ދުނިޔެ

މިއީ އެކަހެރި ކުރެވޭ ޒަމާނެއް ނޫން: ޕޫޓިން

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވި ގޮތުގައި މިއީ ގައުމެއް އެކަހެރި ކުރެވޭ ޒަމާން ނޫނެވެ. އޭނާ އަދި ވިދާޅުވީ ޖައްވީ މަސައްކަތްތަކުގައި ރަޝިއާއާ ބައިވެރިވާން ގައުމުތަކުން ޝައުގުވެރިވާ ކަމަށާއި ރަޝިއާގެ ވިސްނުމަކީ ބެލަރޫސްއާއެކު ހަނދަށް ދިއުން ކަމަށެވެ.

ޕޫޓިން މިހެން ވިދާޅުވި ސަބަބަކީ ޖައްވީ އެއްވެސް ކަމެއްގައި ރަޝިއާގެ ސްޕޭސް އޭޖެންސީ ރޮސްކޮސްމޮސްގެ އެހީތެރިކަން އެމެެރިކާގެ ޖައްވީ އިދާރާ ނާސާއިން ދެން ނުހޯދާނެ ކަމަށް ބުނުމުންނެވެ. އަދި ނާސާއިން ބުނީ އެކުވެރި ގައުމުތަކާ މަޝްވަރާ ކޮށްގެން ރަޝިއާގެ ސްޕޭސް އޭޖެންސީ ބޯއިކޮޓް ކުރާނެ ކަމަށެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރި ކުރުމުގެ ގޮތުން ދުނިޔޭގެ އިދާރާތަކާއެކު ނާސާ ވެސް ހުރީ ދެތުވެ ކޮޅަށެވެ. ނާސާއިން އަދި ބުނީ މިއީ ޔުކްރޭނާއެކު ތިބެން ޖެހޭ ވަގުތު ކަމަށާއި ރަޝިއާއާ ގުޅުން ބަދަހި ނުކުރާނެ ކަމަށެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި ޖައްވީ ރޭހުގައި އަދި އެހެން ދިމަދިމާއިން ވެސް ދެން އެއްބާރު ލާނީ އެކުގައި މަސައްކަތް ކުރަން އެދޭ ގައުމުތަކާ އެކު އެވެ. ރަޝިއާއަކީ ތަރައްގީގެ ބައިވެރިއެއް ކަމަށް ދެކޭ ކޮންމެ ގައުމަކާއެކު މަސައްކަތް ކުރާނެ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމަ ފެށި ފަހުން ފުރަތަމަ ފަހަރަށް ވެރިރަށް މޮސްކޯއިން ބޭރަށް ވަޑައިގެން ޕޫޓިން ވަނީ ބެލަރޫސްގެ ރައީސް އެލެގްޒެންދަރު ލޫކަޝެންކޯއާ ބައްދަލު ކުރައްވާފަ އެވެ. ދެ ލީޑަރުން ބައްދަލު ކުރެއްވި ކަމަށް ވަނީ ވޮސްތޮޗްނީ ކޮސްމޮދްރޯމްގަ އެވެ.

ލޫކަޝެންކޯއާ ބައްދަލު ކުރައްވައި ޕޫޓިން ވިދާޅުވީ ރަޝިއާ ދެން ހަނދަށް ދާނީ ބެލަރޫސްއާއެކު ކަމަށެވެ. އަދި ރޮސްކޮސްމޮސްއިން ބެލަރޫސްއަށް ތަމްރީން ދޭނެ ކަަމަށް ވިދާޅުވި އެވެ.

ރަޝިއާގެ އުންމީދަކީ ލޫނާ25 ގެ ނަމުގައި އުޅަނދެއް މިއަހަރު ފަހުކޮޅު ހަނދަށް ފޮނުވުން ކަމަށް ޕޫޓިން ވިދާޅުވި އެވެ. އަދި ޖައްވީ ޓެކްނޮލޮޖީ ބެލަރޫސްއާ ހިއްސާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރަޝިއާ އަކީ ޖައްވަށް ފަރިތަ ގައުމެކެވެ. އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ފަޅުވެރިންނާއި ކާގޯ އުފުލުމުގައި ނާސާ ވެސް ބަރޯސާ ކުރަނީ ރޮސްކޮސްމޮސްއަށެވެ. އެހެން ނަމަވެސް ވާދަވެރި ކަމުގައި މިހާރު ދެ ގައުމު އޮތް ހިސާބުން ނާސާއަށް ޖެހޭނީ އެމެރިކާގެ ޕްރައިވެޓް ފާމް، ސްޕޭސް އެކްސްގެ އުޅަނދުގައި ސްޕޭސް ސްޓޭޝަނަށް ކާގޯ އުފުލާށެވެ.