( 18 އެޕްރިލް 2022 އާ ގުޅޭ )
"އޭނާ ހޫރުއާ މީޓުކުރާން މަސައްކަތް ކުރޭ. ހީވަނީ އަދިވެސް ބިރުދައްކަން ގަސްދުކުރަނީހެން. އެއްވެސް ކަމެއް އަހަންނަށް އެނގޭ ކަމަކަށް ނުހަދަން. މި ފުރުސަތު ގެއްލިދާނެތީ. އަހަރެމެންނަށް އެނގިއްޖެއޭ ހީވާއިރަށް އޭނާ ފިލަން އުޅެދާނެ. އެކަމުގައި އޭނާއާ އެއްބައިވި މީހުން ވެސް ގެއްލޭނެ. ހަމްދޫނުގެ ލަފައެއް ބުނެބަލަ. ގާނޫނީ ގޮތުން މިކަން ކޮޅެއްގައި ޖެއްސިދާނެތަ. މިވަރުން ހޫރަށް އިންސާފު ލިބިދާނެތަ؟. އިތުރަށް ލަސްކުރާކަށް ބޭނުމެއްނޫން. އަދިވެސް އިތުރު ހެކި ބޭނުންވާނެތަ." ޒެހެންގެ އަޑުގައި ހާސްކަމާއި އެއްވަރަށް ކަންބޮޑުވުން ވެސް ވިއެވެ.
* * * * *
ރޭގަނޑުގެ ކެއުމަށްފަހު ގޭގެ ހާމަފެންޑާއަށް އަރައި މުނައްވަރާއި ޝާހީނާ ތިއްބެވެ. އޭގެ ދެމީހުން އެކަކުއަނެކަކާ މަޝްވަރާ ކުރިއެވެ. މިއުނާ ދައްކަން އުޅޭ ވާހަކައާ މެދުގައެވެ. ދެމީހުންކުރެ އެކަކަށް ވެސް އެއީ ކޮންވާހަކައެއްކަމެއް ލަފާކޮށްލާކަށް ނޭނގުނެވެ. ޒެހެންއާއި ހޫރައިންގެ ދިރިއުޅުންވަނީ ﷲގެ ރަޙުމަތާއެކު ހަމަޖެހުމާއި އުފާވެރިކަންމަތީއެވެ. މިއުނާގެ ވިޔަފާރިތަކުން ފައިދާ އިތުރުވެއެވެ. އާއިލާގެ މަސްލަހަތު އަބަދުވެސް ރަނގަޅެވެ. ވީއިރު މިއުނާ އެހާ ހާސްވާން ޖެހޭ ކަމެއް އޮވެދާނެބާއެވެ.
"މެޑަމް ބޮސްއާއެކު ޓެރެސްގަ ވަނީ." ގޭގައި މަސައްކަތްކުރާ ޒަމާންވީ ބިދޭސީ މީހާ ދޮރުހުޅުވާލި ހިނދު މިއުނާ ފެނި ޝާހީނާ އިރުޝާދު ދީފައިވާހެން ބުނެފިއެވެ. ޝުކުރުވެރި ގޮތަކަށް ބޯޖަހާލުމާއެކު މިއުނާ އެނބުރި ލިފްޓަށް އެރިއެވެ.
ގޭގެ ހާމަފެންޑާގެ އެއްފަރާތް ގަސްމުށިތަކުން ޒީނަތްތެރިކޮށްފައިވެއެވެ. ގޮދަޑިޖަހާފައިވާ ދިގު ގޮނޑިތައް އެއްކަނެއްގައި ހުއްޓެވެ. މުނައްވަރާއި ޝާހީނާ ތިބީ އެތަނުގައެވެ. މިއުނާ ފެނުމާއެކު ޝާހީނާ ގޮވާލައިފިއެވެ. އަވަހަށް އައުމަށް ބުނެފިއެވެ. އަދި ފިރިމީހާގެ ކޮއްކޮ ގޮނޑީގައި އިށީނުމާއެކު ރޭގަނޑު ކައިފިންތޯ ވެސް އޭނާ އަހައިފިއެވެ. އެ ދެމަފިރިންނަށް ވެސް ފާހަގަކުރެވުނީ މިއުނާގެ މޫނުން ފާޅުވާ ހިނިތުންވުން ފަނޑުވެފައިވާކަމެވެ. އައުބީކަމެއް މިއުނާގެ ހަރަކާތްތަކުގައިވިއެވެ.
"ކިހިނެއްވީ މިއުނާ." ސީރިއަސް ރާގެއްގައި މުނައްވަރު ސުވާލުކުރިއެވެ. ޝާހީނާގެ ނަޒަރު ފިރިމީހާގެ މޫނުން މިއުނާގެ މޫނަށް ހުއްޓުނެވެ.
"މިއައީ ދޮންބޭބެމެންނަށް ކުރީން ނޭނގޭ ވާހަކައެއް ކިޔައިދޭންވެގެން. ހޫރުއާއި ޒެން ކައިވެނިކުރިއިރު އެކަން ސިއްރުކުރީ ޒެން އެގޮތް ބޭނުންވާތީ. އަހަރެން ވެސް ބޭނުންވީ އެގޮތް."
"އެ ދެކުދީން ރަނގަޅުތަ؟" މިއުނާގެ ވާހަކަތަކުން ޝާހީނާއަށް ލިބުނު ހާސްކަމުގައި ނިކަން އަވަހަށް އަހާލިއެވެ. އޭނާއަށް ބަލާލަމުން މިއުނާ ބޯޖަހާލީއެވެ.
"ތިބުނާ ސިއްރެއް ކުއްލިއަކަށް މިހާރު ކިޔައިދޭން ތިއުޅެނީ ކީއްވެ." މުނައްވަރު ސުވާލު އުފެދުނެވެ.
"މަޖުބޫރުވީ. ސިއްރެއްގެ ގޮތުގައި އެކަން ބާއްވައިފިނަމަ އެއީ އެ އަންހެންކުއްޖާ ވެވޭ ބޭއިންސާފެއް. ހަގީގަތް އެނގިހުރެ އެ ވާހަކަ ނުދައްކައިފިނަމަ އޭނާއަށް ލިބުނު އަނިޔާއަށް ދުވަހަކުވެސް އިންސާފެއް ނުލިބޭނެ. ދޮންބޭބެއާ މި އާއިލާގެ އެންމެން ވެސް ގަބޫލުކުރަނީ ހޫރު ކުރީން ކައިވެންޏެއްކޮށްފައި ހުރީއޭ. އަހަރެން އެ އޮޅުން ރަނގަޅުކޮށްނުދިނީ ހަގީގަތް ސިއްރުކުރާންވެގެން. ޒެންގެ ކުރީން ހޫރު މީހަކާ އިނދެފައެއްނެތް. ހޫރުއަކީ ރޭޕް ވިކްޓިމްއެއް. ރޭޕްކުރުމަށްފަހު ހުޅުމާލޭގައި އެއްލާލާފައި އޮތް އަންހެންކުއްޖެއްގެ ވާހަކަ މާލެތެރޭ ވަރަށް ހޫނުވިއެއްނު. އެއީ މީގެ 6 އަހަރު ކުރި. އަހަރެންގެ ހުޅުމާލޭ ފިހާރަ ހުޅުވަން އުޅުނުއިރު. ދޮންބޭބެ ހަނދާން ހުންނާނެ. އެނގޭތަ! އެ އަންހެންކުއްޖަކީ ހޫރް. އޭނާއަށް ދަރިއަކު ލިބުނީ އެކަމުގެ ސަބަބުން. އެއީ ކުރީން ހޫރު މީހަކާ އިނދެގެން ލިބިފައި ހުރި ކުއްޖެއްނޫން."
"އާން! ހަނދާން އެބަހުރި. ރައްޔިތުންގެ ޕްރެޝަރ ވަރަށް ބޮޑުވި. މަޖުލީހުގެ ކޮމިޓީއަށް ވެސް އެ މައްސަލަ ވަން. އަހަންނާއެކު އެ ކޮމިޓީގައި ހަންނާނު ވެސް އިން. އެކުއްޖާއަށް އިންސާފު ހޯދާދޭން އެންމެން ވެސް ބޭނުންވި. އެކަމަކު މައްސަލަ ކުރިޔަށް ގެންދެވޭވަރަށް ހެކިނެތީ. މިއުނާ. އެއީ... އެއީ ހަމަ ހޫރުތަ." މުނައްވަރަށް ބުނެވުނެވެ.
"އެއީ ހޫރު. އެކަން އެނގުނީ ހޫރުއާ އިންނަން ޒެން އުޅުނީމަ. ކައިވެނި ކުރުމުގެ ކުރީން ޒެންއަށް ހުރިހާކަމެއް ސުމައްޔާ ކިޔާދިން. ހޫރުއާ ޒެން ކައިވެނި ކުރީ އެ ހިތި ހަގީގަތް އެނގިހުރެ. އެ އަނިޔާގެ ސަބަބުން ހޫރުގެ މުޅި ދިރިއުޅުން އެވަނީ ބަދަލުވެފައި. އެކުއްޖާ އަދިވެސް އެކަމުން އަރައިނުގަނޭ."
"ސުބްޙާނައްﷲ! ކޮންފަދަ ބޮޑު އަނިޔާއެއް." ހޫރައިންއަށް ލިބިފައިވާ އަނިޔާގެ ވާހަކަތައް މިއުނާ ކިޔާދީ ނިމުމާއެކު ޝާހީނާއަށް ބުނެވުނެވެ.
"ދެރައީ އެކަން ކުރީ އަހަރެމެންގެ ގާތް ކުއްޖަކަށްވީކަން." މިއުނާ ބުންޏެވެ.
"ކާކު؟." މުނައްވަރު ވަގުތުން ސުވާލުކޮށްފިއެވެ. ދެ ލޯ ބޮޑުކޮށްލެވިފައިވާއިރު އޭނާގެ މޫނުގައި ނުތަނަވަސްކަމުގެ އަސަރުވިއެވެ.
"ކައިދިން... ހޫރުގެ ހަގީގަތް ކިޔާދޭން ޖެހުނީ އޭނާގެ ސަބަބުން." މިއުނާގެ އަޑުގައި ފޫހިކަން ވިއެވެ.
"ހަންނާނުގެ ކައިދިން." މަޑުމަޑުން މުނައްވަރަށް ކިޔާލެވުނެވެ.
"އަހަންނަށް އެނގޭ ހަންނާނުއަކީ މިއާއިލާއާ ކިހާ ގާތް މީހެއްކަން. ދޮންބޭބެއަށް އެއީ ކިހާވަރެއްގެ މީހެއްކަން... ކައިދިންއާއެކު އެ ނުބައި ޢަމަލު ހިންގުމުގައި އޭނާގެ އެކުވެރީން ވެސް ބައިވެރިވި. އޭނާ އަހަރެމެންގެ ގެއަށް ވެސް އަތުވެއްޖެ. ހޫރުއާ އަދިވެސް ދިމާކުރަނީ. ހޫރައިން ދެ ދަރީން ގޮވައިގެން ޒެން ހޯދަންވެގެން އޮފީހަށް އައި ދުވަހު ކައިދިން ބައްދަލުވުމަށް ނައިސް ދިޔައީ ހޫރުގެ ފަހަތުން. ޔޫކްގެ ކުރިމަތީ އޭނާ އުޅުނުގޮތް އެކުޑަކުއްޖާ އަހަރެމެންނަށް ކިޔާދިން."
"މިއުނާ... އެނގޭތަ ތިބުނެވެނީ ކީކޭކަން." މުނައްވަރަށް އިށީނދެ އިނުން ދަތިވިއެވެ. ހަންނާނަށް އެ ވާހަކަތައް އިވުމުން ވާނޭ ގޮތާމެދު މުނައްވަރު ކަންބޮޑުވަނީއެވެ. ތުހުމަތު އެޅިފައި އެވަނީ ހަންނާނުގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅުގެ ބޮލުގައެވެ.
"މުނައްވަރު. މިއުނާ ވެސް ހަގީގަތެއްނެތި އެވަރުގެ ވާހަކައެއް ނުދައްކާނެ." ފިރިމީހާގެ ހަރަކާތްތަކަށް ބަލަން އިނދެފައި ޝާހީނާ ބުންޏެވެ.
"އެކަމަކު..." މުނައްވަރަށް ބުނެވުނެވެ.
ކައިދިންއާއި ހޫރައިންއާ ދެމެދު ހިނގާފައިވާ ކަންތައްތައް ޒެހެން ކިޔާދިން ފަދައިން މިއުނާ ކިޔާދިނެވެ. އިއްތިފާގެކޭ މީ ބުނެ ނިންމާލެވެން ނެތްކަން މިއުނާ ބުނީ މާނަވީ ގޮތަކަށެވެ. މުނައްވަރަށް ނޭނގި ކަމެއްކުރާން މިއުނާ ބޭނުންނުވާކަން ހާމަކުރިއެވެ. ހޫރައިންއަށް އިންސާފު ހޯދާދޭން ޒެހެން ހުރިކަން ވެސް ބުންޏެވެ.
"މިއުނާއަށް ހަމަ ޔަގީންތަ." މުނައްވަރު ގަބޫލުކުރާން ބޭނުންނުވާ ކަހަލައެވެ. ކުއްލިއަކަށް ޝާހީނާ ތެދުވިއެވެ. މުނައްވަރުގެ ކުރިމައްޗަށް އެރިއެވެ.
"އަހަންނަށް ޔަގީން. މިއުނާގެ ވާހަކަ އަހަރެން ގަބޫލުކުރަން. އަހަންނަށް މުނައްވަރު އެނގޭހެން މިއުނާގެ ގޮތް ވެސް އެނގޭ. މުނައްވަރު ވިސްނާލަބަލަ. އަހަރެމެންގެ ދެ އަންހެން ދަރީން އެބަތިބި. އެތަނުން ކުއްޖަކަށް މިފަދަ ގޮތެއް ދިމާވިނަމަ މުނައްވަރު ތިހާ ސުވާލުގިނަކުރާނަންތަ؟. ޔަގީންނުވެގެން އުޅޭނަންތަ. އަހަރެން ދުށީން... ހޫރުގެ މޫނު ދުށްދުވަހު އެ މޫނުގައި ހުރި ދިގު ލަކުނު. ސުވާލު ނުކުރިޔަސް އަހަރެންގެ ހިތް އެ ދުވަހު ބުނި އެއީ އާދައިގެ ޒަޚަމެއްނޫނޭ. އެކަހަލަ ކިތައް ޒަޚަމް އެ ދަރިފުޅުގެ ހަށިގަނޑުވެޔޭ އެބުނީ. ގަދަކަމުން އިއްފަތްތެރިކަން ނަގާލުމުގެ އިތުރުން ކިހާ ވޭނެއް... އެ ނުބައިކަންތައް ކުރީ އަހަރެންގެ ފިރިހެން ދަރިއެއްނަމަ ނުހުންނާނަން، ދަރިޔަކަށް ވިޔަސް ކުށަށް އަދަބު ލިބޭންޖެހޭނެ." ޝާހީނާ ބުންޏެވެ. އެ އަޑުގައި ހިތްދަތިކަމާއި ރިހުން އެކުލެވިފައި ވިއެވެ.
މުނައްވަރު ހިމޭންކަމުގައި ހުރީއެވެ. ޝާހީނާއަށް ރައްދު ނުދިނީ އަނބިމީހާގެ ވާހަކަތައް ގޯސްކުރެވެން ނެތީމައެވެ. އެހެންވިޔަސް އޭނާގެ ޠަބީޢަތް ބަދަލުވެއްޖެއެވެ. އޭނާ ވިސްނާ ފިކުރު ހިންގަނީއެވެ. 6 އަހަރު ކުރީގެ ހަނދާންތަކެވެ. އޭރުގެ ޚިޔާލުތަކެވެ. ހަންނާނުއާ ދެމެދުގައި ދެކެވިފައި ހުރި އެތައް ވާހަކައެވެ. ކުއްލިއަކަށް ނުވެސް އެނގިހުއްޓާ ބޯމަތިން ހިއްލާލީ ސުނާމީއެއްފަދަ ބޮޑު ރާޅެކެވެ. އެ ރާޅު ބިންދާލައިފިނަމަ އޭނާއާއި ހަންނާނާ ދެމެދު އޮތް ޒަމާންވީ ގާތްކަމަށް ވާނީ ކިހިނެއް ހެއްޔެވެ.
"މިހާ ދުވަސް ފަހުން. 6 އަހަރަކީ މަދު ދުވަސްކޮޅެއްނޫން... އެއީ މާޒީއަށް ނުހެދޭނެތަ. މިއުނާ، ޝާހީނާ... މި މައްސަލަ ފެންމަތިވެއްޖެނަމަ ކައިދިންގެ މުޅި ދިރިއުޅުން ހަލާކުވީ. އޭނާގެ އުމުރު އެކީ ބޭކާރުވީ. ހޫރުގެ ދިރިއުޅުން ބަދަލުވެއްޖެ. މިހާރު އޭނާ އެ އުޅެނީ އުފަލުން. އަހަރެމެންވެސް އޭނާއާމެދު ތަފާތެއްނުކުރަން."
"ދޮންބޭބޭ. މީހަކު އިސްލާހުވާން 6 އަހަރު ނުފުދޭތަ. ހޫރުއަކީ ޒެންގެ އަނބިމީހާ، އޭނާގެ ދަރީގެ މަންމަ، މި އާއިލާގެ ޅީދަރިއެއް، ކައިދިންއަށް އެކަން އެނގިހުރެ އަލުން ހޫރުއާ ދިމާކުރުމުގެ ބޭނުމަކީ ކޮބާ. އޭނާ ވެސް މިހާ ދުވަހު ހުރީ އެކަން މާޒީދޫކޮށްލައިގެން." ދުވަހަކުވެސް ބޭބެއާ އަޑުހަރުކޮށް ވާހަކަދައްކާފައިނުވިޔަސް މިފަހަރު މިއުނާގެ ރާގު ބަދަލުވެއްޖެއެވެ. ބޭބެދެކެ ނުހަނު ބޮޑަށް ހިތްހަމަނުޖެހުނެވެ.
"މިހެންވެ އަންހެންދަރީންނަށް އިންސާފު ނުލިބެނީ. މިހެންވެ އަންހެންދަރީންނަށް ލިބެމުންދާ ގޯނާގެ ވާހަކަ ނުދައްކަނީ. މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމީޓީއަށް ހުށަހެޅޭ މައްސަލަތައް ބަލަން ތިބޭ މީހުންގެ ވިސްނުން ހުރިގޮތް މިފެންނަނީ. ދެން ކިހިނެއް އެ ފަދަ އަންހެން ދަރީންނަށް ލިބޭންޖެހޭ ހައްޤުތައް ލިބޭނީ. މި ދުނިޔެމަތީގައި ކުށްވެރީންނަށް ހައްޤު އަދަބު ދޭންވުމުން ޖެހިލުންވެ ފަސްޖެހޭތީ ހައިރާން ހީވޭ... އަނިޔާ ލިބުނު މީހާ އުފުލިވޭން ކޮބާ. އޭނާގެ ހަޔާތުން ގެއްލުނު ކަންކަން އަގުކުރާނީ ކިހިނެއް؟ އޭގެ ބަދަލު ލިބޭކަށް ނުޖެހޭތަ." ފިރިމީހާއަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު ޝާހީނާގެ ދެ ލޯ ފެންކަޅިވެއްޖެއެވެ. ހޫރައިންދެކެ ދަރިއަކު ފަދައިން ލޯބިވާއިރު އެކުއްޖާ އުފުލި ވޭން އެނގުމުން ޝާހީނާގެ ހިތަށް ދަތިކަން ލިބިފައިވެއެވެ. އެއަށްވުރެ އޭނާގެ ހިތާއި ރޫހަށް އުނދަގޫވެފައިވީ މުނައްވަރު އެކުވެރިޔާއަށް ޓަކައި ކައިދިން ދިފާއުކުރާން އުޅޭތީއެވެ.
"އަހަރެން ދަނީ." މިއުނާ ތެދުވިއެވެ. އޭނާ ދައްކަން އައި ހުރިހާ ވާހަކައެއް ދެއްކިއްޖެއެވެ. މުނައްވަރު ގަބޫލުކުރިޔަސް ނުކުރިޔަސް އޭނާ ފަހަތަކަށް ނުޖެހޭނެއެވެ. މިއުނާ ހުންނާނީ ހޫރައިންއާއި ޒެހެންއާއެކުއެވެ. އޭނާއަށް ވެވެން އޮތް ގޮތަކުން އެ ދެމަފިރިންނަށް އެހީވާނެއެވެ.
މިއުނާ ދިއުމުން އެ ދިމާއަށް މުނައްވަރު ބަލާލިއެވެ. ދެން ކައިރީ ހުރި ޝާހީނާއާ ނަޒަރު ސީދާކޮށްލިއެވެ. އަނބިމީހާ ބަލަން ހުރީ ޝަކުވާގެ ނަޒަރުންނެވެ. އޭނާގެ ކުރިމަތީ މުނައްވަރު ފެއިލްވެއްޖެއޭ ބުނާ ކަހަލައެވެ. ދެ ފަރާތަށް މަޑުމަޑުން ޝާހީނާ ބޯހޫރާލިއެވެ. އެއަށްފަހު އޭނާ ވެސް ހިނގައިގަތީ މުނައްވަރުގެ ކުރިމަތީ ހުންނަން ބޭނުންނުވެގެންނެވެ. ހަށިފުރާ ފިނި ނޭވާއެއް މުނައްވަރު ދޫކޮށްލިއެވެ. ހާމަފެންޑާގެ ރެއިލިންގް ކައިރީ އޭނާ އައިސް މަޑުކޮށްލިއެވެ. ދުރުދުރަށްދާންދެން ފެންނަނީ މާލޭގެ އިމާރާތްތަކެވެ. އެތަނުގައި ވިސްނަން ގަޑިއިރުތަކެއް ވަންދެން މުނައްވަރު ހުއްޓެވެ.
ގޭތެރެއަށް ވަދެގެން އައިސް ނިދާ ކޮޓަރީގެ ދޮރު މުނައްވަރު ހުޅުވާލިއެވެ. އެނދުގެ ފަޑީގައި ލެނގިލައިގެން ޝާހީނާ އިންތަން ފެނުނެވެ.
"އަހަރެން ބޭރަށް މިދަނީ. ތަންކޮޅެއް ލަސްވެދާނެ." ވަގުތުކޮޅަކަށް އަނބިމީހާއަށް ބަލަން މަޑުކޮށްލުމަށްފަހު މުނައްވަރު ވާހަކަދެއްކިއެވެ. ޝާހީނާގެ ފަރާތުން އިޝާރާތެއް ނުވިއެވެ. އެކަން ބަލައިގަންނަން ފަސޭހަނުވިޔަސް ސަބަބު އެނގޭތީ މުނައްވަރު އަޅާނުލީއެވެ. ކޮޓަރީގެ ދޮރު ލައްޕާލާފައި މުނައްވަރު ހިނގައިގަތީ ގެއިން ނުކުންނާށެވެ.
"ކިހިނެއްވީ ކުއްލިއަކަށް ގުޅާލާފަ ގޭގަތޯ އެހީ." ސިޓިންރޫމާ ހަމައަށް ގޭގެ ގެންގުޅޭ މީހާއާއެކު އައި މުނައްވަރު ފެނި ސޯފާއިން ހަންނާނު ތެދުވެގެން އައެވެ.
"ބޮޑުކަމެއް ދިމާވީ. ކައިދިން އެބައުޅޭތަ." މުނައްވަރު ބުންޏެވެ. އޭނާގެ ނަޒަރު ގޭތެރޭގައި އެވަގުތު ހަރަކާތްތެރިވަމުންދިޔަ ހަންނާނުގެ އަންހެން ދަރިފުޅަށް ހުއްޓުނެވެ.
"ބާރަ ޖެހީމަ އޭނާ ގެއަށް ވަންނާނީ. ކައިދިން ހޯދަނީ ކިހިނެއްވީ." ހަންނާނު ހައިރާންވިއެވެ.
"އުޅޭތޯ ބަލާލީ. މިއައީ ހަންނާނާ ވާހަކަދައްކާލަން." މުނައްވަރު ބުންޏެވެ.
"އާދޭ އިށީންނަން. ކޮފީއެއް ބޯލަންވާނެއެއްނު." ހަންނާނު ބުންޏެވެ.
"އަހަރެމެން އެކަނި ވާހަކަދައްކާލެވޭ ތަނަކަށް ހިނގާބަލަ." މުނައްވަރު މިހެން ބުނުމުން އޭނާ އެ އައީ މުހިންމު ވާހަކައެއް ހިފައިގެންކަން ހަންނާނު ދެނެގަތެވެ. ގެންގުޅޭ ކުއްޖާއަށް ދެ ކޮފީ ގެނެސްދޭން ބުނެފައި މުނައްވަރު ގޮވައިގެން ހަންނާނު އައިސް ވަނީ އޭނާގެ ސްޓަޑީއަށެވެ.
"ފަހުމީއާއި ރަޝީދާ ބައްދަލުކުރާން ހަވީރު ދިޔައިން. ޕާޓީތެރޭގައި ކަންތައް ހުރި ގޮތުގެ ވާހަކަދެއްކީ. ޒިޔާދުއާ ހިތްޕުޅާ ނުވެގެން އުޅޭ ދުވަސްކޮޅެއް. އޭނާ ބޭރުކޮށްލެވޭތޯ އެބަލަނީ. އެހެންވެ އެކަމަށް މީހުން އެއްކުރަނީ. އިތުބާރުނެތޭ ބުނެ ބޭރުކޮށްލެވޭނީ އޭރުންތާ." އާދައިގެ ސަމާސާ ރާގުގައި ހަންނާނު ވާހަކަދެއްކިއެވެ. އެހެންވިޔަސް މުނައްވަރު އިނީ ސިޔާސީ ކަމަކަށް ހިޔާލު ހިންގޭ ފަދަ ގޮތަކަށް ނޫނެވެ.
"ހަންނާނު. އަހަރެން މިއައީ ކަމެއް އޮޅުންފިލުވަންވެގެން. ތީ އަހަރެން އިތުބާރުކުރާ ވަރަށް ގާތް އެކުވެރިޔެއް. ހަންނާނުގެ ދަރީންނަކީ އަހަރެން ވެސް ދަރީން ފަދައިން ލޯބިވާ ކުދީންތަކެއް. ތި އެކުވެރިޔާއަށް އަދި ތިއާއިލާއަށް ވެސް ދެރައެއް ލިބޭކަށް އަހަރެން ނޭދެން."
"އަހަރެން ވެސް މުނައްވަރަށް އިތުބާރުކުރަން. ކިހިނެއްވީ... ކޮންކަމެއް އޮޅުންފިލުވަން ބޭނުންވަނީ. އަހަންނަށް އެކަމެއްގެ ޚަބަރު އެނގިފައި އޮތްކަމެއްނަމަ ކިޔާދޭނަން." ހަންނާނު ވަގުތުން ބުންޏެވެ.
"އަހަރެން ހަނދާންވާގޮތުން ކައިދިން ރާއްޖޭން ބޭރަށް ފޮނުވާލީ ހަމަކުއްލިއަކަށް. އޭނާ އެކަނި ބަހައްޓާކަށް ވެސް ހަންނާނު ބޭނުމެއްނުވި. އެކޮޅުގައި ޒެން ކިޔަވަން ހުރީމަ އޭގެ ދެކުދީން އެކުގައި ތިބޭން ހަންނާނު ބާރުއެޅީ. އުޅޭނޭ އެޕާޓްމެންޓެއް ވެސް ހިފައިދިން. އޭރު ވަރަށް ހާސްވެގެން ހަންނާނު އުޅުނީ. ގޯހެއް ހިނގީތަ؟. އަބަދު ބޭރުތެރޭ ރައްޓެހިންނާއެކު އުޅޭއިރު ކަމެއް ހިނގާފާނެ. ކައިދިން ކަމެއްކުރީތަ؟ އެހެންވެތަ އޭނާ ފޮނުވާލީ." މުނައްވަރުގެ ވާހަކައިން ހަންނާނު ހިމޭންވިތަން ދުށްޓެވެ. ކޮފީ ތަބަށް ހިފައިގެން އައި މެއިޑު ދޮރުގައި ޓަކިދިން އެވަގުތެވެ. ދެމީހުން ތިބި މޭޒުމަތީ ކޮފީ ތަބަށް ބަހައްޓާފައި މެއިޑު ނުކުތީއެވެ. ދެން ވެސް ހަންނާނު ވާހަކައެއް ނުދައްކައެވެ. ޚިޔާލަކަށް ގެއްލި އިނދެ އޭނާ ކޮފީ ގިރަން ފެށިއެވެ.
"ތިދައްކަނީ މާކުރީގެ ވާހަކައެއް. ކިހިނެއްވީ، ކައިދިން ކަމެއްކުރީތަ." ޖޯޑުގައި ސަމްސާ މަޑުޖައްސާލުމާއެކު ހަންނާނު އަހާލިއެވެ.
"ޒެހެންގެ އަންހެނުންނާއި ކައިދިން ކުރީން ބައްދަލުވިކަން ދެނަހުރީންތަ. އެ ދެމެދުގައި އޮތީ އާދައިގެ ގުޅުމެއްނޫންކަން އެނގޭތަ." މުނައްވަރު ވެސް ކުރީ ސުވާލެކެވެ. (ނުނިމޭ)