ރައީސް މުހައްމަދު ނަޝީދު

މުލައްދަނޑިން މަސްވެރިން ހިތްވަރު ނެރެން ނަޝީދު އެދިވަޑައިގެންފި

Apr 12, 2022
3

މިފްކޯ އިން ކޫއްޑޫގައި ހިންގާ މަސް ބަނދަރުގައި މަސްވެރިން އިހްތިޖާޖު ކުރަމުން ދަނިކޮށް އިހްތިޖާޖަށް ހިތްވަރު ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު އަމަލުކުރައްވައިފި އެވެ.

ކޫއްޑޫގައި މަސްވެރިން އިހްތިޖާޖުކޮށް ކޫއްޑޫގެ އޮޕަރޭޝަން ވަނީ ހުއްޓުމަކަށް ގެނެސްފަ އެވެ.

އިހްތިޖާޖު ކުރިއަށް ދަނިކޮށް ރައީސް ނަޝީދު މިއަދު ވަނީ މަސްވެރިންނަށް ހިތްވަރު ލިބޭ ގޮތަށް ތަފާތު ޓްވީޓެއް ކުރައްވާފަ އެވެ.

ރައީސް ނަޝީދުގެ ޓްވީޓްގައި މަސްވެރިންނަށް އިޝާރާތް ކުރައްވާފައިވަނީ "ކެޔޮޅާ"ގެ ގޮތުގަ އެވެ. ރައީސް ނަޝީދު ވަނީ "ކެޔޮޅާ ވައި ހުރި ކޮޅަކަށް ނުބަލާ ފަރި އަޅުވާލުމަށް" މަސްވެރިންނަށް އިލްތިމާސް ކުރައްވާފަ އެވެ.

މަސްވެރިންގެ އިހްތިޖާޖަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވަނީ "މަސް ކިރޭނެ ގޮތް ހޯދޭނެ" ކަމަށް ވިދާޅުވެ އިހްތިޖާޖު ކުރަން ހިތްވަރު ވެސް ދެއްވާފަ އެވެ. އަދި މުލައްދަނޑީގެ ބާރު ދައްކައިދޭ އެމޯޖީ އެއް ވެސް އެމަނިކުފާނުގެ ޓްވީޓްގައި ބޭނުންކުރައްވާފައިވެ އެވެ.

ރައީސް ނަޝީދުގެ ޓްވީޓްގައި ބޭނުންކުރައްވާފައިވާ ލަވަ އަކީ ވެސް މަސްވެރިންގެ މަސައްކަތްތައް ފާހަގަކޮށް މަސްވެރިންނަށް ހިތްވަރު ދިނުމުގެ ޖޯޝާއި ރޫހުގައި ހަދާފައިވާ ޅެމަކަށް ރާޅުގަނޑު ބޮޑުބޭރު ގުރޫޕުން ތައްޔާރުކޮށްފައިވާ ފޯރިގަދަ ބޮޑުބެރު ލަވަ އެކެވެ.

ރައީސް ނަޝީދު މިދިޔަ ހަފްތާ މަސްވެރިންގެ ދިފާއުގައި ނެރުއްވި ބަޔާނެއްގައި ވެސް ވަނީ މަސްވެރިންނަށް ވީވައުދު ފުއްދުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ. އެ ބަޔާނުގައި ވެސް އެ މަނިކުފާނު މަސްވެރިންނާ މުހާތަބު ކުރައްވާފައިވަނީ "ކެޔޮޅާ"ގެ ގޮތުގަ އެވެ.

މިދިޔަ ހަފްތާ އިން ފެށިގެން މިފްކޯ އިން މަސް ގަންނަނީ ކޮންމެ ދޯންޏަކުން ފަސް ޓަނެވެ. އެހެންވެ އިހްތިޖާޖުކުރަމުންދާ މަސްވެރިން ގެންދަނީ އެ މީހުން ބާނާފައި ހުރި ހުރިހާ މަހެއް މިފްކޯ އަށް ކިރުމަށް ގޮވާލައި އަޑުއުފުލަމުންނެވެ. އަދި އެގޮތަށް މިފްކޯ އިން އެއްބަސްނުވަނީސް މަސް ދޯނިތައް ކޫއްޑޫ ބަނދަރުން ނުނެރޭނެ ކަމަށްވެސް މަސްވެރިން ދަނީ ބުނަމުންނެވެ.

މިފްކޯގެ އިސްވެރިޔަކު މިއަދު އަވަސް އަށް ވިދާޅުވީ މަސްވެރިންގެ ކަންބޮޑުވުންތައް އެ ކުންފުނިން ބަލައިގަނެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ކުންފުނީގެ ކެޕޭސިޓީ އިތުރުކުރުމަކީ ކުއްލި އަކަށް ކުރެވޭ ވަރުގެ ކަމަކަށް ނުވާތީ މަސްވެރިން އެދުނު ނަމަވެސް މިވަގުތު ކެޕޭސިޓީ އަށް ވުރެ އިތުރަށް މަސް ގަނެވެން ނެތް ކަމަށްވެސް މިފްކޯ އިން ބުނެފައިވެ އެވެ.