވެ. ބިރުން ފިތްކެނޑިއްޖެއެވެ. ވަޅުލާފައިވި އެންމެހާ އިހްސާސަކާއި ޖަޒުބާތެއް އޭނާގެ ހަފަރާތުން އައިސް ވަށާލައިފިއެވެ. ކުރިޔަށްދާންވީ މަގު ލޮލަށް ފެންނަ ވަރަށްވުރެ ފުސްވެއްޖެއެވެ. އޭނާ އާދޭސްކުރަމުން އެދަނީ މިކަމުގައި އޭނާއަށް މަގެއް ދެއްކުމަށެވެ. ކައިދިންއާއި ޒެހެންގެ ދެމެދުގައި އޮތް ގާތްކަމާއި ދެފަރާތުގެ އާއިލާގެ މެދުގައި އޮތް ގާތްކަން ހޫރައިންއަށް އެނގުނީ އަދިކިރިޔާއެވެ. އޭނާގެ ކުރިމައްޗަށް ކައިދިން ގެނައުމަށް ﷲ އިރާދަކުރެއްވީ އެކަމުން އަދިވެސް އޭނާ އިމްތިހާނު ކުރުމަށްތޯ ދެންނެވިއެވެ.

"ހޫރް..." މަޑު އަޑަކުން ޒެހެން ގޮވާލިއެވެ.

ދަންވަރުގެ ފަނޑުއަލިކަމުގެ ތެރޭ، ސިޓިންރޫމުގައި މުސައްލަ މަތީ ހޫރައިން ސަޖިދައިގަ އޮވެ ރޮމުން ގިސްލާ އަޑު ނުކެޑި އިވިއިވި ހުއްޓެވެ. ޒެހެންއަށް ހޭލެވުނުއިރު ކޮޓަރީގައި ހޫރައިން ނެތީ ކީއްވެކަން އެނގުނެވެ. އެހެންޏާ ދެމަފިރިން ވެސް ދަމު ނަމާދު ކުރާނީ ކޮޓަރީގައެވެ. ޒެހެންއަށްވުރެ ގިނަ ރަކުއަތް އަބަދުވެސް ހޫރައިން ކުރެއެވެ. ސަޖިދައިގެ ގިނައިރު އޭނާ އޮވެއެވެ. ނަމަވެސް މިރޭ އޭނާއަށް ފެންނަ ހޫރައިން ތަފާތެވެ. ރޮމުން ގިސްލަމުން އޭނާ ﷲއަށް ދަންނަވަނީ ކޮންކަމެއްބާއެވެ. އެ ހިތަށް ދަތިކުރުވަނީ ކޮން ކަމެއް ހެއްޔެވެ. ޒެހެންއާ އެ ހިތާމަތައް ހިއްސާނުކުރަނީ ކީއްވެބާއެވެ. އޭނާއަކީ ފިރިމީހާއެވެ. ހަޔާތުގެ ބައިވެރިޔާއެވެ. ހޫރައިން ރައްކާތެރިކޮށް އޭނާއަށް އެހީވާން ހުރި މީހާއެވެ. ޒެހެންގެ ހިތް މޮޅިވަމުން އައިވަރަކަށް ހިތުގައި ސުވާލުތައްވީ ގިނައެވެ. އޮފީހުން ގެއަށް އައިއްސުރެ އަނބިމީހާއަށް ބަދަލުތަކެއް އައިސްފައިވާކަން ޒެހެންއަށް ފާހަގަވެއްޖެއެވެ. މަޑުމަޑުން ހޫރައިންގެ ކައިރިއަށް ޒެހެން އައެވެ. ލޯބިވާ އަނބިމީހާގެ ރުއިމުގެ އަޑު އަހަން ހުރުން ދަތިވީއެވެ. އެތައްއިރެއްވީއިރު ވެސް ހޫރައިން ސަޖިދައިން ނުތެދުވިއެވެ. މަޑުމަޑުން ހޫރައިންއަށް އޭނާ ގޮވާލިއެވެ. ގާތުގައި އޭނާ ވެސް އެބަހުރިންކަން އިހްސާސްކޮށް ދިނުމަށެވެ.

ހެނދުނު ސައިބޮއެ ޒެހެން އޮފީހަށް ދާން ނުކުތެވެ. ރޭގައި ފެނުނު ކަންކަމާމެދު އޭނާ ސުވާލުކުރާން ހިތަށް އެރިއެވެ. ނަމަވެސް ދުލާ ހަމައަށް އެއިން ސުވާލެއް ނުގެނެވުނެވެ. ހޫރައިންއާ ހަރުކަށިކޮށް ވާހަކަދައްކާކަށް ޒެހެން ބޭނުމެއްނުވެއެވެ. ގަދަކަމުން މަޖުބޫރުން ކަމެއް އޮޅުންފިލުވުން ހައްލުކަމުގައި ޒެހެން ނުދެކޭތީއެވެ.

"ދަރިފުޅު..." ހޫރައިން ގޮވާލީމާ ވެސް ޔޫކް ބަލާލީ ދެރަވެފައި އިންހެނެވެ. އެކުއްޖާ އިއްޔެއިން ފެށިގެން އިންނަނީ ބަސްމަދުވެފައެވެ. ހޫރައިންއަށް ގޮވާލާ އަޑެއް ނީވެއެވެ. އިސްވެ ވާހަކައެއް ނުފަށައެވެ. ހެނދުނުގެ ސައި ވެސް ބުއީ ކުޑަކޮށެވެ.

"ބައްޕަ އަންނަންވާއިރާ ރެޑީވާންޖެހޭނެ." އެއްވެސް ކަމަކާ ނޫޅެ ޔޫކް ހުއްޓި ހުރީމާ ހޫރައިން ބުނެލިއެވެ. ސްކޫލަށް ގެންދަން ޔޫކް ތައްޔާރުކުރާން ހޫރައިން ފެށިއެވެ.

"މަންމީ..." ޔުނީފޯމް ގަމީހުގެ ގޮށް އަޅުވަން ހޫރައިން ހުއްޓާ ޔޫކް ގޮވާލިއެވެ. އެ ކުޑަކުޑަ އަތުން ހޫރައިންގެ ކޯތާފަތުގައި ފިރުމާލިއެވެ. ދަރިފުޅަށް ޖަވާބުދިނުމުގެ ގޮތުން ހޫރައިން ހޫން ލައްވާލިއެވެ.

"މަންމި ދެކެ ޔޫކް ބޮޑުބޮޑަށް ލޯބިވޭ." ޔޫކް ބުންޏެވެ.

"މަންމަ ވެސް ދަރިފުޅުދެކެ ލޯބިވޭ. ކޮއްކޮއާއި ދެ ކުދީންދެކެ ވެސް ވަރަށް ލޯބިވޭ." ހޫރައިން ހިނިތުންވެލިއެވެ. އޭނާގެ މޫނުގައިވީ ޔޫކްގެ އަތްތިލައިގަ ހިފާލަމުން އެ އަތަށް ބޮސްދިނެވެ. އެއާއެކު އަނެއްކާވެސް ޔޫކް ގޮވާލިއެވެ. ވާހަކައެއް ބުނާން އުޅެފައި އެކުއްޖާ ނުބުނަން ހަނުހުރި ކަހަލައެވެ.

ޒެހެން އައުމުން ސުކޫލަށް އެ ހިމޭންކަމުގައި ޔޫކް ގެއިން ނުކުމެގެން ދިޔައީއެވެ. ލޯ މަތިން ދަރިފުޅު ގެއްލުމާއެކު ހޫރައިންގެ މޫނުމަތި ވެއްޓިއްޖެއެވެ. ދައްކަމުން އައީ ހިނިތުންވުން ގެއްލުނީއެވެ. ލޮލުގައިވީ ފިނިކަން ކެނޑި މުޅި މީހާ މޮޅީގެ ސާލެއް އޮޅާލެވިފައިވާ ކަހަލައެވެ. ދެންމެދެންމެ ދެ ލޯ ފެންކަޅިވެދާނޭ ފަދަ ތެތްކަމެއް ލޮލުން ފާޅުވޭވޭ ހުއްޓެވެ.

"ހޫރު... ބަލީތަ؟. ބަލިއްޔާ މިއަދު އަރާމުކޮށްލާ. މަންމަ ކައްކާލަފާނަން. ތިދަނީ އެ ސޮރު ފެންވަރުވަންތަ؟. ގެނޭ މަންމަ އަތައް." ހޫރައިންގެ މިލާފައިވާ މޫނާއި ހަރަކާތްތަކުގައިވީ ލަސްކަން ފާހަގަވެ ސުމައްޔާ ވާހަކަދެއްކިއެވެ. އޭނާ ނިކަން އަވަހަށް އައިސް ހޫރައިންގެ ގާތުގައި ބަދިގެ ތެރޭ މަޑުކޮށްލިއެވެ. މަޑުމަޑުން ހޫރައިންގެ ކޮނޑުގައި އަތާއެކު ފިރުމާލިއެވެ.

މަންމައަށް ޖަވާބެއް ނުދިނީ ހޫރައިންގެ ހާލު އެ މަންމަ ދެނެގަންނާނޭކަން އެނގޭތީއެވެ. ވީގޮތެއް ނޭނގެނީސް އޭނާއަށް ސުވާލުކުރުން މަންމަ ހުއްޓާނުލާނެއެވެ. ކުޑަދަރިފުޅު އުރާލައިގެން ހުރެފައި މަންމަގެ އަތަށް ދިއްކޮށްލިއެވެ. ދެމައިން އެކުއްޖާ ގޮވައިގެން އައިސް ވަނީ ހޫރައިންގެ ކޮޓަރިއަށެވެ. އެނދުގައި އަރިއަކަށް ހޫރައިން އޮށޯވެލީއެވެ. ޔާން ފެންވަރުވައިގެން ނެރި އެކުއްޖާ ރީތިކުރާން ސުމައްޔާ އުޅޭތަން ބަލަން ހޫރައިން އޮތެވެ. މާމަ ދަރިފުޅާ ސަމާސާކުރަމުންދިޔަ މަންމަގެ މޫނުން ފާޅުވާ އަސަރުތަކަށް ފަރުވާތެރިވެ ހޫރައިން ބެލިއެވެ. އެ މަންމައަށް ހަގީގާތް އެނގިއްޖެނަމަ ވާނީ ކިހިނެއްބާއޭ ހޫރައިންގެ ހިތާ ސުވާލުކުރެވުނެވެ. އެ މަންމަގެ ހުރި ހަމައެކަނި އަންހެން ދަރިފުޅަށް އަނިޔާދިން މީހަކީ ޒެހެންއާއި އެ އާއިލާއާ ގާތް މީހަކުކަން އެނގިއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ. އެ މަންމަ ޒެހެންއަށް ނަފުރަތުކޮށްފާނެބާއެވެ.

"ޒެހެންއަށް އެނގޭތަ ދަރިފުޅު ބަލިކަން." ސުމައްޔާ އަހާލިއެވެ. ހޫރައިން މަޑުމަޑުން ބޯހޫރާލީއެވެ.

"އޭނާ އޮފީހަށް ނުގޮސް މަޑުކޮށްފާނެ. ކުޑަކުޑަ ކަމެއްގަ ވެސް ޑަކްޓަރަށްދާން އުޅޭނީ." ހޫރައިން ހާމަކުރީ މީގެ ކުރީން ކަންތައްވެފައި ހުރި ގޮތެވެ. ޒެހެންގެ އާދަތައް ހުންނަ ގޮތެވެ. ސުމައްޔާ ވަކިއެއްޗެއް ނުބުނެ ހީނލީއެވެ. އޭނާގެ ދަރިފުޅުދެކެ ޒެހެން ލޯބިވާވަރު އެ ދެ ލޮލަށް ފެނެއެވެ. އެއީ މަޔަކަށް ހިތްހަމަޖެހުމާއި ހިތާއި ރޫހަށް ވެސް ފިނިކަން ލިބޭ މަންޒަރެކެވެ. ހެޔޮލަފާ ފިރިއަކު ލިބުމެވެ.

ޔާން ކައިރިއަށް ލައިގެން އޮއްވާ ހޫރައިންއަށް ނިދުނީއެވެ. ރޭގައި އޭނާއަށް ނިދުނީ ކުޑަވަގުތުކޮޅެއްގައެވެ. ހޭލެވިގެން ހޫރައިން ކޮޓަރިން ނުކުތްއިރު ޔޫކް ސުކޫލުން އަތުވެއްޖެއެވެ. މަންމަގެ ކެއްކުމުގެ ވަސް ސިޓިންރޫމާ ހަމައަށް އާދެވުމާއެކު ހޫރައިންގެ ނޭފަތުގައި ޖެހުނެވެ.

"ޔޫކަށް ޖޫސްތަށްޓެއް ދީފަ އޭނީ. ހޫރު ވެސް އެއްޗެއް ކާންވީނު." އުނދުން ކައިރީ ހުރި ސުމައްޔާއަށް ހޫރައިން ފެނުމާއެކު ބުނެލިއެވެ.

"މެންދުރަށް އެންމެން އެއްކޮށް އަރާއިރު ކާލާނީ." ހޫރައިން މިހެން އެނބުރި އެތެރެއަށް ހިނގައިގަތީއެވެ. އެޕާޓްމެންޓްގެ ބެލް އަޅާލީ އަޑު އިވުނީ އެވަގުތެވެ. މަންމައަށް ބަލާލާފައި ހޫރައިން ހަލުވިކޮށް ހިނގައިގަތެވެ. ކޮޓަރިއަށް ގޮސް ބުރުގާ އަޅާށެވެ. އޭނާ ހުރީ ގޭތެރޭގައި ލައިގެން އުޅޭ ޓީޝާޓާއި ހަރުވާޅުގައެވެ. ކޮޓަރިއަށް ވަދެފައި ބޮލުން ހެދުން ވައްޓާލުމާއެކު ގޭތެރޭ އަޅާ ބޮޑު ވަށް ބުރުގާ ހެޔޮވަރުކޮށްލިއެވެ. ދެން އަވަހަށް މޫނުފޮތިކޮޅު އައްސަމުން އޭނާ ކޮޓަރިން ބޭރަށް ނުކުތެވެ. އެހިނދު ސިޓިންރޫމަށް ނުކުމެވެން ހުރި ދިމާގައި ޔޫކް ހުއްޓުން އަރާފައި ހުރިތަން ހޫރައިންއަށް ފެނުނެވެ.

"ޔޫކް..." ހޫރައިން ގޮވާލިއެވެ. އޭރު މަންމަ ކޮންމެވެސް މީހަކާ ވާހަކަދައްކާ އަޑު އިވެއެވެ.

ހޫރައިންގެ ހެދުމުގައި ޔޫކް ހިފެހެއްޓިއެވެ. އޭރު ސިޓިންރޫމުގައި ހުރި މީހާއާއި ހޫރައިންގެ ނަޒަރު ސީދާވެއްޖެއެވެ. ފަހަތަށް ހޫރައިންއަށް ޖެހިލެވުނީ ބޭއިޚްތިޔާރުގައެވެ.

"ޒެހެންއެއްނެތް. މިގަޑީގަވާނީ އޮފީހުގަކަން ނޭނގޭތަ؟." ހޫރައިންއަށް ބުނެވުނެވެ. ސުމައްޔާއަށް ބަލާލެވުނީ ހައިރާންކަމާއެކުއެވެ.

"ގުޅާނުލާ އާދެވުނީ... ހޫރު... ކިހިނެއްތަ؟." ކައިދިން ހިނިތުންވެލިއެވެ.

"ޒެހެންއެއްނެތް." އަނެއްކާވެސް ހޫރައިން ބުނެލިއެވެ. ދެން އޭނާ އެތެރެއަށް ހިނގައިގަތީއެވެ. ބިރާއި ރުޅިއާ އެއްވެފައިވާ ޖަޒުބާތަކުން އެހިތް ތެޅިފޮޅިގަތީއެވެ. ކައިދިންގެ މޫނުގައި ވަކިއަޅައި ނޮޅާލަން ހޫރައިންގެ ހިތް އެދެއެވެ. ހަމައެހިނދުން އެކަމުން މަނާވެ ގަނެއްޖެއެވެ. އޭނާގެ ދެއަތް އެ މޫނުގައި އަތްލުމުގެ ސަބަބުން ނަޖިސްވާނޭކަން އެ ހިތް އެއްބަސްވާތީއެވެ. އެ މުޑުދާރު ފިރިހެނާއާ އެއްގޮތަކަށް ވެސް ކުރިމަތިލާކަށް ހޫރައިން ބޭނުމެއްނޫނެވެ. ދުވަމުންކަން އައިސް ކޮޓަރިއަށް ވަދެވުނީ ހޫރައިން ނުދެނަހުއްޓެވެ. އޭނާގެ ހެދުމުގައި ހިފަހައްޓައިގެން ހުރި ޔޫކަށް ސަމާލުކަމެއް ނުދެވުނުކަން ވެސް އޭނާއަކަށް ނޭނގުނެވެ.

"ހޫރައިން..." އިރުކޮޅެއްފަހުން ސުމައްޔާ އައިސް ކޮޓަރިއަށް ވަނެވެ. ހައިރާންކަމުގެ އަސަރާ ގުޅިފައިވާ ސުވާލުތަކެވެ.

"ދަރިފުޅު ކިހިނެއް ތިވާހަކަދެއްކީ. އެއީ ޒެހެންގެ ގާތް ކުއްޖެއްނު. ހަންނާނު ދަރިފުޅޭ ޒެހެން ބުނި މަންމަ ކައިރީ." ސުމައްޔާ ވާހަކަދެއްކިއެވެ.

ހޫރައިން އިސްޖަހައިގެން އެނދުއަރިމަތީ އިށީނދެ އިންގޮތަށް އިނީއެވެ. ސުމައްޔާގެ ވާހަކައަށް އެއްވެސް އެއްޗެކޭ ނުބުންޏެވެ. ފިރިހެނަކަށް ވިޔަސް ގާތް މީހުންނަށް އިހުތިރާމް ކުރާންވާނޭ ބުނެ ސުމައްޔާ ބެލީ ހޫރައިންއަށް ވިސްނާދެވޭތޯއެވެ. މީހުންނަށް އިތުބާރު ކުރުމަކީ ހޫރައިންއަށް ފަސޭހަކަމެއްނޫންކަން އޭނާއަށް އެނގޭތީއެވެ. ހާއްސަކޮށް ފިރިހެނުންނަށެވެ. ކުއްލިއަކަށް ކައިދިން އައުމުން ހޫރައިންއަށްވީ ގޮތެއްކަމުގައި ސުމައްޔާ ނިންމީ ދަރިފުޅުގެ މައްސަލަތަކެއް ހުރިކަން އެނގޭތީއެވެ. މެންދުރު ނަމާދަށް ގޮވައިފިކަން ސުމައްޔާ ހަނދާންކޮށްލަ ދިނެވެ. އޭނާ ވެސް ފެންވަރާ ނަމާދުކޮށްލާން އެޕާޓްމެންޓަން ދަނީކަމުގައި ބުންޏެވެ. އަދި ޔޫކް އެކަނި ކޮޓަރީގައި އެބައިންކަން ބުންޏެވެ. ހޫރައިންއަށް ހަރާކަތެއްކޮށްލެވުނީ ދެނެވެ. މަންމަ ކޮޓަރިން ނުކުތުމުން ފަހަތުން ހޫރައިން ނުކުތެވެ.

ކުރަހާ ފޮތް ހުޅުވާލައިގެން މޭޒުމަތީ ބޯއަޅާލައިގެން ޔޫކް އިނެވެ. އެއީ އޭނާ ކިޔަވާ ފިލާވަޅު ހަދަން އެންމެފަހުން ޒެހެން ގެނެސްދިން ހަދިޔާއެވެ. ކުޑަކުޑަ މޭޒަކާއި ގޮނޑިއެކެވެ. ހޫރައިން އިރުކޮޅަކު ދަރިފުޅަށް ބަލަން ހުއްޓެވެ. ދެން މަޑުމަޑުން ވަދެގެން އައިސް ޔޫކްގެ ގާތުގައި ކަކޫ ޖަހާލިއެވެ. ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ. އެ ފަށުވިކޮޅެއް ފަދަ ބޯ ފަންއިސްތަށިގަނޑުގައި އިނގިލިތައް ޖެހުމުން ހޫރައިންގެ މެޔަށް ތަދުވިއެވެ.

"ޔޫކް..." ހޫރައިން ގޮވާލިއެވެ. ޔޫކް މޭޒުން ބޯހިއްލާލިއެއް ކަމަކު ހޫރައިންއަށް ބަލައެއް ނުލިއެވެ. އެ ދަރިފުޅަށް އައިސްގެން އުޅޭ ބަދަލުގެ ހަގީގަތް ހޫރައިން ދެނަހުއްޓެވެ. އޭނާ އަނެއްކާވެސް ޔޫކްގެ ބޮލުގައި ފިރުމާލިއެވެ.

"ސޮރީ ދަރިފުޅާ... އިއްޔެ މާބާރަށް މަންމައަށް ވާހަކަދެއްކުނީ. ދަރިފުޅު ކުޅެލާހިތުން ހުއްޓަ މާއަވަހަށް ގެއަށް އަންނަން ބުނެވުނީ. ސޮރީ ދަރިފުޅު. އިންޝާﷲ އެހެން ދުވަހަކުން އަދި މަންމަ ދާނަން ކޮއްކޮއާއި ޔޫކް ގޮވައިގެން ޕާކަށް."

"މަންމީ..." ޔޫކް ގޮވާލިއެވެ.

"ލައްބަ ދަރިފުޅު." ހޫރައިން ލޯތްބާއެކު ބުންޏެވެ. އެހިނދު ޔޫކް އެނބުރިލިއެވެ. ހޫރައިންގެ މޫނަށް ފަރުވާތެރިކަމާއެކު ބެލިއެވެ.

"މަންމީ... މަންމި އޯކޭތަ؟." ޔޫކް އަހާލިއެވެ.

ހޫރައިންގެ ހަނދާނަށް އައީ އޭނާގެ ހާލަތު އެންމެ ގޯސްއިރުގައި އެ ދަރިފުޅު ހަމަ އެ ސުވާލު އެގޮތަށް ކުރާ ހަނދާނެވެ. އަމިއްލަ ނަފްސާ ހޫރައިންއަށް އެ ސުވާލު ކޮށްލެވުނެވެ. ހުރިހާކަމެއް ރަނގަޅު ހެއްޔެވެ. ނޫނެކެވެ. ރަނގަޅޭ ބުނާނީ ކިހިނެއް ހެއްޔެވެ. ކައިދިން ދުނިޔޭގައި ހުއްޓާ އޭނާއަށް ދެން ހަމަޖެހިގެން އުޅެވިދާނެ ހެއްޔެވެ. ދެ މީހުން އެކަކުއަނެކަކަށް ނުފެނި މިވީ ކިތައް އަހަރު ހެއްޔެވެ. ވީއިރު އެހާ ފަސޭހައިން ކައިދިންއާ ބައްދަލުވާނޭ އޭނާ ހިޔެއްނުކުރެއެވެ. އެކަމަކު ކަންތައްވީގޮތް ނިކަން ދެކެބަލާށެވެ. ކައިދިން މިވީ ދުރުމީހަކަށް ވެސް ނޫނެވެ. ހޫރައިންއާ ހަމައަށް އޭނާ އެ އައީ ނުހަނު ފަސޭހައިންނެވެ. އޭނާއަށް ނަފުރަތުކުރުން ހައްޤެވެ. އޭނާ ދިން އަނިޔާގެ ބަދަލު ދުވަހަކުވެސް ނުދެވޭނެއެވެ. މިހެން ކަންތައްމިވީ ކީއްވެ ހެއްޔެވެ. ﷲ އޭނާގެ މައްޗަށް ރާއްވަވާފައިވަނީ ކޮންފަދައަކުންބާއެވެ. ކައިދިންގެ އަތްދަށުން އޭނާ ސަލާމަތްކުރައްވާނީ ކޮންދުވަހަކުންބާއެވެ. އެ ނުބައިކަމުން އޭނާއަށް ސަލާމަތްވެވިދާނެ ހެއްޔެވެ. އެއީ މި ދުނިޔެ މަތިން ހޫރައިން މަޢާފުކުރާން ބޭނުންނުވާ ހަމައެކަނި އިންސާނާއެވެ. ފުންހިޔާލުތަކުގައިވީ ހޫރައިންއަށް ދިރުން ގެނުވީ ދަރިފުޅުގެ އަޑެވެ. އެކުއްޖާ މަންމީއޭ ގޮވާލީމައެވެ.

"ލައްބަ ދަރިފުޅު... މަންމަ... މަންމަ އޯކޭ." ހޫރައިން ހިނިތުންވުމެއް ވެރިކޮށްލިއެވެ. ނަމަވެސް ޔޫކްގެ މޫނުން ފެނުނު އަސަރުތަކުން ހީވީ ހޫރައިން ބުނި އެއްޗެއް އެކުއްޖާ ބަލައިނުގަތް ހެންނެވެ. ޔޫކް ބަލަން އިނީ މީގެ ކުރީން ދުވަހަކުވެސް އެކުއްޖާ ހޫރައިންއަށް ނުބަލާ ފަދަ އަސަރަކާއެކުއެވެ. މަޑުމަޑުން ގޮނޑިން ތެދުވި ގޮތަށް އެކުއްޖާ ގޮސް ނެގީ އޭނާގެ ކުޑަ ދަބަހެވެ. ދެން އައިސް ކަބަޑުހުޅުވާލިއެވެ. ވަތްގަނޑުތަކުން އޭނާގެ ބައެއް ހެދުން ނަގަން ފެށިއެވެ. ހާސްކަމާއެކު ހޫރައިންއަށް ކޮޅަށް ތެދުވެވުނެވެ.

"ދަރިފުޅާ... ކީއްތިކުރަނީ؟. ކީއްކުރަން ދަބަހަށް ހެދުން އަޅަނީ؟." ހޫރައިން ސުވާލުކުރިއެވެ.

ދަބަހަށް އެއްޗެހި އެޅުމާއެކު ބުރަކަށީގައި ޔޫކް ދަބަސް އަޅުވާލިއެވެ. މަންމައާ ވާހަކަދެއްކުމެއްނެތި އެކުއްޖާ ކޮޓަރިން ނުކުތެވެ. ދަރިފުޅަށް ގޮވަމުން ފަހަތުން ހޫރައިން އައެވެ. އެކުއްޖާވަނީ ހޫރައިންގެ ކޮޓަރިއަށެވެ. ނިދިފައި އޮތް ކޮއްކޮއަށް ބަލަން އިރުކޮޅަކު ޔޫކް ހުއްޓެވެ. ދެން އެކުއްޖާ ތުއްތު ޔާންގެ ގައިގާ ބައްދައިގަނެ އެކުއްޖާ ނަގަން އުޅުނެވެ.

"ޔޫކް... ކޮއްކޮ ނިދާފައޭ އޮތީ. ކޮއްކޮ ވެއްޓިދާނެ." ހޫރައިންއަށް ބަލާކަށް ނުހުރެވުނެވެ.

"ނޫން މަންމި." ހޫރައިން ކައިރިވާން ނޭދޭކަން ޔޫކް ދައްކާލިއެވެ. އެކުއްޖާ ދެއަތުން ޔާން އުރާލައިފިއެވެ. ހޫރައިންގެ ހިތް ހުއްޓޭވަރުވިއެވެ. ޔޫކް އެ އުޅެނީ ދުވަހަކުވެސް އެކުއްޖާ އުޅުނު ގޮތަކަށް ނޫނެވެ. ނިދީގެ ތެރޭގައިވީ ޔާންއަށް ހޭލެވި އެކުއްޖާ ރޯންފެށިއެވެ. އެހެންވިޔަސް ޔާންގެ ގައިގާ ޔޫކް ހިފަހައްޓާލައިގެން ހުރީ ނިކަން ބާރަށެވެ. އެކުއްޖާ ވެސް ކޮއްކޮ ވެއްޓެން ނޭދޭކަން ހާމަވެއެވެ.

"ދަރިފުޅު!... ޔޫކް!... މަންމަގެ ބަސްއަހާ ދަރިފުޅު!. މަންމަގެ އަޑެއް ނާހާނަންތަ؟. ކޮއްކޮވެއްޓިއްޖެއްޔާ ކޮއްކޮއަށް ވަރަށް ތަދުވާނެ. ޔޫކު ވެސް ދެރަވާނެ... ކޮންތާކަށް ދަރިފުޅު ތިދަނީ. ބަލަ ޔޫކް!." ހޫރައިން ކަންބޮޑުވެ ހާސްވިއެވެ. ޔޫކްގެ އަތުން ގަދަކަމުން ޔާން އަތުލާކަށް ނުކެރުނެވެ. އެކުއްޖާގެ ކައިރިއަށް ގުދުވެ އޮވެ އެކުއްޖާއާ އެއްވަރަށް ހޫރައިން އައެވެ.

"ޔޫކް... ދަރިފުޅު ޕްލީޒް. ކޮންތާކަށް ކޮއްކޮ ގޮވައިގެން ތިދަނީ. މަންމައާ ވާހަކަދައްކަބަލަ." އެޕާޓްމެންޓުގެ މައިދޮރާ ދިމާއަށްކަން ޔޫކް ދަނީ އެނގުމުން އެކުއްޖާގެ އަތުގައި ހޫރައިން ހިފެހެއްޓިއެވެ. ޔޫކްގެ ކުރިމަތީ ދެ ކަކޫ މައްޗަށް ތިރިވިއެވެ. އެކުއްޖާ ހޫރައިންދެކެ ނުރުހިފައި ހުރި ކަހަލައެވެ.

"ދަރިފުޅާ އަނގައިން ބުނެބަލަ. ކޮންތާކަށްތަ ދާން ތިއުޅެނީ. މާމަ ކައިރިއަށްތަ؟." ހޫރައިންއަށް އާދޭސްކޮށްލެވުނެވެ.

"މަންމީ. ޔޫކަށް އެނގޭ މަންމިކަން ހުރިހާކަމެއް ކޮށްދެނީ. އެކަމަކު ޔޫކް މިދަނީ. މަންމި ނެތްތަނަކަށް މިދަނީ. ޔޫކް ކޮއްކޮ ވެސް ބަލާނަން."

"ކީއްވެ؟ ދަރިފުޅުމެން ނެތިއްޔާ މަންމައަށްވާނީ ކިހިނެއް؟." ހޫރައިންއަށް ދަރިފުޅުގެ ދެ ކޮނޑުގައި ހިފަހައްޓާލެވުނެވެ.

"ދޮގު ހަދާކުދީންނަކީ ގޯސްބައެއް. މަންމި ދޮގު ހެދީ... ޔޫކަށް އެނގުނޭ... މަންމި އޯކޭނޫން. މަންމި ދޮގު ހެދީ... ޔޫކް ދާން ބޭނުމީ." ޔޫކް ދެކޮނޑު ހަލުވާލީ ހޫރައިންގެ ދެއަތުން މިނިވަންވާށެވެ.

"ޔޫކް... ސޮރީ ދަރިފުޅު..." ހޫރައިންގެ ހިތުގައި ޖެހިއްޖެއެވެ. ދަރިފުޅުގެ ގައިގާ ބައްދާލެވުނެވެ. ކުޑައެއްކަމަކު ޔޫކްއަކީ ހޫރައިންއަށް އަންނަ ކޮންމެ ބަދަލެއް ދެނެގަންނަ ކުއްޖެކެވެ. އެކަން ހަނދާންނެތުނީ ހޫރައިންނެވެ. އޭނާގެ ހާލަތު އެކުއްޖާ ދެނެގަންނަލެއް އަވަހެވެ. އެހެންވިޔަސް ޔޫކްއަކީ ކުޑަކުއްޖެކެވެ. ދަރިފުޅާ ހުރިހާކަމެއް ހިއްސާކުރާނީ ކިހިނެއް ހެއްޔެވެ.

އެޕާޓްމެންޓުގެ ދޮރު ހުޅުވާއަޑު އިވި ޔޫކާއި ހޫރައިންއަށް ވެސް އެ ދިމާއަށް ބަލާލެވުނެވެ. ގޭތެރެއަށް ވަންތަން ފެނުނީ ޒެހެންނެވެ. އޭނާގެ ނުހަނު ގާތުން މިއުނާގެ އަޑު އިވުނެވެ. ކޮންމެވެސް ކަމަކާ މިއުނާ ހެނީއެވެ. ނަމަވެސް އެ ދެމައިންނަށް ހޫރައިންއާއި ޔޫކް ފެނި ހުއްޓުން އެރިއެވެ.

"ކިހިނެއްމިވަނީ." ހައިރާންކަމާއެކު ޒެހެންއަށް އަހާލެވުނެވެ.

"ޔޫކް ދަނީ." އަނެއްކާވެސް ހޫރައިންގެ އަތުގެތެރެއިން ނުކުމެ ދާން ޔޫކް އުޅުނެވެ.

"ދަރިފުޅު ޕްލީޒް. ތިހެން ނުބުނޭ... ދަރިފުޅުމެންނާ ނުލާ މަންމަ ރޮއެރޮއެ މަރުވެދާނެ. ދަރިފުޅު ދިޔައިމަ ދެން މަންމަދެކެ ލޯބިވާން ހުންނާނީ ކާކު؟. ޔޫކް... ދަރިފުޅު. ސޮރީ... މަންމައަށް މަޢާފުކޮށްދީ."

"ޔޫކް! ދަރިފުޅު... ކޮއްކޮ ރޯއަޑު ނީވޭތަ؟. އާދެބަލަ ބައްޕަ ކައިރިއަށް." ޒެހެން ކުޑަކަކޫ ޖަހާލުމާއެކު ބުންޏެވެ. ޔޫކް ހިނގައިގަތުމުން މިފަހަރު ހޫރައިން އެ ދަރިފުޅުގެ ގައިން ދޫކޮށްލިއެވެ. އޭނާ ދެކަކުލުގައި އަތްތިލަ ޖައްސާލުމާއެކު އިސްއޮބާލީ ނުހަނު ބޮޑަށެވެ. އޭނާއަށް ރޮވެނީއެވެ.

ޒެހެންގެ އަތުގެ ތެރެއަށް ޔޫކް ގެނެސް ލުމާއެކު އެކުއްޖާގެ ބަޑިފަޅައިގެން ހިނގައްޖެއެވެ. ޔޫކްގެ އަތުގެ ތެރެއިން ޒެހެން ފުރަތަމަ އުރާލީ ޔާންއެވެ. އެކުއްޖާ ރޮއެރޮއެ ހިނދެން ކައިރިވަނީއެވެ. ޒެހެން ކައިރީ ހުރި މަންމައަށް ބަލާލިއެވެ. މިއުނާއަށް ވަގުތުން ދަރިފުޅުގެ އިޝާރާތް ފަހުމްވިއެވެ. މިއުނާ ގުދުވެލާ ޒެހެންގެ އަތުން ޔާން ނަގާ އުރާލިއެވެ. އެކުއްޖާ މަސަލަސް ކުރާން މިއުނާ އުޅުނެވެ. ހޫރައިންއަށް ބަލާލާފައި ޒެހެންގެ ސަމާލުކަން ޔޫކަށް ހުއްޓާލިއެވެ.

"ހާދަ ވަރަކަށް ރޮވެނީ... ކޮބާ ހޫރު؟." އެޕާޓްމެންޓުން ނުކުމެގެން އައި ސުމައްޔާއަށް މިއުނާ ފެނި އަހާލިއެވެ. ދޮރުމައްޗަށް އަރާފައި ސުމައްޔާއަށް ވެސް ހުއްޓެވުނީއެވެ.

ޔޫކް އުރާލުމާއެކު އެކުއްޖާއާ ޒެހެން ވާހަކަދެއްކިއެވެ. އެކުއްޖާ ހަމައަކަށް އެޅުމުން ޒެހެން ސުވާލުކުރިއެވެ. ކިހިނެއްތޯވީ އެއްސެވެ. ކުއްލިއަކަށް ޔޫކް ފެށީ ޕާކުގައި ހުއްޓާ އައި ނުދަންނަ ބޭބެއެއްގެ ވާހަކައެވެ. އެ ބޭބެ މިއަދު އެގެއަށް ވެސް އައި ވާހަކައެވެ. އެ ބޭބެ ޔޫކްގެ މަންމައާ ވާހަކަދައްކާގޮތް ކަމުނުދަނީއެވެ. މިހެން ގޮސް ކައިދިން ޕާކުގައި ކަންތައްކުރި ގޮތާއި އޭނާ ދެއްކި ވާހަކަތަކުން ޔޫކަށް އިވިފައި ހުރި ބައެއް ބަސްތަކަށްދަންދެން އެކުއްޖާ ޒެހެންއަށް ކިޔާދީފިއެވެ. ހޫރައިން އެމީހާދެކެ ބިރުގަންނައިރު އެކަން ނުބުނުން އެކުއްޖާއަށް މައްސަލައަކަށްވީއެވެ. ޒެހެންއަށް ދަތްކުނޑިވިކާލެވުނެވެ. ފިރިހެނެއްގެ ގޯނާ ހޫރައިންއަށް ފޯރީކަން މިހާރު އޭނާއަށް ޔަގީންވެއްޖެއެވެ.

"ހޫރައިން... ތެދެއްތަ އެއީ." ޒެހެންއަށް އަހާލެވުނީ ހަރުކަށިކަމާއެކުއެވެ.

"ޔޫކް... މާމައާއެކު އަންނަންވީނު. ހިނގާ ކޮއްކޮ ގޮވައިގެން މާމަމެން ބަޔަށްދާން." މިއުނާ ނިކަން އަވަހަށް ބުނެލިއެވެ. ޒެހެން ނުރުހުންވެފައި ހުއްޓާ އޭނާ ނުދެކެވެ. ދެމަފިރިން ވާހަކަދައްކަން ފުރުސަތު ދީފައި މިއުނާ ގަސްދުކުރީ މާމަ ދަރީން ގޮވައިގެން އެބައިން ނުކުންނާށެވެ.

"ޔޫކް... ދަރިފުޅު ދޭ މާމައާއެކު." ތަޅުންމަތީ ޔޫކް ބަހައްޓަމުން ޒެހެން ވާހަކަދެއްކިއެވެ. މިއުނާގެ އިޝާރާތާއެކު ސުމައްޔާ ވެސް އެނބުރިލީ ނުކުންނާށެވެ. ޔޫކްއާއި ޔާން ގޮވައިގެން މިއުނާއާއި ސުމައްޔާ ދިއުމުން ޒެހެން ދޮރުލައްޕާލިއެވެ. ޒެހެންއަށް ބަލާލަން ނުކެރިފައި ހޫރައިން އިނީއެވެ. އެހިނދު ޒެހެން އައިސް ހޫރައިންގެ ކަނާއަތުގެ މުލައްދަނޑީގައި ހިފާލިއެވެ. ތެދުވާށޭ ބުންޏެވެ. ކިޔަމަންތެރިކަމާއެކު ހޫރައިން ތެދުވިއެވެ. (ނުނިމޭ)