މޮޓޯ ސައިކަލް އެކްސިޑެންޓެއްގައި އެއް ފައި ގެއްލިފައިވާ މިސުރުގެ ފެތެންތެރިޔަކު ގިނިސް ވޯލްޑް ރެކޯޑްސްގެ ދެ ރިކޯޑެއް މުގުރާލައިފި އެވެ. އުމަރު ހެގާޒީ ގާއިމް ކުރި ދެ ރެކޯޑުން އެއް ރެކޯޑަކީ އެއް ނޭވާއިން އެންމެ ދުރަށް ފީނި މީހާގެ ރެކޯޑެވެ. ދެ ވަނަ ރެކޯޑަކި ފިންސް ލައިގެން އެއް ނޭވާ އިން އެންމެ ދުރަށް ފީނި މީހާގެ ރެކޯޑެވެ.
ގިނިސް ވޯލްޑް ރެކޯޑްސް ވެބްސައިޓްގައި ވާގޮތުން އުމަރު ވަނީ އެއް ނާވާއިން 56.48 މީޓަރު ދުރަށް ފީނާފަ އެވެ. އުމުރުން 31 އަހަރުގެ އުމަރު ދެ ވަނަ ރެކޯޑް ހެދީ ފުރަތަމަ ރެކޯޑް ހަދައިފައި ތެދުވެ ފިންސް ލައްވައިގެން އަނެއްކާ ވެސް އެއް ނޭވާއިން ފީނައިގެންނެވެ. އެ ފަހަރު އޭނާ ވަނީ 76.7 މީޓަރު ދުރަށް ފަތާފަ އެވެ.
ނަމަވެސް މި ދެ ރެކޯޑް ހެދުމަކީ އުމުރަށް އެހާ ފަސޭހައިން ކުރެވުނު ކަމެއް ނޫނެވެ. މިއީ އޭނާ ގިނަ ދުވަސްތަކެއް ވަންދެން ހިތްވަރާއެކު ކުރި ބުރަ މަސައްކަތުގެ ފޮނި މޭވާ އެވެ.
އުމުރަކީ ބެންކިންގެ ރޮނގުން ކެރިއަރެއް ބިނާ ކުރަން 2015 ގައި ތައްޔާރުވަމުން އައި ޒުވާނެކެވެ. ނަމަވެސް ދިމާވި ނުރައްކާތެރި އެކްސިޑެންޓެއްގައި މުޅި ދިރިއުޅުން އެކޮޅުކޮޅުން ޖެހުނީ އެވެ.
އުމަރު ސައިކަލުގައި ދަނިކޮށް ވަޅުގަނޑަކަށް ވެއްޓުނު ވަގުތު ބާރަށް ދުއްވައިފައި އައި ޓްރެކެއް އޭނާގެ ފައި މަތިން ގޮސް ފައި މުޅިން ޗިސްޗިސްވީ އެވެ. އަދި ފައި ބުރިކޮށްލަން މަޖްބޫރުވީ އެވެ.
އެކަމުގެ ސަބަބުން އުމަރަށް ނަފްސާނީ ގޮތުން ވަރަށް އުނދަގޫތައް ވިއެވެ. ފައި ބުރިކޮށްލައިގެން ހޮސްޕިޓަލުގައި ތިން މަސް ދުވަސް ހޭދަކުރިއިރު އޭނާ ވަނީ ޑިޕްރެޝަންގެ ޝިކާރައަކަށް ވެފަ އެވެ. އަދި އޭނާގެ ހިތާމައިގެ ތެރެއަށް އިތުރު ހިތާމައެއް ލިބުނީ ކައިވެނިކުރަން އެންގޭޖްވެފައިވާ ލޯބިވެރިޔާ ކުއްލިއަކަށް އޭނާ އާ ރުޅިވީމަ އެވެ.
އުމަރު ބުނި ގޮތުގައި އޭނާ ފަތަން ފެށީ އަމިއްލަ ނަފްސު ދެކެ އައިސްފައިވާ ގަދަފަދަ ރުޅިން ސަލާމަތް ވެވޭނެ ގޮތެއް ހޯދުމުގެ ނިޔަތުގަ އެވެ. އޭގެ ފަހުން އޭނާ ފަސް އެނބުރި ބަލައެއް ނުލަ އެވެ. ފަރުބަދައެއް އެރުމާއި ބައިސްކަލުގައި ދުރު ރާސްތާއަށް ދަތުރުކުރުން ފަދަ އެތައް ކަމެއްކޮށް އަލުން ދިރިއުޅުމުގެ އުންމީދު އާ ކުރި އެވެ.
މިހާރު އޭނާގެ މަގްސަދަކީ އޭނާ ކަހަލަ ނުކުޅެދުންތެރިކަން ހުރި މީހުންނަށް ހިތްވަރުދީ ދިރިއުޅުމާ މެދު އެމީހުން ޕޮޒިޓިވްކޮށް ވިސްނުމަށް އިރުޝާދު ދިނުމެވެ. އެގޮތުން ގިނަ ޓީވީ ޕްރޮގްރާމްތަކެއްގައި އުމަރު ދަނީ ބައިވެރިވަމުންނެވެ.